17 ސެޕްޓެމްބަރ 2016 - 07:51

ޑައިރެކްޓަރު އިމްތިޔާޒު އަލީ ގެ "ދަ ރިންގް"ގެ ޝޫޓިންގްގައި އަނުޝްކާ ޝަރުމާއާ އެކު ހަންގޭރީގެ ޕްރާގްގައި ބުރަކޮށް އުޅެމުން ވެސް ޝާހްރުކް ޚާން "ރާ.ވަން"ގެ ޑައިރެކްޓަރު އަނުބަވް ސިންހާ އުފައްދާ "ތުމް ބިން 2" އިސްތިހާރުކުރުމަށް ވަގުތުކޮޅެއް ހުސްކޮށް ފިލްމުގެ ފުރަތަމަ ޓްރެއިލާ އޭނާގެ ޓުވިޓާ އެކައުންޓުން ލޯންޗުކޮށްދީފި އެވެ.
"އަހަރެންގެ އެކުވެރި އަނުބަވް ސިންހާ ކޮށްފައިވާ ބުރަ މަސައްކަތަށް ކާމިޔާބީއަށް އެދެން. 'ތުމް ބިން 2' ވަރަށް ރީތި ލަވަތަކެއް އަދި އެންމެންވެސް ވަރަށް ރީތި،" ފިލްމުގެ ޓްރެއިލާގެ ލިންކަކާ އެކު ޝާހްރުކް ކޮށްފައިވާ ޓުވީޓްގައި ބުނެފައިވެ އެވެ.
އޮރިޖިނަލް ފިލްމަށް ޖަގްޖީތު ސިންގް ކިޔައިދީފައިވާ "ކޮއި ފަރިޔާދު" ގެ މުޅިން އާ ވާޝަން އެއް "ތުމް ބިން 2" ގެ ފުރަތަމަ ޓްރެއިލާގައި ފެނެ އެވެ. "ތުމް ބިން 2"ގެ އޮރިޖިނަލް ފިލްމު "ތުމް ބިން" އަކީ ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބެއް ހޯދި ފިލްމެކެވެ. މި ފިލްމުގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކަށްވީ ފިލްމުގައި ހިމެނުނު ރީތި ލަވަތަކެވެ.
"ތުމް ބިން" އަކީ މިއުޒިކަލް ރޮމެންޓިކް ޑްރާމާ އެކެވެ. ސަންދާލީ ސިންހާ އާއި ޕްރިޔަންޝޫ ޗެޓަޖީ އަދި ހިމަންޝޫ މަލިކް އާއި ރާގޭޝް ވަޝިސްތު މުހިއްމު ރޯލުތަކެއް އެ ފިލްމުގައި ކުޅެފައިވެ އެވެ.
ޓީ-ސީރީޒް އިން މި ފިލްމުގެ ސީކުއަލްގައި ބައިވެރިކޮށްފައި ވަނީ ވެސް މުޅިން އާ ތަރިންތަކެއް ކަމަށްވާ އަދިތުޔާ ސީލް އާއި އާޝިމް ގުލާޓީ އަދި ނެހާ ޝަރުމާ އެވެ.
އަންކިތު ތިވާރީ ކިޔައިދީފައިވާ މި ފިލްމުގެ ޓައިޓްލް ލަވައިގެ ތަންކޮޅެއް ވެސް ފިލްމު އުފައްދާ ފަރާތުން މިހާރު ވަނީ ރިލީޒްކޮށްފަ އެވެ.
"ތުން ބިން 2" ގައި އިންޓަނޭޝަނަލް ކްރިކެޓް ކުޅުންތެރިޔާ ޑްވޭން ބްރޭވޯ ކިޔައިދީފައިވާ ލަވައެއް ވެސް ހިމެނޭ ކަމަށް ޚަބަރުތައް ބުނެ އެވެ.
އަދި ޝާހްރުކްގެ "ރާ.ވަން"ގެ 'ޗައްމަކު ޗައްލޯ" ކިޔައިދިން މަޝްހޫރު ލަވަކިޔުންތެރިޔާ އޭކޮން އާއި އާތިފް އަސްލަމްގެ ޑުއެޓެއް ވެސް މި ފިލްމުގައި ހިމެނޭ ކަމަށްވެ އެވެ.
ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ "ތުމް ބިން 2" އަކީ މީގެ އޮރިޖިނަލް ފިލްމު "ތުމް ބިން" ކަހަލަ ރީތި އަސަރުގަދަ ފިލްމަކަށް ވުމީ ގިނަ ބައެއްގެ އުންމީދެވެ.