06 އޯގަސްޓް 2019 - 12:46

މީގެ ކުރީގެ ސަރުކާރުތަކުން ޓެކްސީ ޑްރައިވަރުން ހިތްހަމަނުޖެހޭ އުސޫލުތަކެއް ކަނޑައަޅައިފި ނަމަ އެ މީހުން ނުކުމެ މުޒާހަރާކުރި އެވެ. އަދި ސަރުކާރުތަކުން ގިނަ ފަހަރަށް ޑްރައިވަރުން ބޭނުންވާ ގޮތަށް ސިޔާސަތު ބަދަލުކޮށްލަ އެވެ.
މިހާރު އަނެއްކާ މާލޭގެ ޓެކްސީ ޑްރައިވަރުން ރުޅި ގަދަވެ، ސަރުކާރުގެ ނިންމުމާ ދެކޮޅަށް ތެދުވަން ދަނީ މަސައްކަތްކުރަމުންނެވެ. މާލޭ ސަރަހައްދުގައި ޓެކްސީ ދަތުރެއް ކުރެވޭނެ އެންމެ ބޮޑު އަގަކީ 75 ރުފިޔާ ކަމަށް ކަނޑައެޅުމުންނާއި ޑިކީއަށް ލާ އެއްޗިއްސަށް އެއްވެސް އަގެއް ނުނެގޭނެ ކަމަށް ހަމަޖެއްސުމަކީ އެ މީހުން ގަބޫލުކުރާ ހަމައެއް ނޫނެވެ.
އޭގެ އިތުރުން ޕްރައިވެޓް ކާރުތަކަށް ވެސް ޓެކްސީ ކުރުމުގެ ފުރުސަތު އޮތުމަކީ ޑްރަައިވަރުންގެ ބޮޑު ޝަކުވާއެކެވެ.
ސިނަމާލެ ބްރިޖާ އެކު، މާލެ/ހުޅުލެ އާއި މާލެ/ހުޅުމާލެއާ ދެމެދުު ކުރާ ދަތުރުތަކަށް މިހާރު ނަގަނީ ކޮޅަކަށް 100ރ އެވެ. އެކަމަކު ޓްރާންސްޕޯޓް މިނިސްޓްރީން ހަމަޖެއްސި ގޮތުން ނަމަ މާދަމާ އިން ފެށިގެން ނެގޭނީ ބޮޑުވެގެން 75ރ އެވެ.
"ރައްޔިތުންނަށް ދަތުރުފަތުރު ފަސޭހަކޮށްދޭން ސަރުކާރުން ބޭނުމިއްޔާ ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ރަނގަޅުކުރޭ. މިއީ އަހަރެމެން އާމްދަނީ ހޯދަން ކުރާ މަސައްކަތް،" ހުޅުމާލެއަށް ދާން އެރި ޓެކްސީގެ ޑްރައިވަރަކު ބުންޏެވެ.
އެ ޑްރައިވަރު ދެކޭ ގޮތުގައި ޓެކްސީ ދަތުރުތަކަށް އަގު ކަނޑައެޅުމަކީ ސަރުކާރުން ކުރަން ޖެހޭ ވެސް ކަމެއް ނޫނެވެ. އެއީ ކަނޑު ދަތުރުތަކަށް ވެސް އަގު ކަނޑަނާޅާތީ އެވެ. ޓެކްސީ އަގު ކޮންޓްރޯލް ކުރަންޏާ ލޯންޗް ދަތުރުގެ އަގު ވެސް، އޭނާ ދެކޭ ގޮތުގައި، ކޮންޓްރޯލްކުރަން ޖެހޭނެ އެވެ.
"ކީއްވެހޭ ހަމައެކަނި އަހަރެމެން ދަތުރުކުރާނެ އަގުތައް ކަނޑައަޅަންވީ؟ އަތޮޅު ތެރޭގައި ލޯންޗުތަކުން އެބަ ނަގާ މަތިންދާބޯޓް ދަތުރަކަށް ނަގާ ވަރުގެ އަގުތައް. ސަރުކާރުން ކީއްވެހޭ އެކަމާ ނުބެހެނީ؟" މާލެ ސަރަހައްދުގައި ޓެކްސީތަކަށް ދަތުރަކަށް ނެގޭނެ އެންމެ ބޮޑު އަގަކީ 75ރ. ކަމަށް ސަރުކާރުން ކަނޑައެޅުމުން އެކަމާ ނުރުހި އެ ޑްރައިވަރު ބުންޏެވެ.
