06 އޯގަސްޓް 2019 - 07:32

ޖިންސީ ގޯނާ ލިބޭ އަންހެނުންނާއި އަންހެން ކުދިންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް، އިނގިރޭސިވިލާތަށް އުފަން ހޮލީވުޑްގެ ބަތަލާ އެމާ ވަޓްސަން ފަށައިފި އެވެ.
އެހީތެރިކަން ބޭނުންވާ އިނގިރޭސިވިލާތާއި ވޭލްސްގެ ރައްޔިތުން ގުޅަން ހާއްސަ ހޮޓްލައިނަކާ އެކު ތައާރަފު މި ހިދުމަތް އެމާ ލޯންޗްކޮށްފައި ވަނީ ޓައިމްސް އަޕް ޔޫކޭ ޖަސްޓިސް އެންޑް އިކުއަލިޓީ އާއި އަންހެނުންނާއި އަންހެން ކުދިންނަށް މާލީ ގޮތުން އެހީވާ ޗެރިޓީ ރޯޒާއާ ގުޅިގެންނެވެ.
އެމާ ބުނި ގޮތުގައި ޖިންސީ ގޯނާތަކާއި ފުރައްސާރަ ލިބޭ މީހުންނަށް ހާއްސަކުރި ހޮޓްލައިން 020 7490 0152 އަށް ގުޅުމުން އެ މީހެއްގެ ފަރާތުން މައްސަލަތަކުގައި ވަކާލާތުކުރާނެ މީހަކު ރައިޓްސް އޮފް ވިމެން ޗެރިޓީން ހަމަޖައްސާނެ އެވެ.
"ހެރީ ޕޮޓާ" ގެ ފިލްމުތަކުން ވިދައިލި އަދި "ބިއުޓީ އެންޑް ދަ ބީސްޓް" ފަދަ ކާމިތާބު ފިލްމުތައް ކުޅެފައިވާ 29 އަހަރުގެ ބަތަލާ ބުނީ ޖިންސީ ގޯނާތަކާއި ފުރައްސާރަތަކުގެ މައްސަލަ އޮތީ ކަންބޮޑުވާން ޖެހޭ ހިސާބެއްގައިކަން ގަބޫލުކުރާ ކަމަށެވެ. އަދި އަންހެނުންނާއި އަންހެން ކުދިންގެ ހިމާޔަތާއި ރައްކާތެރި ކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭކަން މިހާރު ގިނަ ބަޔަކު ގަބޫލު ވެސް ކުރާ ކަމަށް ބުންޏެވެ.
"އެހެންވެ އަހަރެންގެ އުންމީދަކީ އަންހެނުންގެ ހައްގުތަކަށް ކަށަވަރުކޮށްދޭން މަސައްކަތްކޮށް، އެ މީހުންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށް ދިނުން. މި މަސައްކަތުން މިކަމަށް ކޮންމެވެސް ވަރެއްގެ ނަތީޖާ އަށް އަންނާނެ ކަމުގެ އުންމީދު ބޮޑު،" ދަ ސާކަލް އާއި ކޮލޯނިއާ ފަދަ ފިލްމުތައް ވެސް ކުޅުނު ބަތަލާ ބުންޏެވެ.
އެމާ ބުނި ގޮތުގައި މަސައްކަތުގެ މާހައުލުގައި ވެސް އަންހެނުންނަށް ޖިންސީ ގޯނާތަކާ ކުރިމަތިލާން ޖެހުމަކީ ވަރަށް ކަންބޮޑުވާ ކަމެކެވެ. އަދި މިކަހަލަ ކަންކަމާ ދެކޮޅަށް އެންމެން ވެސް ތެދުވަން ޖެހޭ ކަމަށް ބުންޏެވެ.
ދާދި ފަހުން ޓްރޭޑް ޔުނިއަން ކޮންގްރެސް (ޓީޔޫސީ) އިން ހެދި ދިރާސާއެއްގައި ބުނި ގޮތުގައި ކޮންމެ ދެ އަންހެނުން އެކަކީ މަސައްކަތުގެ މާހައުލުގައި ޖިންސީ ގޯނާއާ ކުރިމަތިލާން ޖެހޭ މީހެކެވެ.
ރައިޓްސް އޮފް ވިމެންގެ ސީނިއާ ލީގަލް އޮފިސަރު ދީބާ ސައިދު ވިދާޅުވި ގޮތުގައި މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ކުރާ ޖިންސީ ގޯނާ ގިނަ ފަހަރަށް އޮންނަނީ ސިއްރު ކުރެވިފަ އެވެ. އެހެންވެ އަންހެނުންގެ ހައްގުގައި ވަކާލަތު ކުރާ އިރުމ އެކަމާ ދެކޮޅަށް އަޑު އުފުލުން އިތުރު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.