07 އޯގަސްޓް 2019 - 06:38

މަގާމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ވައުދު ކަމަށްވާ ފެނުގެ މައްސަލަ ހައްލުކޮށް ނުދެވުމުން މެކްސިކޯގެ ސިޓީއެއްގެ މޭޔަރު އަންހެން ހެދުމެއް އަޅުވައި މަގުމައްޗަށް ނެރެ މިދިޔަ ހަފުތާގެ ތެރޭގައި ގަންހިންގުވައިފި އެވެ.
މީޑިއާތަކުން ބުނީ ހުއިޒްޓާންގެ މޭޔަރު ޒޭވިއާ ސެބަސްޓިއަން ޖިމެނެޒް ސެންޓީޒްގެ އެންމެ ބޮޑު ކެމްޕޭނު ވައުދަކީ އެތަނުގެ ފެނުގެ ނިޒާމު ހަރުދަނާކޮށް ދެއްވުން ކަމަށެވެ. ނަމަވެސް މަގާމަށް އިންތިހާބުވިތާ އެތައް ދުވަހެއްވީ އިރު ވެސް، ރައްޔިތުން އުފުލަން ޖެހިފައިވާ ފެނުގެ މައްސަލަ އަށް އެކަށީގެންވާ ހައްލެއް ހޯދައި ނުދެވި، ދިރިއުޅުމަށް ދަތިވެފައި ވާތީ ރައްޔިތުން ރުޅިގަދަވީ ކަމަށް މީޑިއާތަކުން ބުންޏެވެ.
އެހެންވެ ރައްޔިތުންވެގެން މޭޔަރަށް ވަނީ ހަތަރު ދުވަސްވަންދެން ލިބާސް ލާން މަޖުބޫރުކޮށް، ގަންހިންގުވައިފަ އެވެ.
މީޑީއާތަކުން ބުނީ ފެނުގެ މައްސަލަ ބޮޑުވެގެން ހުއިޒްޓާންގެ ރައްޔިތުންނަށް ސިއްހީ މައްސަލަތައް ވެސް ކުރިމަތިވަމުންދާ ކަމަށެވެ. ހާއްސަކޮށް، ކުޑަކުދިން ބަލިވާ ކަމަށް ބުންޏެވެ.
ވައުދު ފުއްދައިި ނުދެއްވި މައްސަލާގައި މޭޔަރު ލިބާސް ލައްވައި މަގުމައްޗަށް ނެރެ، މަގުމަތިންދާ މީހުންގެ އަތުން ސަލާން ޖަހަން ވެސް އޭނާ އަށް މަޖުބޫރުކޮށްފައިވެ އެވެ. މި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ޔޫޓިއުބްގައި އަންނަނީ ދައުރުވަމުންނެވެ.
އެ ވީޑިއޯގައި، ފެނުގެ މައްސަލަ ހައްލުކޮށް ނުދެވުނީ އެކަމަށް ކަނޑައެޅި 3 މިލިއަން ޕެސޮސް (158،000 ޑޮލަރު) މެކްސިކޯގެ އެހެން މުނިސިޕަލް ހިދުމަތްތަކަށް ހޭދަކުރަން ޖެހިވަޑައިގަތުމުން ކަމަށް މޭޔަރު ވިދާޅުވާ އަޑު އިވެ އެވެ. އެކަމަކު އެ ވާހަކަ ގަބޫލު ނުކޮށް، މޭޔަރު ހައްދަވަނީ ދޮގު ކަމަށް އާންމުން ބުނާ އަޑު އިވެ އެވެ.
މި މައްސަލާގައި، ފައިސާއެއް ވީ ގޮތެއް ބަލަން ތަހުގީގު ކުރަން ވެސް ރައްޔިތުން ވަނީ މެކްސިކޯގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފަ އެވެ. މޭޔަރު ވިދާޅުވީ އޭނާއަކީ ވައްކަން ކުރާ މީހެއް ނޫން ކަމަށާއި ބޭނުން ވަނީ އިހުލާސްތެރިކަމާ އެކު ރައްޔިތުންނަށް ހިދުމަތް ކުރައްވަން ކަމަށެވެ.
ސިޔާސީ މަގާމުތަކަށް އަންނަ މީހުން ވައުދު ނުފައްދާ މައްސަލަތަކުގައި ދެކުނު އެމެރިކާގެ ގައުމުތަކުގެ ރައްޔިތުން ނުކުމެ ލީޑަރުންނަށް އަދަބު ދިނުމަކީ ވަރަށް އާންމު ކަމެއް ކަމަށް މީޑިއާތަކުން ބުނެ އެވެ.