05 އޯގަސްޓް 2019 - 07:32

މީގެ ދެ އަހަރު ކުރިން ރިލީޒްކުރި "ދަ ޝޭޕް އޮފް ވޯޓާ" އިން އެންމެ މޮޅު ޑައިރެކްޓަރުގެ އޮސްކާ އެވޯޑް ހޯދި ގްލިމޯ ޑެލް ޓޯރޯގެ އާ ފިލްމު "ނައިޓްމެއާ އެލީ" ގެ ބަތަލާގެ ރޯލް ކޭޓް ބްލެންޝެޓަށް ހުށަހަޅައިފި އެވެ.
ވެރައިޓީން ބުނި ގޮތުގައި އޮސްކާ އެވޯޑް ވެސް ހޯދާފައިވާ ބަތަލާ އެކު ފިލްމުގެ ޓީމުން މިހާރު މަޝްވަރާތައް ކުރަމުން އަންނަ އިރު، އޭނާ ފިލްމަށް އެއްބަސްވުމުގެ ފުރުސަތު ބޮޑެވެ. އެހެންވެއްޖެ ނަމަ "ނައިޓްމެއާ އެލީ" ގައި އެކްޓަރު ބްރެޑްލީ ކޫޕާއާ އެކު، ބްލެންޝެޓް ސްކްރީން ހިއްސާކުރާނެ އެވެ.
"ނައިޓްމެއާ އެލީ" އަކީ ކުރިން ލިއޮނާޑީ ޑި ކެޕްރިއޯ އަށް ހުށަހެޅި ފިލްމެކެވެ. އެކަމަކު އޭނާގެ ބަދަލުގައި ފިލްމުގެ ބަތަލުގެ ރޯލް ކޫޕާ އަށް ދިނީ، ލިއޮނާޑޯގެ ފަރާތުން ފިލްމަށް އެއްބަސްވާނެ ކަމުގެ އިޝާރާތެއް ނުލިބުންނެވެ.
"ނައިޓްމެއާ އެލީ" ގެ ޝޫޓިން އަންނަ އަހަރުގެ ކުރީކޮޅު ފަށަން ތާވަލުކޮށްފައިވާ އިރު، ބްލެންޝެޓް މިހާރު އަންނަނީ އެފްއެކްސްގެ ލިމިޓެޑް ސީރީޒް "މިސިޒް އެމެރިކާ" ގެ މަސައްކަތް ކުރަމުންނެވެ. "އެލިޒަބަތު" އާއި "ކިއުރިއަސް ކޭސް އޮފް ބެންޖަމިން ބަޓަން" އަދި "އޯޝަންސް 8" ފަދަ ފިލްމުތައް ކުޅެފައިވާ 50 އަހަރުގެ ބަތަލާގެ ކުރިއަށް އޮތް ފިލްމަކީ މި މަހު ރިލީޒް ކުރާ "ވެއާ ވުޑް ޔޫ ގޯ، ބާނަޑެޓް؟" އެވެ.
ލިޔުންތެރިޔާ ވިލިއަމް ލިންޒީ ގްރެޝަމް 1946 ގައި ގެނެސް ދިން ވާހަކަ "ނައިޓްމެއާ އެލީ" އަށް ބިނާކޮށް ހަދާ ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ "ދަ ޝޭޕް އޮތް ވޯޓާ" ގެ ސްކްރީންޕްލޭ ވެސް ލިޔުނު ޑައިރެކްޓަރު ގްލިމޯ އާއި ކިމް މޯގަން ގުޅިގެންނެވެ.