07 އޯގަސްޓް 2019 - 06:37

އަންނަ އަހަރު ޖަޕާނުގައި ބާއްވާ އޮލިމްޕިކްސް ގޭމްސް އަށް ހާއްސަކޮށްގެން އެ ގައުމުން ތައްޔާރުކޮށްފައިވާ މޮބައިލް މިސްކިތް ދައްކާލައިފި އެވެ.
މި މިސްކިތްތައް ހުންނާނީ ހަތަރު ފުރޮޅުލީ 25 ޓަނުގެ ޓްރަކްތަކުގަ އެވެ. ކުޅިވަރުތައް ކުރިއަށްދާ ސްޓޭޑިއަމްތަކުގެ ކައިރީގައި ނަމާދު ވަގުތުތަކާ ދިމާކޮށް ނަމާދުކުރަން މޮބައިލް މިސްކިތްތައް ޕާކްކޮށްގެން ތިބޭނެ އެވެ.
މޮބައިލް މިސްކިތުގެ ފުރަތަމަ މޮޑެލް ދައްކައިލި އިރު، ފެންނަނީ ޓްރެކްގެ ޑިކީ އާއި ދެ ފަރާތް ހުޅުވައިލުމުން މިސްކިތް ފެތުރިގެންދާ ގޮތެވެ. މި ޕްރޮޖެކްޓް ކުރިއަށް ގެންގޮސްފައި ވަނީ ޓޯކިއޯގެ ސްޕޯޓްސް އެންޑް ކަލްޗްރަލް އިވެންޓް ކުންފުނި ޔަސޫ ޕްރޮޖެކްޓުންނެވެ.
އެ ތަނުގެ ސީއީއޯ ޔަސުހާރޫ އިނޯ ވިދާޅުވީ މޮބައިލް މިސްކިތްތަކުގެ އެންމެ ބޮޑު ބޭނުމަކީ އޮލިމްޕިކްސްއާ ދިމާކޮށް ޖަޕާނަށް ދާ މުސްލިމުންނަށް ފަސޭހަކަމާ އެކު އަޅުކަން ކުރެވޭނެ ގޮތް ހެދުން ކަމަށެވެ. އޮލިމްޕިކްސް އަށްދާ ހުރިހާ މުސްލިމުންނަށްވާ ވަރަށް މީގެ މިސްކިތް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގައުއަށް އަންނަ މެހުމާނުންނަށް ވީހާ ވެސް ފުރިހަމަ މެހުމާންދާރީއެއް އަދާކުރުމަކީ ޖަޕާނުން އަބަދުވެސް ވަރަށް އިސްކަންދޭ ކަމެއް. އޭގައި އެއްވެސް ތަފާތުކުރުމެއް ނޯންނާނެ،" ޔަސުހާރޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޮލިމްޕިކް ގޭމްސް ކުރިއަށްދާ މުއްދަތުގެ ތެރޭގައި، ސްޓޭޑިއަމްތަކުގެ ކައިރީގައި ހަރަކާތްތެރިވާ މޮބައިލް މިސްކިތްތަކަކީ 48 އަކަފޫޓް ހުންނަ، އެއްފަހަރާ ކޮންމެ މިސްކިތެއްގައި 50 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ ހުންނާނެ އެއްޗިއްސެވެ. އެގޮތުން ވުޟޫ ކުރެވޭނެ ފަސޭހަ އިންތިޒާމުތައް ވެސް ހަމަޖެހިފައި ހުންނާނެ އެވެ.
އޮލިމްޕިކްސް ގޭމްސްއާ ދިމާކޮށް މޮބައިލް މިސްކިތްތަކެއް ބޭނުން ކުރަން ނިންމާފައިވާތީ، މިކަމަށް ވަރަށް ގިނަ ބަޔަކު ވަނީ މަރުހަބާ ކިޔައި، ޖަޕާނުން ވަމުން އަންނަ ތައްޔާރީތަކަށް ތައުރީފުކޮށްފަ އެވެ.
ޖަޕާނުގެ 127 މިލިއަނަށް ވުރެ ބޮޑު އާބާދީގައި 100،000-200،000 ދެމެދުގެ އަދަދަކަށް މުސްލިމުން އުޅެ އެވެ.
އަންނަ އަހަރުގެ އޮލިމްޕިކްސް ގޭމްސް ކުރިއަށް ދާނީ ޖުލައި 24 އިން އޮގަސްޓް 9 އަށެވެ.