04 އޯގަސްޓް 2019 - 15:34

ރ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ ހުޅުވައިފި އެވެ.

އެމަރެލްޑް ކަލެކްޝަނުގެ މި ރިސޯޓު ހުޅުވާފައި ވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ. މި ރިސޯޓުގައި 60 ބީޗް ވިލާ އާއި 60 ވޯޓާ ވިލާ އާއެކު ޖުމްލަ 120 ވިލާ ހުރެ އެވެ.

މި ރިސޯޓުގައި ހަދާފައިވާ ވިލާތަކަކީ އެކި ފަންތީިގެ މީހުންނަށް ހާއްސަކޮށްގެން ހަދާފައިވާ ވިލާތަކެކެވެ. އެގޮތުން އެންމެ މަތީފަންތީގެ މީހުންނަށް ހާއްސަ ޕްރެޒިޑެންޝިއަލް ވިލާތަކުން ފެށިގެން ޖަކޫޒީ ވިލާތައް ހުރެ އެވެ. މީގެ އިތުރުން ވިޔަފާރި ދަތުރުތަކުގަ އާއި އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލަން އަންނަ ޓޫރިސްޓުންނަށް ވެސް މި ވިލާތައް ހާއްސަ ވާނެ އެވެ.
އެމަރަލްޑުން ބުނީ އެ ރިސޯޓުން ބޭނުންވަނީ ރިސޯޓަށް އަންނަ ޓޫރިސްޓުންނަށް ހަނދާނުން ނުފިލާވަރުގެ ތަޖުރިބާއެއް ހޯދައިދިނުން ކަމަށެވެ. އެގޮތުން ސްނޯކްލިން އާއި ޑައިވް އަދި ވޯޓާ ސްޕޯޓްސް ފަދަ ހިދުމަތް އެ ރިސޯޓުން ފޯރުކޮށްދޭނެ އެވެ.
އެމަރެލްޑް ރިސޯޓުގައި ތަފާތު އެކި ކުޒީންތައް ތައްޔާރު ކުރާ ހަތަރު ރެސްޓޯރެންޓެއް ހުރެ އެވެ. މީގެ ތެރޭގައި ޕިއްޒާ އާއި ޕާސްތާ ކަމުދާ މީހުންނަށް ހާއްސަ "ބީޗް ކްލަބް ގްރިލް ރެސްޓޯރެންޓް" އާއި އޭޝިއާގެ ތަފާތު ރަހަތަކަށް ހާއްސަ "ލެ އޭޝިއާޓީކް" ރެސްޓޯރެންޓާއި އެމެރިކާގެ ތަފާތު ކާނާތަކަށް ހާއްސަ "އެމަޒޯނިކް ރެސްޓޯރެންޓް" ގެ އިތުރުން ބްރެކްފާސްޓް ބުފޭތަކަށް ސާވް ކުރާ "އެކުއާ ރެސްޓޯރެންޓް" ހިމެނެ އެވެ.
މީގެ އިތުރުން ކުޑަކުދިންނަށް ހާއްސަ "ޑޯލްފިން" ކްލަބަކާއި ސްޕާއެއްގެ އިތުރުން ޖިމަކާއި ސްޕޯޓްސް ސެންޓަރެއް ވެސް މި ރިސޯޓުގައި ވަނީ ހަދައިފަ އެވެ. ސްޕޯޓްސް ސެންޓަރުގައި ދެ ޓެނިސް ކޯޓާއި ދެ ޕެޑަލް ކޯޓު ހުރެ އެވެ. މީގެ ތެރެއިން އެއް ޓެނިސް ކޯޓު ފުޓްބޯޅަ ކުޅެން ބޭނުންވާ ފަރާތްތަކަށް ބޭނުން ކުރެވޭނެ ހެން ވަނީ ޑިޒައިންކޮށްފަ އެވެ.