04 އޯގަސްޓް 2019 - 14:53

ފިނޭންސް މިނިސްޓްރީން 2020-2022 އަށް ތައްޔާރުކުރާ މެދު ރާސްތާ ބަޖެޓަށް ބޭނުންވާ ކަންކަން ހުށަހެޅުމަށް ސަރުކާރު އޮފީސްތަކާއި ކައުންސިލްތަކަށް އަންގައިފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، އަންނަ އަހަރުން ފެށިގެން 2022 ވަނަ އަހަރަށް ކަނޑައަޅާ ބަޖެޓުގެ ފުރަތަމަ މަރުހަލާގެ ދަށުން ދައުލަތުގެ އޮފީސްތަކުން އަލަށް ހުށަހަޅަން ބޭނުންވާ ކަންކަން އެކުލަވާލައި، އެ މައުލޫމާތުތައް ހިއްސާކުރުމަށް އަންގާފައިވާނެ ކަމަށެވެ.
އެއަށްފަހު ބަޖެޓްގެ ދެ ވަނަ މަރުހަލާގެ ތެރެއިން ބޭސްލައިން ބަޖެޓް އެކުލަވާލަންޖެހެ އެވެ. ބޭސްލައިން ބަޖެޓަކީ އޮފީސްތަކުން މިހާރު ކުރިއަށްގެންދާ ނުވަތަ ހިނގަމުން އަންނަ ހަރަކާތްތަކާއި މަޝްރޫއުތައް ހިނގާނެ ކަމަށް ލަފާކުރާ ހަރަދުތަކުގެ މައްޗަށް އެކުލަވާލާ ބަޖެޓެކެވެ. މީގެ ތެރެއިން އަލަށް ފެށުމަށް ރާވާ ހަރަކާތްތަކާއި އިތުރަށް ނަގަން ބޭނުންވާ މުވައްޒަފުންގެ ތަފްސީލެއް ނުހިމަނާނެ އެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން ސަރުކާރުން ބޭނުންވާ ފައިސާ ހޯދުމަށް އެދި ކައުންސިލްތަކުން ވެސް ބަޖެޓެއް ހުށަހަޅަން ޖެހޭ އިރު އަންނަ އަހަރަށް ހުށަހަޅާ ބަޖެޓް ދިނުމަށް ނިންމާފައި ވަނީ ބްލޮކް ގްރާންޓްގެ ގޮތުގަ އެވެ. މި ބަދަލާ އެކު ކައުންސިލްތަކުން ހުށަޙަޅާ ބަޖެޓުތައް ކަނޑައެޅުމަށް ވަކި ސީލިންއެއް ނޯންނާނެ އެވެ.
ކައުންސިލްތަކުން ބަޖެޓް ހުށަހެޅުމުގައި އަތޮޅު ކައުންސިލާއި ސިޓީ ކައުންސިލްގެ ބަޖެޓް ސީދާ ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅާއިރު ރަށު ކައުންސިލްގެ ބަޖެޓް ހުށަހަޅަން ޖެހެނީ އަތޮޅު ކައުންސިލްތައް މެދުވެރިކޮށެވެ.
ފިނޭންސް މިނިސްޓްރީ އަށް ބޭސްލައިން ބަޖެޓްތައް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީހަކީ މި މަހުގެ 25 ވަނަ ދުވަހެވެ. މި މުއްދަތުގައި ސަރުކާރުގެ އިދާރާއަކުން ފިނޭންސަށް ބަޖެޓް ހުށަނާޅައިފި ނަމަ، އެ އިދާރާއެއްގެ ބަޖެޓް ތައްޔާރު ކުރާނީ އެ މިނިސްޓްރީންނެވެ. ފިނޭންސް މިނިސްޓްރީން ކޮންމެ އަހަރެއްގެ ބަޖެޓު އޮކްޓޯބަރު 31 ގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހެ އެވެ.