06 އޯގަސްޓް 2019 - 07:29

ބްރެޒިލްގެ ޖަލެއްގައި ބަންދުކުރި ގޭންގް ލީޑަކު އާދަޔާހިލާފު މަޖާ ގޮތަކަށް ޖަލުން ފިލަން ކުރި މަސައްކަތް ބޭކާރުވެ، ކުރިއަށް ވުރެ ސެކިއުރިޓީ ވަރުގަދަ ޖަލު ގޮޅިއެއްގައި ބަންދުކޮށްފި އެވެ.
މީޑިއާތަކުން ބުނި ގޮތުގައި ބްރެޒިލްގެ އެންމެ ނުރައްކާތެރި އެއް ގޭންގް ކަމަށްވާ ރެޑް ކޮމާންޑަށް ނިސްބަތްވާ ކްލޯވިނޯ ޑަ ސިލްވާ، 42، ހޮނިހިރު ދުވަހު ގެރީޝިނޯ ޖަލުން ފިލަން މަސައްކަތް ކުރީ އޭނާގެ 19 އަހަރުގެ ދަރިފުޅު ބައްދަލު ކުރަން ދިއުމުން "ދަރިފުޅަށް" ހެދިގެންނެވެ.
އެގޮތުން ކްލޯވިނޯ އަތުލައިތީ މޫނުގައި ސިލިކަން މާސްކެއް އަޅައި، އޭގެ މަތިން އައިނެއް އަޅައި، ބޮލުގައި ވިގެއް ޖަހައި އަންހެން ދަރިފުޅު ލައިގެން ހުރި ޓީޝާޓާއި ޖެކެޓާއި ޖީންސް ލައިގެން ފިލަން އުޅެނިކޮށެވެ. އޭނާ ޖަލުން ފިލަން އުޅުނީ ބަންދުކޮށްފައި އިން ގޮޅީގައި ދަރިފުޅު ބަހައްޓައިފަ އެވެ.
ރިއޯ ޑި ޖެނީރޯ ސްޓޭޓް ސެކްރެޓަރީ އޮފް ޕްރިޒަނުން ވަނީ ސިފަ ބަދަލުކޮށްގެން ކްލޯވިނޯ ފިލަން އުޅެނިކޮށް އަތުލައިގަތް އިރު، ހުރި ގޮތް ފެންނަ ވީޑިއޯއެއް ވެސް އާދީއްތަ ދުވަހު އާންމުކޮށްފަ އެވެ. އޭގައި އޭނާ ލައިގެން ހުރި ހެދުން ބާލާ ތަނާއި ވިގާއި މާސްކް ނަގައި އަސްލު ސޫރަ ދައްކަ އެވެ.
މީޑިިއާތަކުން ބުނީ ކްލޯވިނޯ ޖަލުން ފިލުވަން ދަރިފުޅު މަސައްކަތްކޮށްފައިވާތީ އޭނާގެ މައްސަލަ މިހާރު ބަލަން ފަށާފައިވާ ކަމަށެވެ. އެގޮތުން ބައްޕައާ ބައްދަލު ކުރަން އޭނާ ދިޔައީ މާސްކާއި ވިގް ފަދަ ތަކެތި ހިފައިގެން ކަމަށް ގަބޫލު ކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.