07 އޯގަސްޓް 2019 - 10:44

އިންޑިއާގެ ކުރީގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖަކީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އަލުން ބަދަހިކުރުމުގެ އެއް މޭސްތިރި ކަމަށާއި އޭނާ އަވަހާރަވުމަކީ ފުން ހިތާމައެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
އުމުރުން 67 އަހަރުގައި ސުޝްމާ އަވަހާރަވީ ހާޓް އެޓޭކެއް ޖެހިވަޑައިގެންނެވުމުން ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގަ އެވެ. މިދިޔަ މެއި މަހާ ހަމައަށް އެކްސްޓާނަލް އެފެއާޒް މިނިސްޓަރަކަށް ހުންނެވި ސުޝްމާގެ ސިއްހީ ހާލު ހުރި ގޮތުން ބީޖޭޕީގެ އާ ސަރުކާރުގެ އެއްވެސް މަގާމަކަށް ވަޑައެއް ނުގަންނަވަ އެވެ.
ރާއްޖެ އާއި އިންޑިއާގެ ގުޅުން އެންމެ ބޮޑަށް ގޯސްވި ދުވަސްވަރު ވެސް އަދި އާ ސަރުކާރާ އެކު އެ ގުޅުންތައް ބަދަހިކުރަން ފެށިއިރު ވެސް އިންޑިއާގެ ޚާރިޖީ ކަންކަމާ ބެހޭ މިނިސްޓަރަކަށް ހުންނެވީ ސުޝްމާ އެވެ.
އޭނާ ވަނީ ތަފާތު ފަހަރު މަތިން ރާއްޖެ ވަޑައިގެން ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރަން ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.
ސުޝްމާ އަވަހާރަވުމުން އޭނާގެ އާއިލާއަށާއި އިންޑިއާގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެ، ޝާހިދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ ރަނގަޅު އެކުވެރިއެއް ކަމަށާއި އާދަޔާ ހިލާފު ބޭފުޅެއްގެ އިތުރުން އެންމެ މަތީ ފެންވަރުގެ ޑިޕްލޮމޭޓެއް ކަމަށެވެ.
ސުޝްމާ އަކީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީ އަށް ފަހު، އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ކަން ކުރެއްވި ފުރަތަމަ އަންހެން ބޭފުޅާ އެވެ.
އޭގެ ކުރިން އޭނާ ވަނީ އުމުރުން އެންމެ 25 އަހަރުގައި، އެ ގައުމުގެ ހަރިޔާނާ ސްޓޭޓްގެ ސަރުކާރުގެ ވަޒީރުކަން ވެސް ކުރައްވައިފަ އެވެ. އަދި އޭގެ ފަހުން ނިއު ދިއްލީގެ ޗީފް މިނިސްޓަރު ކަން ވެސް ސުޝްމާ ކުރެއްވި އެވެ.