05 އޯގަސްޓް 2019 - 12:11

ފިޝަރީޒް ޕްރޮޖެކްޓުގެ ދަށުން މަސް ދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ގާއިމްކުރުމަށް ދޫކުރާ "ކަނޑުފަޅުގެ ނަފާ" ލޯނުން ރަހުނު އުނިކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި މަހުގެ އެއްވަނަ ދުވަހަށް މި ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވުމާ ގުޅިގެން ރަހުނު އުނިކުރުމާ އެކު މުއްދަތު ވެސް އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން އެއް މަސްދުވަހުގެ މުއްދަތަށް މި ފުރުސަތު ވަނީ އިތުރުކޮށްފަ އެވެ. ލޯނަށް އެދުމުގެ އެންމެ ފަހުގެ ވަގުތަކީ އަންނަ މަހުގެ ދެ ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.
ކަނޑުފަޅުގެ ނަފާ ލޯނަކީ ރާއްޖޭގެ އެކި ހިސާބުގައި ބަހައްޓާފައިވާ އައިސްޕްލާންޓުތަކުން މަސްވެރިން ބޭނުންވާ ވަރަށް އައިސް ނުލިބޭތީ ދޭ ލޯނެކެވެ. މި ލޯނުގެ ސަބަބުން އައިސް ހޯދުމަށް މަސްވެރިން ކުރާ ހަރަދުތައް ކުޑަވެ ބާނާ މަސްތައް ގިނަ ވަގުތު ތާޒާކަންމަތީގައި ބެހެއްޓޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މި ލޯނަށް އެދެން ބޭނުންވާ ފަރާތްތަކަށް ފިޝަރީޒް މިނިސްޓްރީންނާއި ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިސަސް ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ފޯމު ދޫކުރާނެ އެވެ. މީގެ އިތުރުން އެސްޑީއެފްސީގެ ވެބްސައިޓުން ވެސް މި ފޯމު ޑައުންލޯޑް ކުރެވޭނެ އެވެ.
ކަނޑުފަޅުގެ ނަފާ ލޯނުގެ ގޮތުގައި 3،084،000 ރުފިޔާ ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.