އިންޓަ ބަލިވެ ޑި ބޮއާ އަށް ޕްރެޝަރު
އިންޓަ ބަލިވެ ޑި ބޮއާ އަށް ޕްރެޝަރު

މިލާން (ސެޕްޓެމްބަރު 16) - ޔުރޮޕާ ލީގުގައި ރޭ އިޒްރޭލުގެ ހަޕޮއެލް ބެއެރް ޝެވާ އަތުން އަމިއްލަ ދަނޑުގައި 2-0 އިން ބަލިވެ އިންޓަ މިލާނުގެ ކޯޗު ނެދަލެންޑްސްގެ ފްރޭންކް ޑޮ ބޮއާގެ މަގާމް ގެއްލުމުގެ ބިރާ ކުރިމަތިވެއްޖެ އެވެ.

މަޝްހޫރު ބައެއް ކުޅުންތެރިން ގެނެސް އިންޓަ ވަރުގަދަކޮށްފައިވާއިރު، އެ ޓީމު އިޓާލިއަން ލީގުގައި ކުޅުނު ތިން މެޗުގެ ތެރެއިން ވެސް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. އެއް މެޗުން ބަލިވެ އަނެއް މެޗު ވަނީ އެއްވަރުވެފަ އެވެ.

ކްލަބާ މައްސަލަ ޖެހިގެން ރޮބާޓޯ މަންޗިނީ އިސްތިއުފާ ދިނުމުން ސީޒަން ފެށުމުގެ ދެ ހަފުތާ ކުރިން އިންޓަގެ ކޯޗުކަމަށް ގެނައި ޑި ބޮއާ އަށް ކްލަބުން ދޭ ފަހު ފުރުސަތަކީ، ރިޕޯޓްތައް ބުނާ ގޮތުގައި އާދީއްތަ ދުވަހު ޔުވެންޓަސްއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުން ބަލިވެއްޖެ ނަމަ ޑި ބޮއާ ވަކިކުރުމަށް ފަހު އޭސީ މިލާނާއި ރެއާލް މެޑްރިޑް އަދި އިންގްލެންޑުގެ ކުރީގެ ކޯޗު ފަބިއޯ ކަޕެއްލޯއާ އިންޓަ ހަވާލުކުރާނެ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

އަޔަކްސްގެ ކުރީގެ ކޯޗު ޑި ބޮއާ ބުނީ މި މެޗުގައި އިންޓަގެ ކުޅުންތެރިންގެ ފަރާތުން ބައެއް ވަގުތު ފެނުނީ ފަރުވާކުޑަ ކުޅުމެއް ކަމަށާއި ދެ ވަނަ ހާފު ފެށުނުއިރު ކޮންޓްރޯލް އޮތް ކަމަށެވެ. އަދި އިދިކޮޅު ޓީމުގެ ލަނޑާ އެކު، އިންޓަ އިން ބަލަން ޖެހޭނީ ފަހަތުން އަރައި ނަތީޖާ ނެރެން ކަމަށާއި އެކަމަކު އެވަގުތު ފެނުނީ ތެޅިފޮޅިގަނެގެން އިތުރު ލަނޑެއް ބައިކޮޅަށް ވަން މަންޒަރު ކަމަށެވެ.

މިގުއެލް ވިޓޯގެ ލަނޑުން 54 ވަނަ މިނެޓުގައި ބެއެރް ޝެވާ އިން ލީޑު ނެގުމަށް ފަހު ލީޑު ފުޅާކުރީ 69 ވަނަ މިނެޓުގައި ބުޒަގްލޯގެ ލަނޑުންނެވެ.