07 އޯގަސްޓް 2019 - 12:34

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ބޭއްވި ބޮޑު އެއްވުމުގައި ފުލުހުންނަށް ހަމަލާ ދިން ކަމަށް ސާބިތު ޖަލު ހުކުމެއް އައި ގޯލް ކީޕަރު ލަބާން ޝަރީފް، ޔޫތު މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރަކަށް ހަމަޖައްސައިފި އެވެ.
މެއި 1، 2015 ގައި އޭރުގެ އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގައި ފުލުހަކަށް ހަމަލާ ދިނުމުގެ ކުށް ސާބިތުވެ ފަސް އަހަރަށް ލަބާން ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. ނަމަވެސް މެއި 20، 2018 ގައި ޕެރޯލްގެ ދަށުން އޭނާ ވަނީ މިނިވަންކޮށްފަ އެވެ.
ޔޫތުގެ އެގްޒެކެޓިވް ޑިރެކްޓަރަކަށް ލަބާން އައްޔަންކުރެއްވީ އިއްޔެވެ. މިއަދު އޭނާ ވަނީ މަސައްކަތަށް ނިކުމެވަޑައިގެންފަ އެވެ.
ލަބާންއާ އެކު ނަންގަވާފައިވާ ފޮޓޯއަކާ އެކު، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލް ކީޕަރު ޔޫތު މިނިސްޓްރީއާ ގުޅިވަޑައިގަތުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށެވެ. ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ލަބާން ވަނީ ބޮޑެތި ގުރުބާނީތަކެއް ވެފައި ކަމަށް ވެސް ވިދާޅުވި އެވެ.