06 އޯގަސްޓް 2019 - 07:34

މި މަހު ރިލީޒް ކުރާ ފިލްމު "ސާހޯ" އަށް ފަހު، އެކްޓަރު ޕްރަބާސް ކައިވެނި ކުރަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާތަކުން ބުނެފި އެވެ.
މީޑިއާތަކާ ބީރައްޓެހިކޮށް އުޅޭ ޕްރަބާސްގެ އާއިލާގެ މީހަކާ ހަވާލާދީ ޕިންކްވިލާ އިން ބުނީ 39 އަހަރުގެ އެކްޓަރު ވަރަށް އަވަހަށް ކައިވެނި ކުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި އޭނާ ކައިވެނިކުރަނީ އާއިލާއާ ގާތް ގުޅުމެއް އޮންނަ އެމެރިކާގައި ދިރިއުޅޭ އިންޑިއާގެ ވިޔަފާވެރިއެއްގެ ދަރިއަކާ ކަމަށް ވެސް ބުންޏެވެ. އެކަމަކު އަންހެން ކުއްޖާގެ ނަމެއް ހާމައެއް ނުކުރެ އެވެ.
"އާއިލާ ތެރޭގައި ކައިވެނީގެ ތައްޔާރީތައް ވަރަށް ބޮޑަށް ވަމުން މި އަންނަނީ. ސާހޯގެ ހުރިހާ މަސައްކަތްތަކަކުން އަތްދޫކޮށްލެވުނީ ޕްރަބާސްގެ ކައިވެނި މާ ލަހެއް ނުވެ ކުރެވޭނެ،" އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ. "އަހަރެމެން އެންމެން ވެސް ބޭނުންވާ ވަރަށް ކުލަގަދަ ހަފުލާއަކަށް އޭނާގެ ކައިވެނީގެ ހަފުލާ ހަދަން."
ޕްރަބާސްއަކީ "ބާހްބަލީ" ގެ ދެ ފިލްމު ކުޅެގެން ބޮޑު މަޝްހޫރު ކަމެއް ހޯދި ތެލެގޫ އެކްޓަރެކެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޕްރަބާސް އާއި "ބާހްބަލީ" ގެ ބަތަލާ އަނުޝްކާ ޝެޓީ ވެސް ލޯބީގެ ގުޅުމެއް ބޭއްވި އެވެ. އެކަމަކު އެކަމަކާ ދެ ތަރިން އެއްބަހެއް ނުވެ އެވެ.
ދާދި ފަހުން ކައިވެންޏާ ބެހޭ ގޮތުން ސުވާލު ކުރުމުން ޕްރަބާސް ބުނީ ޒާތީ ކަންކަމާ ބެހޭ ގޮތުން މީޑިއާތަކުގައި ވާހަކަ ދެއްކުމަކީ އޭނާ ކުރާ ހިތްވާ ކަމެއް ނޫން ކަމަށެވެ.
މި މަހުގެ 30 ގައި ރިލީޒް ކުރާ "ސާހޯ" އަކީ "ބާހްބަލީ" ގެ ފިލްމުތަކަށް ފަހު، ޕްރަބާސް ކުޅުނު ފުރަތަމަ ފިލްމެވެ. އަދި މި ފިލްމަކީ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ. "ސާހޯ" ގެ ބަތަލާއަކީ ޝްރަދާ ކަޕޫރެވެ.