އަގު ކަނޑައެޅުމުގެ މައްްސަލައިގައި ބައެއް ޑްރައިވަރުން ދެނީ ވަރަށް ކިބުރުވެރި ޖަވާބުތަކެވެ. އެގޮތުން ބައެއް މީހުން ވަނީ އާއްމު ރައްޔިތުންނަށް މަލާމާތް ރައްދުކުރާ ފަދަ މޭރުމަކުން ވެސް ވާހަކަ ދައްކައިފަ އެވެ. "ލާރި ނެތިއްޔާ ނާރާށޭ، އަހަރެމެން ދަތުރުކުރާނީ 100 އަށޭ" ބުނި ބުނުމަކީ އޭގެ މިސާލެކެވެ.
މާލޭގައި ޓެކްސީ ނުލިބުމުގެ ޝަކުވާ އާންމުންގެ ބޮޑެވެ. ޓެކްސީ ސެންޓަރަކަށް ގުޅައިގެން ޓެކްސީއެއް ހޯދުން އަދި އެހާ އުނދަގުލެވެ. އެހެންކަމުން އެ ހުރިހާ ކަމަކަށް ރަނގަޅު ހައްލެއް ލިބޭތޯ މަސައްކަތްކުރުމަކީ ސަރުކާރުގެ ޒިންމާއެކެވެ. އެގޮތުން ގެންނަ އެއް ބަދަލަކީ މޮބައިލް އެޕްތައް ބޭނުންކޮށްގެން ޓެކްސީ ހިދުމަތް ޒަމާނީކޮށް، ފުޅާކުރުމެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ ވިދާޅުވީ އެޕްލިކޭޝަންތަކަށް ހުއްދަ ދިނީ ޓެކްސީ ނުލިބުމުގެ މައްސަލަ ހައްލުކުރަން ކަމަށެވެ.
"[މާލޭގައި] 1200 ޓެކްސީ އަށް ހުއްދަ ދީފައި އޮންނަ އިރު، މާލެ އިން ޓެކްސީއެއް ހޯދަން އުޅެން ޖެހޭ ހާލު އެނގިވަޑައިގަންނަވާނެ. ބައެއް ޓެކްސީތަކުން ހިދުމަތް ދެނީ ދެ ގަޑިއެއް ހާއިރު،" ޝިމާޒް ވިދާޅުވި އެވެ.
"ރައްޔިތުންނަށް ކުރިމަތިވެފައިވާ މި ދައްޗަށް ސަރުކާރުން ހައްލެއް ހޯދައިދޭން ޖެހޭ. އެޕްލިކޭޝަންތަކަށް ހުއްދަ ދިނީ އެހެންވެ."
މިހާރު ބޭނުންކުރަނީ "އަވަސް ރައިޑް" އާއި "އެއައީ" އަދި "ޕިކް މީ" އެޕް އެވެ.
ޓެކްސީގެ ހިދުމަތް ފަސޭހަކުރަން މިހާތަނަށް އެކި ސަރުކާރުތަކުން ހެދި ކޮންމެ އުސޫލަކަށާއި ގަވައިދަކަށް ޑްރައިވަރުން ވަނީ ގޮންޖަހައިފަ އެވެ. އެންމެ ފުރަތަމަ އެމީހުން އަޑު އުފުލަނީ އެވެ. ދެން ޑްރައިވަރުންނާ މަޝްވަރާކޮށް، އެމީހުން ޑިމާންޑްކުރާ ބަދަލުތައް ގެނެސްފައިވެ އެވެ. އެކަމަކު ބައެއް އުސޫލުތައް މުގުރަ އެވެ.
މީހުން އަރައި ތިބިކަން އަންގައި ދިނުމަށް ޓެކްސީ ބޯޑް ރަތް ކުރުމާއި ޓެކްސީ ހުސްވުމުން ފެހިކުރުމުގެ އުސޫލަކީ އޭގެ މިސާލެކެވެ. ގިނަ ޑްރައިވަރުން އެކަމަށް ފަރުވާލެއް ނުބަހައްޓަ އެވެ. އަލަށް ކަނޑައެޅި އަގުތަކާ މެދު ވެސް އަމަލުކުރާނީ ހަމަ އެގޮތަށް ކަަމަށް ބައެއް ޑްރައިވަރުން އެދަނީ ފާޅުގައި ބުނަމުންނެވެ.
އާ އުސޫލަށް އަމަލްކުރުން ހުއްޓުވައި ދިނުން އެދި ސިވިލް ކޯޓަށް ދާނެ ކަމަށް ޑްރައިވަރުން ބުނެ އެވެ. އަދި މާދަމާ މުޒާހަރާ ކުރާނެ ކަމަށް ޑްރިވަރުންގެ ޖަމިއްޔާއިން ވަނީ އިއުލާންކޮށްފަ އެވެ.
