06 އޯގަސްޓް 2019 - 11:20

ސޯލް (އޮގަސްޓް 6) - އެމެރިކާ އާއި ސައުތު ކޮރެއާ ގުޅިގެން އިއްޔެ އަސްކަރީ ތަމްރީނުތަކެއް ފަށާފައި ވަނިކޮށް ނޯތު ކޮރެއާ އިން މިސައިލް ޓެސްޓެއް ކޮށްފި އެވެ.

މިއީ ދެ ހަފުތާ ތެރޭ ނޯތު ކޮރެއާ އިން ޓެސްޓް ކުރި ހަތަރު ވަނަ މިސައިލެވެ. ނޯތު ކޮރެއާ އިން މިސައިލް ފޮނުވާލާފައި ވަނީ އިރުމަތީ ކަނޑު ނުވަތަ ޖަޕާން ކަނޑަށެވެ.
އެމެރިކާ އާއި ސައުތު ކޮރެއާގެ ތަމްރީނުތަކަށް ނޯތު ކޮރެއާ އިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި އެ ތަމްރީނުތަކަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ސައުތު ކޮރެއާގެ ރައީސް މޫން ޖައެ-އިންއާ އެކު ގާއިމްކުރި އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށް ވެސް ނޯތު ކޮރެއާ އިން ބުނެފައިވެ އެވެ.
ނޯތު ކޮރެއާ އިން ބުނެފައި ވަނީ ސައުތު ކޮރެއާ އިން ފެށި ތަމްރީނުތަކަކީ މިސައިލް ޓެސްޓްތައް ކުރަން ޕިއޮންޔަންގަށް މަޖްބޫރު ކުރުވި ކަމެއް ކަމަށެވެ. އަދި މި ތަމްރީނުތަކަކީ ދެ ކޮރެއާގެ މަޝްވަރާތަކަށް އެޅޭނެ ހުރަހެއް ކަމަށް ވެސް ބުނެފައިވެ އެވެ.
އެމެރިކާ އާއި ސައުތު ކޮރެއާ އިން ލުއި ތަމްރީނުތަކެއް އިއްޔެ ފެށި ނަމަވެސް ވަރުގަދަ ތަމްރީނުތައް ފަށާނީ މި މަހު 11 ވަނަ ދުވަހު އެވެ.
އެމެރިކާ އިން ބުނެފައި ވަނީ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާ އަދި ސައުތު ކޮރެއާ އާއި ޖަޕާންއާ މަޝްވަރާ ކުރަމުންދާ ކަމަށެވެ. ނޯތު ކޮރެއާ އަށް ދަތުރުކޮށްފައިވާ މީހުން އެމެރިކާ އަށް އެތެރެވުމުގައި ހުރަސްތަކެއް ވޮޝިންޓަނުން އިއްޔެ ވަނީ ތައާރަފްކޮށްފަ އެވެ.