07 އޯގަސްޓް 2019 - 12:20

މޯލްޑިވިއަންގެ ޓިކެޓިން އޮފީހާއި ކޯލް ސެންޓަރުގެ ހިދުމަތް ސިޓީ ސްކޮޔާ އަށް އިއްޔެ ބަދަލުކޮށްފި އެވެ.
ކުރިން މި ހިދުމަތްތައް ދިނީ ރަސްފަންނު ކައިރީ ހުންނަ ދާރުލް އީމާން އިމާރާތުގަ އެވެ.
މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ، އާ އިމާރާތަކަށް ބަދަލުވީ ޓިކެޓިން އޮފީހާއި ކޯލް ސެންޓަރުގެ މުވައްޒަފުންނަށް މަސައްކަތްކުރާނެ ފަސޭހަ މާހައުލެއް ހޯދަ ދިނުމަށް ކަމަށެވެ. މިކަމުގެ ސަބަބުން، އެތަނަށް ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ވެސް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރީގެ އޮފީހަކީ އަސްލު ޖާގައިގެ ގޮތުން ކުޑަ ތަނެއް. އަޅުގަނޑުމެން އޮފީސް ބަދަލުކުރުމަށް ނިންމީ މި ޖާގައިގެ ދަތިކަން ހައްލުކުރުމަށް. އެމްޑީގެ ބޭނުމަކީ އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފަސޭހައިން މަސައްކަތް ކުރެވޭނެ މާހައުލެއް ހޯދައިދިނުން،" މޫސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަލަށް ހިދުމަތް ދޭން ފެށި ތަނުގައި ކަސްޓަމަރުންނަށް ހިދުމަތްދޭ ކައުންޓަރުތައް ވެސް ގިނަވާނެ ކަމަށެވެ.
މޯލްޑިވިއަނުން އަންނަނީ އެ އެއާލައިނުގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް އެކި މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އިންޓަނޭޝަނަލް ދަތުރުތައް އިތުރުކުރުމަށް އެއާބަސް މަރުކާގެ ބޯޓުތަކެއް ގެންނަން ވަނީ ނިންމައިފަ އެވެ.