ޕްރެޒެންޓަރު ހަމީދު ވީޓީވީން ވަކިވެއްޖެ
ޕްރެޒެންޓަރު ހަމީދު ވީޓީވީން ވަކިވެއްޖެ

ވީޓީވީގެ އެންމެ މަޝްހޫރު އެއް މޫނު ކަމަށް ވާ އަހުމަދު ހަމީދު އާދަމް އެތަނުން އިއްޔެ ވަކިވެއްޖެ އެވެ.

މީގެ ދިހަ އަހަރު ކުރިން ވީޓީވީގައި މަސައްކަތް ކުރަމުން ފެށި އަދި އެތަނުގެ އެންމެ މުހިއްމު ޝޯތަކާއި ލައިވް ކަވަރޭޖްތައް ގެނެސްދީފައިވާ ހަމީދު، އެ ސްޓޭޝަނުން ވަކިވި ސަބަބެއް، އޭނާ ފޮނުވި ސިޓީގައި، ބުނެފައެއް ނުވެ އެވެ.

މި މަހު 1 ގައި އޭނާ ހުށައެޅި ސިޓީގައި ބުނެފައި ވަނީ އޮގަސްޓް 5 އަށް، ވީޓީވީގައި އޭނާ މަސައްކަތްކުރާތާ 10 އަހަރު ވާނެ ކަމަށާއި "މިއަދުން ފެށިގެން އަޅުގަނޑު ވީޓީވީގެ ވަޒީފާ އިން ވަކިވާން ގަސްތުކުރާ ވާހަކަ ދަންނަވަން" ކަމަށެވެ.

"މި މުއްދަތުގައި ދެއްވި އެހީތެރިކަމަށް، ވަކިން ޚާއްސަކޮށް ސީއޯއޯއަށް ޝުކުރު ދަންނަވަމެވެ،" ހަމީދުގެ ސިޓީގައިވެ އެވެ.

ވީޓީވީގެ ސީއޯއޯ މުހައްމަދު އާސިފް ސިފަކުރެއްވި ގޮތުގައި "ހަމީދަކީ ވަރަށް މަސައްކަތްތެރި" ނޫސްވެރިއެކެވެ. އެކަމަކު މިހާރު ވީމީޑިއާއަށް ގެންނަން ފަށާފައިވާ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަން ގަބޫލުކުރަން ހަމީދަށް ދަތިވީ ކަމަށް ވެދާނެ ކަމަށް، އާސިފް ވިދާޅުވި އެވެ.

ސީނިއާ އެޑިޓަރުގެ މަގާމުގައި ހުރި ހަމީދަކީ ދޫހެލޭ، ޖެހިލުންވުން ކުޑަ ޕްރެޒެންޓަރެކެވެ. ޚަބަރާއި ޚަބަރާ ގުޅޭ ޝޯތަކުގެ އިތުރުން ކޮންމެ ހުކުރު ދުވަހަކު، އެކި ދާއިރާތަކުން ފާހަގަކުރެވޭ ޝަހުސިއްޔަތެއް ހިމަނައިގެން "މެހެމާންސަރާ"ގެ ނަމުގައި ވަރަށް ޚާއްސަ ޝޯއެއް ވެސް އޭނާ ގެނެސްދިނެވެ. މިހާތަނަށް އޭގެ 200 ޝޯ ހުށަހަޅާ ދީފައިވެ އެވެ.

މިދިއަ 10 އަހަރު ރާއްޖޭގެ ސިޔާސީ މަސްރަހުގެ ހަލަބޮލިކަމުގެ ތެރޭގައި ވެސް އެންމެ ހީވާގި އެއް ޕްރެޒެންޓަރަކީ، ހއ. ތަކަންދުއަށް އުފަން، ހަމީދެވެ. އެގޮތުން ރާއްޖޭގެ ސިޔާސީ އިސް ވަރަށް ގިނަ ބޭފުޅުންނާ އިންޓަވިއުކޮށްފައިވެ އެވެ.