ޓެކްސީ ޑްރައިވަރުން މުޒާހަރާކޮށްލާ އިރަށް މީގެ ކުރިން ސަރުކާރުތަކުން އެމީހުންގެ ޑިމާންޑްތަކަށް ދީލައިލަ އެވެ. އެކަމަކު ޓެކްސީ ޑްރައިވަރުން ހަޅުތާލުކުރަން ގާނޫނު މަނާކުރެ އެވެ. އަދި މައްސަލައަކީ، ބައެއް އާންމުން ފާހަގަކުރާ ގޮތުގައި، ހަޅުތާލުކުރުމުން ވެސް ކުރީގެ ސަރުކާރުތަކުން އެ ޑްރައިވަރުންނާ ދެކޮޅަށް ފިޔަވަޅު ނޭޅުމެވެ.
ޓެކްސީ ޑްރައިވަރުން އަނެއްކާވެސް މުޒާހަރާ ކުރާ ހަބަރު ފެތުރުމާ އެކު އާއްމުން ދަނީ ސޯޝަލް މީޑިއާ އާއި މެއިންސްޓްރީމް މީޑިއާގެ ތެރެއިން ވެސް ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން ޑްރައިވަރުންނާ ދެކޮޅަށް ސަރުކާރަށް އެޅޭނެ ގިނަ ފިޔަވަޅުތަކެއްގެ ވާހަކަ ދައްކަ އެވެ.
"ޓެކްސީ އަގު ލިޔުންތަކުން ބަދަލުކުރިޔަސް އެކަމެއް ނުވާނެ. ކުރަންވީ ކަމަކީ މާލޭގައި ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް ގާއިމްކުރަންވީ. އޭރުން ޓެކްސީތަކަށް ޓްރާންސްޕޯޓްގެ އަމުރު ހިނގާނެ،" އާންމު މީހަކު، އޭނާގެ ހިޔާލު ފާޅުކުރި އެވެ.
"މިކަން ނުކޮށް ޓްރާސްޕޯޓުން ޓެކްސީގެ ވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނީ. އެމްއޭސީއެލްއިން 50 ކާރު ގެނެސް އެއާޕޯޓް ދަތުރުތައް ކޮށްބަލަ. އޭރުން ހުޅުލެއަށް ޓެކްސީ ނާރުވާނީ. ފުރަތަމަ ކުރަންވީ ކަންތައް ފުރަތަމަ ކޮށްބަލަ."
ޓެކްސީ މައްސަލައާ ބެހޭ ގޮތުން ހިޔާލު ފާޅުކުރި ގިނަ މީހުން ބުނެފައި ވަނީ "ހައްލަކީ ޕަބްލިކް ޓްރާންސްޕޯޓް ވަރުގަދަ ކުރުން" ކަމަށެވެ.
ހުޅުމާލެއަށް ދަތުރުކުރި ކާރުގެ ޑްރައިވަރު ވެސް ދެއްކީ އެވާހަކަ އެވެ.
"އެމްއޭސީއެލްގެ ބަހުން ވެސް އެބަ ނަގާ ބޮލަކަށް 10.ރ. ދެން އާއިލާ އެއްކޮށް ދަތުރުކުރާ އިރު، މިއޮންނަނީ ހަމަ ބޮޑު އެއްޗެއް ގޮސްފައި. ސަތޭކައޭ ބުންޏަސް މީހުން ކާރަށް އަރަނީ އެހެންވީމާ،" އޭނާ ބުންޏެވެ.
އެކަމަކު 100ރ އަށް އާންމުން ދަތުރުކުރުމަކީ ޝަކުވާ ނެތުން ނޫން ކަމަށް، ބައެއް މީހުން ބުނެ އެވެ. ގިނަ މީހުން ގަބޫލުކުރަނީ ހުޅުމާލެ އާއި މާލެއާ ދެމެދުގެ ދަތުރަކަށް 10 ވަރަކަށް މިނިޓްގެ ދަތުރަކަށް 100ރ ބޮޑު ކަމަށެވެ.
އާ ޓެކްނޮލޮޖީތަކާ އެކު ދުނިޔޭގެ ގިނަ ގައުމުތަކުގެ ޓެކްސީ ހިދުމަތަށް ބޮޑެތި ބަދަލުތަކެއް މިހާރު އެބަ އާދެ އެވެ. އެ ބަދަލުތައް ރާއްޖެއަށް ވެސް އަންނަން ޖެހޭނެ ކަމަށް، އާންމުން ގަބޫލުކުރެ އެވެ.
އާ އުސޫލުތަކާ އެކު ޓެކްސީ ޑްރައިވަރުންގެ ހިތްހަމަނުޖެހުން ނައްތާލަން ސަރުކާރުގެ ސިޔާސަތު ބަދަލުކޮށްފާނެކަން ނުވަތަ ނޫންކަން އަދިއެއް ނޭނގެ އެވެ. ޑްރައިވަރުންގެ ޖަމިއްޔާ އިން ރާވާފައި ވަނީ މާދަމާ މުޒާހަރާކުރާށެވެ.