16 ސެޕްޓެމްބަރ 2016 - 22:43

ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް ކޮލިފިކޭޝަނުގެ ޒޯން ބުރުގައި މިއަދު ބަންގްލަދޭޝް އަތުން 3-1 ސެޓުން ދިވެހިރާއްޖެ ބަލިވެއްޖެ އެވެ.
ފުރަތަމަ މެޗުން އިއްޔެ ހަވީރު ބަންގްލަދޭޝް އަތުން ކިރްގިސްތާން ވަނީ ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. ތިން ޓީމުގެ މެދުގައި ލީގު އުސޫލުން އެއް ބުރު ކުޅެ އެއް ވަނަ ޓީމު އަނެއް ބުރަށް ހޮވޭއިރު އެއް ވަނަ ހޯދަން ރާއްޖެ އަށް ދެން ފުރުސަތެއް އޮތީ މާދަމާ ކިރްގިސްތާން އަތުން މޮޅުވެގެންނެވެ. އޭރުން ތިން ޓީމު އެއްވަރުވެ، އެއް ވަނަ ކަނޑައަޅާނީ ސެޓުގެ ތަފާތުންނެވެ.
ކިރްގިސްތާނުގައި ކުރިއަށްދާ ކޮލިފައިން ބުރުގެ މެޗުން ރާއްޖެ މިއަދު 3-1 ސެޓުން ބަލިވިއިރު މެޗުގެ ފުރަތަމަ ދެ ސެޓު ބަންގްލަދޭޝް އިން ކާމިޔާބުކުރީ 28-26 އަދި 25-21 އިންނެވެ. ރާއްޖޭން ތިން ވަނަ ސެޓު ފަސޭހަކަމާ އެކު 25-15 އިން ކާމިޔާބުކުރި އެވެ. އެކަމަކު ހަތަރު ވަނަ ސެޓު 25-20 އިން ހޯދައި ބަންގްލަދޭޝް އިން މެޗު ކާމިޔާބުކުރި އެވެ.
ކުރީގެ މަޝްހޫރު ކުޅުންތެރިޔާ މުހައްމަދު ސާޖިދު (ކާއްޓޭ) ގެ ކޯޗުކަމުގެ ދަށުން ގައުމީ ޓީމު ކޮލިފައިންގައި ވާދަކުރާއިރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި ހަސަން ނިލާމް އަނިޔާގައި ތިބުމެވެ.