07 އޯގަސްޓް 2019 - 11:38

ލަންޑަން (އޮގަސްޓް 7) - އިނގިރޭސި ޕްރިމިއާ ލީގުގެ ޓްރާންސްފާ ބާޒާރު މާދަމާ ބަންދުވައިރު، އޭގެ ކުރިން ބާސެލޯނާގެ ބްރެޒިލް މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ އާއި ޔުވެންޓަސްގެ އާޖެންޓީނާ މިޑްފީލްޑަރު ޕައޮލޯ ޑިބާލާ ޕްރިމިއާ ލީގުގެ ކްލަބަކުން ފެނުމުގެ ފުރުސަތު ބޮޑުކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޑިބާލާ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ރޮމެލޫ ލުކާކޫ ބަދަލުކުރަން ކުރި މަޝްވަރާތައް ނިމިފައިވާއިރު، މިހާރު ޑިބާލާ ހޯދުމަށް މަސައްކަތްކުރަމުން އަންނަނީ ޓޮޓެންހަމުންނެވެ. ޓޮޓެންހަމްގެ ޑެންމާކް މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އެ ކްލަބް ދޫކޮށްލާނެކަން ގާތްގަނޑަަކަށް ޔަގީންވެފައިވާއިރު، އެ މަގާމަށް ޑިބާލާ ހޯދަން ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބޭނުންވެ އެވެ.
އިޓަލީގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ޓޮޓެންހަމާއި ޔުވެންޓަސް އިން ވަނީ އަނގަބަހުން ޑިބާލާގެ ޓްރާންސްފާ ކަންތައްތަަކަށް އެއްބަސްވުމަކަށް އައިސްފަ އެވެ. އެއީ ޓޮޓެންހަމުން ޑިބާލާ ގަންނަން 78 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އެއް ދެއްކުމަށެވެ. އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މި ޑީލް ކުރިއަށްދިއުމުގެ ފުރުސަތު ބޮޑެވެ. އެއީ ޕޮޗެޓީނޯ ވަނީ ފޯނުން ގުޅައި ޑިބަލާ އަށް ޓޮޓެންހަމުން އޮތް ފުރުސަތުތައް އޮޅުންފިލުވައިދީފަ އެވެ.
ބާސެލޯނާ އިން ބްރެޒިލްގެ ތަރި ނޭމާ ގެންނަން ކުރާ މަސައްކަތުގެ ތެރެއިން ބާސެލޯނާ އިން ވަނީ އެ ޓީމުގެ މިޑްފީލްޑަރު ކުޓީނިއޯ ދޫކޮށްލަން ނިންމައިފަ އެވެ. އެ ގޮތުން މި ވަގުތު ބާސެލޯނާ އިން ކުޓީނިއޯ ވިއްކާލަން ކިޔާ އަގުގައި އެއްވެސް ޓީމަކަށް އޭނާ ގެނެވެން ނެތެވެ. އެހެން ކަމުން އިނގިރޭސި ހަތަރު ކްލަބަކުން ވަނީ ކުޓީނިއޯ ލޯން އެއްބަސްވުމެއްގެ ދަށުން ގެންނަން ހުށަހަޅައިފަ އެވެ.
ލޯނެއްގެ ދަށުން ކުޓީނިއޯ ގަންނަން ހުށަހަޅާފައިވާ އިނގިރޭސި ހަތަރު ކްލަބަކީ މެންޗެސްޓާ ޔުނައިޓެޑް، އާސެނަލް، ލިވަޕޫލް އަދި ޓޮޓެންހަމް އެވެ. މީގެ ތެރެއިން ލޯން ފީގެ ގޮތުގައި އެންމެ ބޮޑު އަގެއް ދައްކަން ހުށަހެޅީ ޓޮޓެންހަމުންނެވެ. އެ ޓީމުން ވަނީ ލޯން ފީގެ ގޮތުގައި 30 މިލިއަން ޑޮލަރު ދޭން ހުށަހަޅައިފަ އެވެ.
ކުޓީނިއޯ ޕްރިމިއާ ލީގަށް އެނބުރި އަންނަ ނަމަ އޭނާ ބޭނުންވަނީ ލިވަޕޫލަށް ބަދަލުވާން ކަމަށް ކުޓީނިއޯގެ އޭޖެންޓް ކިއާ ޖޫރަބްޝިއާން ވަނީ މީގެ ކުރިން ބުނެފަ އެވެ. އެކަމަކު ޓޮޓެންހަމްގެ ކޯޗު ޕޮޗެޓީނޯއާ އެކު ކުޓީނިއޯ ކުރިން މަސައްކަތް ކޮށްފައިވާތީ އެ ޓީމަށް އޭނާ ބަދަލުވުމުގެ ފުރުސަތު އެބައޮތެވެ
ޓްރާންސްފާގެ އެހެން ހަބަރުތަކަށް ބަލާއިރު އާސެނަލްގެ ކެޕްޓަން ލޯރެން ކޮޝިއެލްނީ އެ ޓީމު ދޫކޮށް ފްރާންސްގެ ބޯޑޯ އަށް ބަދަލުވިއިރު، އެ މަގާމަށް ޔުވެންޓަސްގެ ޑިފެންޑަރު ޑެނިއަަލް ރުގާނީ ގެންނަން އަންނަނީ މަޝްވަރާކުރަމުންނެވެ. އަދި ލިވަޕޫލްގެ ޒުވާން ވިންގް ހެރީ ވިލްސަން ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ބޯންމައުތަށް ސޮއިކޮށްފަ އެވެ. އަދި މެންޗެސްޓާ ސިޓީން ވަނީ ޔުވެންޓަސް އަށް ކުޅޭ ޔާއޯ ކަންސެލޯ އާއި ޑަނީލޯ ބަދަލުކުރަން އެއްބަސްވުމަކަށް އައިސްފަ އެވެ.