07 އޯގަސްޓް 2019 - 18:36

ދަށު ކޯޓުތަކުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އިންތިޚާބުކުރާ މެމްބަރު ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވާދަކުރައްވައިފި އެވެ.
ޖޭއެސްސީގައި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން މިހާރު އިންނަވާ ޖުވެނައިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅުގެ ދައުރު މިމަހު ހަމަވާތީ އެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރުން މި މަހުގެ ފަހުކޮޅު ބާއްވަން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ނިންމައިފަ އެވެ.
މުއްދަތު ހަމަވިއިރު އެ މަގާމަށް ވާދަކުރައްވަނީ އިސް ގާޒީ ހައިލަމްގެ އިތުރުން ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފާއި ގދ. ފިޔޯރީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދެވެ. އެ ތިން ބޭފުޅުންގެ ކެންޑިޑޭޓް ނަމްބަރުތައް މިއަދު ވަނީ ތަރުތީބު ކޮށްފަ އެވެ.
ޖޭއެސްސީގައި ވަކީލުންގެ ތެރެއިން އިންނެވި މެމްބަރު ލަތީފާ ގާސިމްގެ މަގާމު ހުސްވުމުން، އެ މަގާމަށް ވެސް އާ މެމްބަރަކު ދާދިފަހުން ވަނީ އިންތިޚާބުކޮށްފަ އެވެ. އެ މަގާމަށް އިންތިޚާބުވީ ވަކީލް އަބްދުލްމާނިއު ހުސައިންނެވެ.
މީގެ އިތުރުން އާންމުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާ މެމްބަރުގެ ދައުރު ވެސް މިއަހަރު ހަމަވާތީ އެ މަގާމަށް ވެސް ތިން ބޭފުޅަކު މިހާރު ވަނީ ކުރިމަތިލައްވައިފަ އެވެ. އެ މަގާމަށް އައްޔަން ކުރާނެ ބޭފުޅުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.