ލިވަޕޫލް ވަރުގަދަ ވިޔަސް ބަލިކުރެވޭނެ: ކޮންޓޭ
ލިވަޕޫލް ވަރުގަދަ ވިޔަސް ބަލިކުރެވޭނެ: ކޮންޓޭ

ލަންޑަން (ސެޕްޓެމްބަރު 16) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާ ދެކޮޅަށް ނުކުންނައިރު އެއީ ވަރުގަދަ ޓީމެއް ކަން އެނގޭ ކަމަށާއި އެކަމަކު އެ ޓީމު ބަލިކުރެވޭނެ ކަަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ލިބުނު ދިހަ ޕޮއިންޓާ އެކު ޗެލްސީ އޮތީ ލީގުގެ ދެ ވަނައިގަ އެވެ. ހަތަރު މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު ލިވަޕޫލް އޮތީ ހަ ވަނައިގަ އެވެ.

ކޮންޓޭ ބުނީ ލިވަޕޫލަކީ މި ސީޒަނަށް އެންމެ ރަނގަޅަށް ތައްޔާރުވި އެއް ޓީމު ކަމަށެވެ.

"ލިވަޕޫލް ވަރުގަދަ. އަހަރެން މި ތައްޔާރުވަނީ ވަރުގަދަ މެޗަކަށް. ލިވަޕޫލަކީ މި ސީޒަނަށް އެންމެ ކުރިން ތައްޔާރުވި ޓީމު. ތަފާތު ސްޓައިލަކަށް ކުޅޭ ޓީމެއް ލިވަޕޫލަކީ. ވަރަށް ސަމާލުވެގެން ކުޅެން ޖެހޭ މެޗެއް މިއީ،" ކޮންޓޭ ބުންޏެވެ.

ލީގުގައި އެންމެ ފަހުން ސްވަންސީ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާއެއްގެ ސަބަބުން ޗެލްސީގެ ކެޕްޓަން ޖޯން ޓެރީ ވަނީ 10 ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިފަ އެވެ. މިރޭ ލިވަޕޫލާ ދެކޮޅަށް ޓެރީގެ ބަދަލުގައި ކުޅޭނީ މިފަހަރު ޓްރާންސްފާގައި ޗެލްސީއާ ދެ ވަނަ ފަހަރަށް ގުޅުނު ބްރެޒިލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒް އެވެ.

"ލިވަޕޫލާ ދެކޮޅަށް ލުއިޒް ކުޅޭނެ. މިއީ ލުއިޒްގެ ބޭނުން ޓީމަށް ޖެހޭ ވަގުތު. އަހަރެންގެ އިތުބާރު އޭނާ އަށް އެބައޮތް. ލުއިޒް އަކީ ޗެލްސީ އަށް އާ މޫނެއް ނޫން. މި ކްލަބް ވަރަށް ރަނގަޅަށް ލުއިޒް އަށް އެނގޭނެ،" ކުރިން ޔުވެންޓަސް އަށް ކޯޗުކޮށްދިން ކޮންޓޭ ބުންޏެވެ.

ކޮންޓޭ ހަވާލުވި ފަހުން ޗެލްސީގެ ފުރަތަމަ އެގާރައިން ސްޕެއިނުގެ މިޑްފީލްޑަރު ސެސް ފަބްރެގަސް އަށް ފުރުސަތު ނުލިބެ އެވެ. ފަބްރެގަސްގެ މުސްތަގުބަލާ ގުޅޭގޮތުން މީޑިއާގައި ތަފާތު ވާހަކަތައް ދެކެވެމުން އަންނައިރު، ކޮންޓޭ ބުނީ ފަބްރެގަސް އަކީ އޭނާގެ ޕްލޭނުގައި ހިމެނޭ ކުޅުންތެރިއެއް ކަމަށާއި އޭނާ ނުވިއްކާނެ ކަމަށެވެ.

މިދިޔަ ސީޒަނުގައި ޗެލްސީ ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ ފަހަތުން އަރައި 3-1 އިންނެވެ. އެހެން ނަމަވެސް ލިވަޕޫލް ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި މިރޭ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.