ޓެންޒޭނިއާ އިން ފެނުނީ ގެއްލިފައިވާ މެލޭޝިއާ އެއާލައިންސްގެ ބައެއް
ޓެންޒޭނިއާ އިން ފެނުނީ ގެއްލިފައިވާ މެލޭޝިއާ އެއާލައިންސްގެ ބައެއް

ސިޑްނީ (ސެޕްޓެމްބަރު 16) - ޓެންޒޭނިއާ އިން ފެނުނު މަތިންދާ ބޯޓެއްގެ ބަޔަކީ ގެއްލިފައިވާ މެލޭޝިއަން އެއާލައިންސްގެ ފްލައިޓް އެމްއެޗް370 ގެ ބައެއްކަން އޮސްޓްރޭލިއާގެ ތަހުގީގު ކުރާ ފަރާތްތަކުން ޔަގީންކޮށްދީފަ އެވެ.

ޓެންޒޭނިއާ އިން ފެނުނީ ގެއްލިފައިވާ މެލޭޝިއާ އެއާލައިންސްގެ ބައެއް
ޓެންޒޭނިއާ އިން ފެނުނީ ގެއްލިފައިވާ މެލޭޝިއާ އެއާލައިންސްގެ ބައެއް

މިދިޔަ ޖޫން މަހު 20 ވަނަ ދުވަހު ޓެންޒޭނިއާ އިން ފެނިފައި ވަނީ މަތިންދާ ބޯޓެއްގެ ފިޔަގަނޑުގެ ބައެކެވެ. އޮސްޓްރޭލިއާގެ ޓްރާންސްޕޯޓް ސޭފްޓީ ބިއުރޯ އިން ބުނީ ފިޔަގަނޑުން ބައެއް ނެއްޓެން ދިމާވި ސަބަބު ހޯދުމަށް އިތުރު ދިރާސާތައް ކުރަމުންދާ ކަމަށެވެ. އޭރުން ބޯޓު މޫދުގައި ޖެހުނު އިރު ވެސް އުދުހެމުން ދިޔަކަން ނުވަތަ ނޫންކަން ކޮންމެވެސް ވަރަކަށް ލަފާކުރެވޭނެ އެވެ.

އެމްއެޗް370، 239 މީހުންނާ އެކު ގެއްލުނީ މާޗް 2014 ގަ އެވެ. ބޯއިން 777 ގެ ބޯޓު އިންޑިއާ ކަނޑުގެ ދެކުނަށް ވެއްޓިފައިވާނެ ކަމަށް ތަޖްރިބާކާރުން ލަފާކުރެ އެވެ.

އޮސްޓްރޭލިއާގެ ތަހުގީގު ޓީމުން ވަނީ ޓެންޒޭނިއާ އިން ފެނުނު މަތިންދާ ބޯޓުގެ ބައިގެ ޕާޓް ނަމްބަރާއި ޑޭޓް ސްޓޭޕް އަދި ބޯއިން ޕާޓް ނަމްބަރާއި އައިޑެންޓިފިކޭޝަން ސްޓޭމްޕުގައިވާ އޯއެލް ނަމްބަރު ބަލައިފަ އެވެ. އިޓަލީގެ މެނުފެކްޗާ ކުންފުނިން ވަނީ ރެކޯޑްތައް ބެލުމަށް ފަހު، އެ ނަމްބަރުތަކަކީ ގެއްލިފައިވާ ބޯޓުގެ ނަމްބަރުތައް ކަން ޔަގީންކޮށްދީފަ އެވެ.

މޮޒަމްބީގުންނާއި މަޑަގަސްކަރަ އަދި ރިޔޫނިއަން އިން ވެސް ވަނީ މަތިންދާ ބޯޓުގެ ބައިތައް ވޭތުވެދިޔަ ދުވަސްތަކުގައި ފެނިފަ އެވެ. މީގެ ތެރޭން ބައެއް ތަކެއްޗަކީ އެމްއެޗް370ގެ ބައިތައް ކަން ވަނީ ޔަގީންކޮށްފަ އެވެ.

ގެއްލިފައިވާ ބޯޓު ހޯދުމަށް ކަނޑު އަޑި ބެލުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ އޮސްޓްރޭލިއާ އިންނެވެ. ބޯޓު ހޯދުމުގެ މަސައްކަތުގައި މެލޭޝިއާ އާއި ޗައިނާ އިން ވެސް ދަނީ ބައިވެރިވަމުންނެވެ. ބޯޓު ހޯދަން ކަނޑު އަޑި ބަލަން ކަނޑައެޅި 120،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދުގެ ތެރޭން މިހާތަނަށް ވަނީ 105،000 އަކަ ކިލޯ މީޓަރު (40،500 އަކަ މޭލު) ގެ ސަރަހައްދެއް ބަލައިފަ އެވެ. ތިން ގައުމުން މިހާރު ނިންމާފައި ވަނީ ބޯޓު އޮތް ތަނަކާ ބެހޭ ހެއްކެއް ނުލިބިއްޖެ ނަމަ ބޯޓު ހޯދުމުގެ މަސައްކަތް މި އަހަރު ފަހުކޮޅު ހުއްޓާލާ ގޮތަށެވެ.