07 އޯގަސްޓް 2019 - 10:25

ބްރެޒިލްގެ ޖަލަކުން، އަންހެން ދަރިފުޅުގެ ސިފަ ޖެހިގެން ފިލަން އުޅެނިކޮށް އަތުލައިގަތް މީހާ ޖަލުގައި މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ޖަލު އޮފިޝަލުން ސީއެންއެން އަށް ބުނި ގޮތުގައި ފިލަން އުޅެނިކޮށް ލަދުވެތި ގޮތަކަށް ބޭޒާރުވި، އުމުރުން 42 އަހަރުގެ ކްލޯވީނޯ ޑަ ސިލްވާ އަމިއްލަ އަށް މަރުވީ ކަމަށް ބެލެވެ އެވެ. އޭނާ އަކީ މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅިގެން 73 އަހަރުގެ ޖަލު ހުކުމެއް އޮތް މީހެކެވެ.
ޑަ ސިލްވާ ޖަލުން ފިލަން މަސައްކަތްކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އުމުރުން 19 އަހަރުގެ އަންހެން ދަރިފުޅު ޖަލަށް ޒިޔާރަތްކުރުމުން، ޑަ ސިލްވާ ވަނީ ދަރިފުޅު ޖަލުގައި ބަހައްޓާފައި ދަރިފުޅުގެ ހެދުން އަަޅައިގެން އަދި ދަރިފުޅުގެ ސިފަޔާ އެއްގޮތަށް ހަދާފައިވާ ސިލިކަން މާސްކެއް އަޅައިގެން ޖަލުން ނުކުމެގެން ދާން މަސައްކަތްކޮށްފަ އެވެ.
ރިއޯ ޑި ޖެނީރޯ ސްޓޭޓް ސެކްރެޓަރީ އޮފް ޕްރިޒަނުން ވަނީ ޑަ ސިލްވާ ހައްޔަރުކޮށް، އޭނާގެ މާސްކާއި ހެދުން ބާލުވާ މަންޒަރު ވެސް އާންމުކޮށްފަ އެވެ. އެއާ އެކު މުޅި ދުނިޔޭގެ ސަމާލުކަން އެ ވީޑިއޯ އަށް ލިބުނެވެ.
ޑަ ސިލްވާ ޖަލުން ފިލުވަން އޭނާގެ ދަރިފުޅު މަސައްކަތްކޮށްފައިވާތީ އޭނާގެ މައްސަލަ މިހާރު ބަލަން ވެސް ވަނީ ފަށައިފަ އެވެ. އެގޮތުން ބައްޕައާ ބައްދަލުކުރަން އޭނާ ދިޔައީ މާސްކާއި ވިގް ފަދަ ތަކެތި ހިފައިގެން ކަމަށް ގަބޫލު ކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.
ބްރެޒިލްގެ ޖަލުތަކުގައި ހަމަނުޖެހުން ހިނގުން މި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ. އެގޮތުން ޖުލައި 30 ގައި ވެސް ޖަލެއްގައި ހަމަނުޖެހުން ހިނގައި 57 މީހަކު ވަނީ މަރުވެފަ އެވެ. އަދި 16 މީހެއްގެ ގުނަވަންތައް ބުރިކޮށް ބޮޑެތި އަނިޔާތައް ދީފައިވެ އެވެ.