އީރާނުން އަނެއްކާވެސް "ބޭރުގެ އުޅަނދެއް" ހިފަހައްޓައިފި
އީރާނުން އަނެއްކާވެސް "ބޭރުގެ އުޅަނދެއް" ހިފަހައްޓައިފި

ތެހެރާން (އޮގަސްޓް 4) - އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން "ބޭރުގެ އުޅަނދެއް" ޕާސިއަން ގަލްފުން އަނެއްކާވެސް ހިފަހައްޓާފައިވާ ކަމަށް ރަސްމީ ނޫސް އެޖެންސީ އިރްނާ އިން މިއަދު ބުނެފި އެވެ.

މިއީ މަސް ދުވަސްތެރޭ އީރާނުން ހިފެހެއްޓި ތިން ވަނަ އުޅަނދެވެ.

ނޫސް އެޖެންސީން ބުނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބޭރުގެ އުޅަނދެއް ހިފެއްޓީ ވަގަށް ތެޔޮ ބޭރު ކުރަން އުޅުމުން ކަމަށެވެ. އެ ބޯޓުގައި 700،000 ލިޓަރުގެ ތެޔޮ ހުރި ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ. އަދި އެއީ ބައެއް އަރަބި ގައުމުތަކަށް ވަގަށް ތެޔޮ އުފުލަން އުޅުނު ބޯޓެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ބޯޓު ހިފެހެއްޓުމަށް ފަހު އޭގައި ތިބި ހަތް ފަޅުވެރިން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

އީރާނުން މިދިޔަ މަހު 18 ވަނަ ދުވަހު ވަނީ ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ އެމްޓީ ރިއާ ނަމަކަށް ކިޔާ އުޅަނދެއް ހިފަހައްޓައިފަ އެވެ. އޭގެ އެއް ދުވަސް ފަހުން ވަނީ އިނގިރޭސި ވިލާތުގެ ތެޔޮ ޓޭންކަރެއް ކަމަށްވާ ސްޓެނާ އިމްޕީރޯ ހޮރްމޫޒް ކަނޑުއޮޅިން ހިފަހައްޓައިފަ އެވެ. އެ ޓޭންކަރު ހިފެހެއްޓީ ހާލުގައި ޖެހުނު އުޅަނދަކަށް އެހީނުވެ ދިއުމުން ކަމަށް ތެހެރާނުން ބުނެ އެވެ.

ގަލްފުގައި ބޭރު ގައުމުތަކުގެ އުޅަނދުތައް އީރާނުން ހިފަހައްޓަން ފެށީ އެ ގައުމުގެ ތެޔޮ ހުރި ޓޭންކަރެއް ޖިބްރޯލްޓާގެ ބޭރުން އިނގިރޭސި ސިފައިން މިދިޔަ މަހު 4 ވަނަ ދުވަހު ހިފެހެއްޓުމާ ގުޅިގެންނެވެ.