އީރާނާ ދެކޮޅަށް އުޅެނީ އެމެރިކާ އެކަނި: ޒަރީފް
އީރާނާ ދެކޮޅަށް އުޅެނީ އެމެރިކާ އެކަނި: ޒަރީފް

ތެހެރާން (އޮގަސްޓް 5) - އީރާނާ ދެކޮޅަށް ފިޔަވަޅު އަޅަން އުޅެނީ އެމެރިކާ އެކަނި ކަމަށާއި އެމެރިކާގެ ބައިވެރިން ވެސް އެ ގައުމު އުޅޭ ގޮތުން ލަދު ގަންނަ ކަމަށް ޚާރިޖީ ވަޒީރު ޖަވާދު ޒަރީފް ވިދާޅުވެއްޖެ އެވެ.

"އީރާނާ ދެކޮޅަށް ކޯލިޝަނެއް އުފެއްދުމަށް އެމެރިކާ ކުރަމުންދާ މަސައްކަތް ކާމިޔާބެއް ނުވި. އެމެރިކާގެ ބައިވެރިން ވެސް ކޯލިޝަނެއްގައި ބައިވެރިވާން ލަދުގަނެ ޖެހިލުންވޭ،" އެމެރިކާ އިން ދާދި ފަހުން ދަތިކުރުމުގެ ފިޔަވަޅު އެޅި ޒަރީފް ވިދާޅުވި އެވެ.

ގަލްފުގައި އީރާނާ ދެކޮޅަށް ބާރެއް އުފެއްދުމަށް މަސައްކަތް ކުރާ އެމެރިކާ އަށް ހޯމަ ދުވަހު ލިބިގެން ދިޔަ މާޔޫސް ކަމަކީ އެފަދަ ބާރެއްގައި ބައިވެރިނުވާނެ ކަމަށް ޖަރުމަނުން ބުނުމެވެ.

"އީރާނާ ދެކޮޅަށް ކޯލިޝަނެއް އުފައްދަން ޖެހެނީ ކީއްވެ؟" ޒަރީފް ސުވާލު އުފެއްދެވި އެވެ.

އީރާނުގެ ތެޔޮ ހުރި ޓޭންކަރެއް ޖުލައި 4 ވަނަ ދުވަހު ޖިބްރޯލްޓާ ބޭރުން އިނގިރޭސި ސިފައިން ހިފެހެއްޓުމުން ވެސް ޒަރީފް ވަނީ ފާޑުވިދާޅުވެފަ އެވެ. އަދި ގަލްފުގައި އިނގިރޭސި ވިލާތުގެ ތެޔޮ ބޯޓެއް އީރާނުން ހިފެހެއްޓީ ބަދަލު ހިފަން ނޫން ކަމަށް ވެސް ޒަރީފް ވިދާޅުވި އެވެ. އެ ޓޭންކަރު ހިފެހެއްޓީ ގަވާއިދާ ޚިލާފުވުމުން ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޒަރީފް ވިދާޅުވީ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލު ކުރަން ލިބުނު ދައުވަތު ގަބޫލް ނުކޮށްފި ނަމަ ދެ ހަފުތާ ތެރޭ އެފަދަ ފިޔަވަޅެއް އަޅާނެކަން އަންގާފައިވާ ކަމަށެވެ.