06 އޯގަސްޓް 2019 - 07:30

މަހެއްހާ ދުވަސްވީ ތުއްތު ދަރިފުޅުގެ ސިއްހަތަށް ނުރައްކާވާ ގޮތަށް އަމަލުކޮށް، އާންމުންގެ ސަމާލުކަން ހޯދަން ދަރިފުޅުގެ ވީޑިއޯ ޔޫޓިއުބަށް ލާ މައްސަލާގައި، މިސްރުގެ ޒުވާން ދެމަފިރިއަކަށް ދައުވާކުރަން ނިންމައިފި އެވެ.
ޒާތީ ދިރިއުޅުމުގެ މަންޒަރުތައް އާންމުކޮށް ޔޫޓިއުބްގައި ހިއްސާކުރާ އަހުމަދާއި ޒައިނަބްގެ މައްސަލަ ހޫނުވީ ދަރިފުޅު ނިދިފައި އޮންނަ ވަގުތުތަކުގައި ވެސް އުނދަގޫކޮށް، އެ ކުއްޖާގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ކަމަށް ގިނަ ބަޔަކު ބުނަން ފެށުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން ވަރަށް ގިނަ ބަޔަކު އެ ދެމަފިރިންނަށް ފާޑު ކިޔައި މި މައްސަލަ މިސްރުގެ ނެޝަނަލް ކައުންސިލް ފޮ މަދަހުޑް އެންޑް ޗައިލްޑްހުޑަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.
އެތަނަށް ޝަކުވާ ހުށަހެޅި ގިނަ މީހުން ބުނެފައިވާ ގޮތުގައި ޒައިނަބާއި އަހުމަދު އެ މީހުންގެ ތުއްތު އަންހެން ދަރިފުޅުގެ ބޭނުންް ހިފަނީ ނަހަމަ ގޮތުގަ އެވެ. އަދި ޔޫޓިއުބަށް ވީޑިއޯތައް ލައިގެން އެ މީހުން ކުރާ ކަމަކީ އެއިން ފައިސާ ހޯދުން ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް ދެމަފިރިންގެ އަމަލުތައް ހުރި ގޮތުން ކުއްޖާ އޮތީ ރައްކާތެރި މާހައުލެއްގައި ނޫން ކަމަށާއި ނިދިފައި އޮއްވައި ވެސް އަލިގަދަ ބޮކިތައް ދިއްލައިގެން ކުއްޖާ ވީޑިއޯ ކުރުމަކީ އެ ކުއްޖާގެ ސިއްހަތަށް ހުރި ގެއްލުމެއް ކަމަށް ވެސް ގިނަ ބަޔަކު ބުންޏެވެ.
"ވަރަށް ގިނަ މީހުން ދެމަފިރިންގެ އަމަލުތައް ހުރި ގޮތުން އަހަރެމެންގެ ޗައިލްޑް ހެލްޕް ސާވިސް އަށް ވަރަށް ޝަކުވާތައް ހުށަހަޅާފައި އެބަހުރި،" ނެޝަނަލް ކައުންސިލް ފޮ މަދަހުޑް އެންޑް ޗައިޑްހުޑްގެ ޗެއާވުނަން އައްޒާ އަލް އަޝްވަމީ ވިދާޅުވި އެވެ. "އެހެންވެ މިކަން ބަލަމުން މިހާރު މި އަންނަނީ."
އޭނާ ވިދާޅުވި ގޮތައި އަހުމަދާއި ޒައިނަބު އަޕްލޯޑްކުރާ ވީޑިއޯތައް، ލިބުނު ޝަކުވާތަކާ ގުޅިގެން އެނަލައިޒް ކުރި އިރު، އެ މީހުންގެ އެ އަމަލުތައް ހުރީ ކުޑަކުއްޖަކު "އެބިއުޒް" ކުރާ ގޮތަށް ކަމަށެވެ. އަދި އެއީ ގާނޫނީ ކުށެއް ކަމަށް ވިދާޅުވި އެވެ.
އެހެންވެ މި މައްސަލަ ނެޝަނަލް ކައުންސިލް ފޮ މަދަހުޑް އެންޑް ޗައިޑްހުޑް އިން މިސްރުގެ ޗީފް ޕްރޮސެކިއުޓާގެ ސަމާލު ކަމަށް ވެސް މިހާރު ވަނީ ގެނެސްފަ އެވެ. އަދި މި މައްސަލާގައި ދެމަފިރިންނަށް ދައުވާ ކުރަން ވަނީ ނިންމައިފަ އެވެ.
ޗީފް ޕްރޮސެކިއުޓާ ނަބީލް ސާދިގް ހޮނިހިރު ދުވަހު ވިދާޅުވީ މައްސަލަ މިހާރު ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.
ދަރިފުޅުގެ ބޭނުން ނަމަ ހޮތުގައި ހިފާ މައްސަލަ ޒައިނަބާއި އަހުމަދުގެ މައްޗަށް ސާބިތުވެއްޖެ ނަމަ ފަސް އަހަރުގެ ޖަލު ހުކުމަކާ އެކު 50،000 އިޖިޕްޝަން ޕައުންޑް (3,021.46 ޑޮލަރު) ގެ ޖޫރިމަނާއެއް އަންނާނެ އެވެ.