ޗެލްސީގެ މައްޗަށް ލިވަޕޫލް ކުރި ހޯދައިފި
ޗެލްސީގެ މައްޗަށް ލިވަޕޫލް ކުރި ހޯދައިފި

ލަންޑަން (ސެޕްޓެމްބަރު 17) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ 2-1 އިން ލިވަޕޫލް އަތުން ބަލިވެ، އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގައި ޗެލްސީ ފުރަތަމަ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މި މޮޅާ އެކު ލިވަޕޫލް ވަނީ ޗެލްސީއާ ޕޮއިންޓުގެ ގޮތުން ހަމަކޮށްފަ އެވެ. ކުޅުނު ފަސް މެޗުން ލިބުނު 10 ޕޮއިންޓާ އެކު ޗެލްސީ ލީގުގެ ތިން ވަނައިގައި އޮތްއިރު، ލިވަޕޫލް ވެސް ހަމައެވަރަށް ޕޮއިންޓް ހޯދައިގެން އޮތީ ހަތަރު ވަނައިގަ އެވެ. ޗެލްސީ އަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ. އެއް ވަނައިގައި މެންޗެސްޓާ ސިޓީ އޮތީ ހަތަރު މެޗުން 12 ޕޮއިންޓާ އެކު އެވެ.

ރޭގެ މެޗުގެ ކުރިން، ކޮންޓޭގެ ކޯޗުކަމުގައި ކުޅުނު ހަތަރު މެޗުން ވެސް ޗެލްސީ ވަނީ މޮޅުވެފަ އެވެ. މޮޅު ކުޅުމެއް ލިވަޕޫލްގެ ފަރާތުން ފެނުނު މި މެޗުގެ ފުރަތަމަ ހާފް އެ ޓީމުން ނިންމާލީ ދެ ލަނޑުން ކުރީގައި އޮވެގެންނެވެ.

ލިވަޕޫލަށް ލީޑު ނަގައިދިނީ މެޗުގެ 17 ވަނަ މިނިޓްގައި ކްރޮއޭޝިއާގެ ޑިފެންޑަރު ޑޭޔާން ލޮވްރެން އެވެ. މިއީ ލިވަޕޫލަށް ލީގުގައި ކުޅެދިން 54 މެޗުން ލޮވްރެން ޖެހި ފުރަތަމަ ލަނޑެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިވަޕޫލްގެ ދެ ވަނަ ލަނޑު މެޗުގެ 36 ވަނަ މިނިޓްގައި ކާމިޔާބުކުރީ ކެޕްޓަން ޖޯޑަން ހެންޑަސަން އެވެ. އޭރިއާ ބޭރުން ހެންޑަސަން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

ދެ ވަނަ ހާފް ފަށައިގެން ޗެލްސީން ކުޅުން ރަނގަޅުކުރި އެވެ. އެ ޓީމުން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ 61 ވަނަ މިނިޓްގައި ކާމިޔާބުކުރީ ޑިއޭގޯ ކޮސްޓާ އެވެ. މިއީ މި ސީޒަނުގައި ކޮސްޓާ ޖެހި ފަސް ވަނަ ލަނޑެވެ.

މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ ފުރަތަމަ ހާފްގައި ލިވަޕޫލްގެ ފަރާތުން ފެނުނީ ތަފާތު މޮޅު ކުޅުމެއް ކަމަށެވެ.

"ފުރަތަމަ ސިކުންތުން ފަށައިގެން އަހަރެމެން މެޗު ކޮންޓްރޯލް ކޮށްގެން މޮޅަށް ކުޅުނު. އެކަމަކު ދެ ވަނަ ހާފްގައި ޗެލްސީ ލަނޑު ޖެހި ހިސާބުން ފެށިގެން އުނދަގޫވި. އެއީ ޗެލްސީ އަކީ ފަހު ވަގުތުގައި ލަނޑު ޖަހާ ޓީމަކަށް ވުމުން. އެކަމަކު ކުޅުންތެރިން ކުރި ހިތްވަރުން މި ލިބުނީ މުހިއްމު ތިން ޕޮއިންޓް،" ކްލޮޕް ބުންޏެވެ.

މިއީ ކްލޮޕްގެ ކޯޗުކަމުގައި ޗެލްސީ ދަނޑުގައި ލިވަޕޫލުން ހޯދި ދެ ވަނަ މޮޅެވެ. މިދިޔަ ސީޒަނުގައި އެ ޓީމު މޮޅުވީ 3-1 އިންނެވެ. މިއީ ކޮންޓޭ ކޯޗުކޮށްދިން ޓީމެއް އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު 31 މެޗުގެ ތެރެއިން ބަލިވި ފުރަތަމަ ފަހަރެވެ.