05 އޯގަސްޓް 2019 - 15:29

ރައްޔިތުންގެ މަޖިލީހުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ޖަވާބުދާރީވެވަޑައިގަތީ ނުކިއްސަރު ވިސްނުމެއްގައި ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށް، ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ސިއްހީ ދާއިރާ އަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ފާއިތުވި ފަސް އަހަރު އެ ދާއިރާއަށް އަޅާނުލުން ކަމަށް އަމީން ވަނީ ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން މަޖިލީހުގައި އިދިކޮޅު މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.
އަމީން ވިދާޅުވިގޮތުގައި މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓަށް ކުރިމަތިލި ހަފުތާގެ ތެރޭގައި 28 ސިއްހީ މަރުކަޒެއް، 24 ގަޑިއިރު ހިދުމަތް ދޭ ތަނަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެކަމަކު، އެ ތަންތަނުގައި ބަދަލުވީ ނަން ބޯޑުތައް އެކަނި ކަމަށް އަމީން ވިދާޅުވި އެވެ.
ނާޒިމް "މިހާރު" އަށް ވިދާޅުވީ 24 ގަޑިއިރު ހިދުމަތްދޭ ތަންތަން ބަދަލުކުރީ އެސެސްމަންޓް ހަދައި އެކަން ރައްޔިތުން ބޭނުންވެ، ކްރައިޓީރިއާ ވެސް ހަމަވާތީ ކަމަށެވެ. އޭރު ޕްލޭންކޮށްފައި އޮތީ މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އެ މަރުކަޒުތަކަށް މީހުން ހަމަޖައްސަން ކަމަށް ވިދާޅުވި އެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެ ވަނަ ދައުރަކަށް ހޮވިވަޑައިނުގަތުމުން އެ ފުރުސަތު ލިބިވަޑައިނުގަތީ އެވެ.
އޭނާ ވިދާޅުވީ އެހެން ބައެއްގެ ބޮލުގައި އިލްޒާމްތައް އެޅުވުމަކީ އަމިއްލަ ޒިންމާއިން ރެކުން ކަމަށެވެ. އެހެންވެ އަމީން ވާހަކަދެއްކެވީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައިކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވި އެވެ.
"ފެނުނީ ނުކިއްސަރު ވިސްނުމެއްގައި ހުރިތަން... އެމްޑީޕީގެ އެކްޓިވިސްޓުން ހިތްހަމަޖައްސާލަން ދެއްކެވި ވާހަކަތަކެއް ގޮތަށް ބޮޑަށް ބެލެވުނީ. ސިއްހީ ދާއިރާގެ ތަރައްގީ އަކީ އަބަދުވެސް ހިނގަހިނގާ ހުންނާނެ ކަމެއް. އެއީ ރައްޔިތުންނަށް ފެންނަން ހުރި ކަމަކީ،" ނާޒިމް ވިދާޅުވި އެވެ.
ރައްޔިތުން ބަލަން ބޭނުންވާނީ ސިއްހީ ދާއިރާ އިއްޔެ އޮތް ހާލަތަށް ވުރެ މިއަދު ރަނގަޅުވެފައިވޭތޯ ކަމަށާއި ނަމަވެސް މިހާރު އެ ދާއިރާ ދަނީ ފަހަތަށް ކަމަށް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ސިއްހީ ދާއިރާ ތަރައްގީކޮށް ކުރިއަރުވަން ކުރީގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރިކަމަށެވެ. އެގޮތުން އައިޖީއެމްއެޗް ތަރައްގީކޮށް އާ ހިދުމަތްތައް ފަށައި އެކަމުން ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ. ސިއްހީ ދާއިރާ އަށް އާ އިންގިލާބެއް ގެނައި ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވީ ވެސް ޔާމީންގެ ސަރުކާރުގައިކަން ފާހަގަކުރެއްވި އެވެ.
ކެތު ލެބް ހުޅުވުމުން، ބޭރަށް ނުގޮސް ރާއްޖޭގައި ތިބެގެން އޮޕަރޭޝަންކޮށް އާއްމު ދިރިއުޅުމެއްގައި އެތައް ބަޔަކު އުޅެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަނގަޅުގޮތަކީ މިހާރަށްވުރެ ރަނގަޅަށް ޕްލޭންތައް ހަދައި އެކަން ރައްޔިތުންނާ ހިއްސާކުރުމެވެ. ކުރުވާހަކައެއްހެން ސިއްހީ ދާއިރާގެ ވާހަކަތައް ދެއްކުމުން މީހުން ހިނިއަންނާނެ ކަމަށް ވިދާޅުވި އެވެ. އެ ވާހަކަތަކާމެދު ވަރަށް މާޔޫސްވެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.