06 އޯގަސްޓް 2019 - 15:09

މި މަހު 18 ގައި ނޭޕާލުގައި ފަށާ ސެންޓްރަލް ޒޯން މެންސް ސީނިއާ ވޮލީބޯޅަ މުބާރާތަށް ތައްޔާރުވާން މާލޭގައި ގައުމީ ފިރިހެން ވޮލީ ބޯޅަ ޓީމު މެޗުތަކެއް ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.
ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްގެ ދައުވަތަކަށް ލަންކާ ގައުމީ ވޮލީބޯޅަ ޓީމު މާލެ އައިސް މެޗުތައް ކުޅޭގޮތަށް ހަމަޖެހިފައިވަނީ މި މަހު 11 އިން 15 އަށެވެ. މިއީ 2017 ވަނަ އަހަރުގެ ސެންޓްރަލް ޒޯން މުބާރާތަށް ފަހު ގައުމީ ފިރިހެން ވޮލީ ބޯޅަ ޓީމު މާލޭގައި ކުޅޭނެ ފުރަތަމަ މެޗެވެ.
"އުއްމީދު މިކުރަނީ އެ މުބާރާތުން ފިރިހެން ވޮލީ ޓީމު ރަން މެޑަލް ހޯދުމަށް،" މިނިސްޓަރު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައިވެ އެވެ.
ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ)ގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު ވަނީ މި ފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ކުރިން ސާބިއާގައި މަތީ ފެންވަރުގެ ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ. ވޮލީގެ ވަރުގަދަ ގައުމެއް ކަމަށްވާ ސާބިއާގައި ޓްރެއިނިން ކޭމްޕް ފުރިހަމަ ކުރުމުގެ ފުރުސަތު ހޯދައިދިނީ ވެސް ސްޕޯޓްސް މިނިސްޓަރު މަހުލޫފް އެވެ.
އައިއޯއައިޖީގައި ރާއްޖޭގެ ފިރިހެން ވޮލީބޯޅަ ޓީމު ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވެވުނީ އެންމެ މެޗަކުންނެވެ. އެއީ ކޮމޮރޯސްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ބަލިވީ މަޑަގަސްކާ އާއި ރިޔޫނިއަން އަތުންނެވެ. އައިއޯއައިޖީގައި މި ނަތީޖާ ނުކުތް ނަމަވެސް ސެންޓްރަލް ޒޯނުގައި ރާއްޖެ އަށް ނަތީޖާ ނެރެވޭނެކަމުގެ އުއްމީދު ބޮޑެވެ.
ރާއްޖެ އެންމެ ފަހުން ކުޅުނު ސެންޓްރަލް ޒޯން މުބާރާތްތަކުގައި އެކަަށީގެންވާ ރަނގަޅު ނަތީޖާތަކެއް ނެރެވިފައިނުވި ނަމަވެސް މި މަހު ފަށާ މުބާރާތުގައި ނަތީޖާ ރަނގަޅުކުރެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ގައުމީ ކޯޗު ކާއްޓޭ ވަނީ ބުނެފަ އެވެ.
ބަންގްލަދޭޝްގައި 2016 ވަނަ އަހަރު ޑިސެމްބަރު މަހު ބޭއްވި ސެންޓްރަލް ޒޯން މުބާރާތުގެ ތިން ވަނަ ރާއްޖެ އަށް ލިބުނު ފަހުން ދެން ކުޅުނު ސެންޓްރަލް ޒޯނު ދެ މުބާރާތުގައި ވެސް ރާއްޖެ އަށް މޮޅެއް ނުލިބެ އެވެ. މި ފަހަރުގެ ޓީމު މި ވަގުތު ރަނގަޅު ފޯމެއްގައި އޮތްއިރު، ޓީމުގެ ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ "މިހާރު އެވޯޑްސް"ގެ އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ ހުޒާމް (ހުޒަންޓެ) އެވެ.
މި ފަހަރުގެ ސެންޓްރަލް ޒޯނުގައި ރާއްޖޭގެ ޓީމަށް ލިބޭނެ އަނެއް ހިތްހަމަޖެހުމަކީ މިދިޔަ އަހަރު ބީޗް ވޮލީ ބޯޅަ ޓީމުން ފެނުނު އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އަލުން ޓީމަށް އެނބުރި އައިސް ކުޅޭ ފުރަތަމަ ސެންޓްރަލް ޒޯން މުބާރާތް ކަމަށްވުމެވެ.
ސެންޓްރަލް ޒޯނުގެ ޓީމުތަކަށް ހުޅުވާލައިގެން ކުޅޭ މި މުބާރާތްތަކުގައި އާންމުކޮށް ވާދަކުރަނީ ރާއްޖެ އާއި ބަންގްލަދޭޝްގެ އަދި ނޭޕާލްގެ އިތުރުން ކިރްގިސްތާނާއި ތުރުކުމެނިސްތާން އަދި އަފްގާނިސްތާން އެވެ. ސްރީލަންކާ އަކީ ސެންޓްރަލް ޒޯން ނަމަވެސް ފަހަކަށް އައިސް މި މުބާރާތުގައި އެ ޓީމު ނުކުޅެ އެވެ.