04 އޯގަސްޓް 2019 - 14:23

މި އަހަރުގެ ދެވަނަ ކުއާޓާގައި ރީޓެއިލް ވިޔަފާރިތަކަށް ރަނގަޅު އާމްދަނީއެއް ލިބުނު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކުއާޓާލީ ބިޒްނަސް ސާވޭ އިން ދައްކައިފި އެވެ.
އެމްއެމްއޭ އިން ބުނީ ސާވޭގައި ބައިވެރިވި 42 ޕަސެންޓް ވިޔަފާރިތަކުން މިދިޔަ ތިން މަހުގެ ސްޓޮކް އޭގެ ކުރީ ތިން މަހަށް ވުރެ އިތުރު ކަމަށް ބުނެފައިވާ ކަމަށެވެ. ސްޓޮކް އިތުރުކުރި ނަމަވެސް މުވައްޒަފުން އިތުރު ނުކުރާ ކަމަށް ސާވޭ އަށް މައުލޫމާތު ދިން 69 ޕަސެންޓް ވިޔަފާރިތަކުން ބުނެފައިވެ އެވެ.
މިދިޔަ ކުއާޓާގައި ވިޔަފާރިތަކުގެ އާމްދަނީ އިތުރުވި އިރު ހަރަދުތަކަށް މާބޮޑު ބަދަލެއް ނާންނަ ކަމަށް ވެސް ސާވޭގައި ބައިވެރިވި 56 ޕަސެންޓް ވިޔަފާރިތަކުން ވަނީ ބުނެފަ އެވެ.
ސާވޭގައި ބައިވެރިވި ވިޔަފާރިތަކުން ލަފާކޮށްފައިވާ ގޮތުގައި، މި އަހަރުގެ ދެވަނަ ކުއާޓާ އަށް ވުރެ ތިން ވަނަ ކުއާޓާގައި ވިޔަފާރިތަކުގެ އާމްދަނީ އިތުރަށް ރަނގަޅުވާނެ އެވެ.
އެމްއެމްއޭގެ ކުއާޓަލީ ބިޒްނަސް ސާވޭގެ ބޭނުމަކީ ރާއްޖޭގެ ވިޔަފާރި މާހައުލަށް އަންނަ ބަދަލުތަކާއި އިގްތިސާދަށް އަންނަ ބަދަލުތައް ދެނެގަތުމެވެ. މި ސާވޭއަށް މައުލޫމާތު ނަގަނީ ކުންފުނިތަކުގެ ވެރިންނާއި އިސް މެނޭޖްމެންޓުގެ މީހުންނާ ސުވާލުކޮށްގެންނެވެ. އެމްއެމްއޭ އިން މި ސާވޭ ކުރިއަށް ގެންދިޔައީ ޖޫން 25 އިން ޖުލައި 9 އަކަށެވެ. މި ސާވޭގައި ކޮންސްޓްރަކްޝަން ދާއިރާ އާއި ޓޫރިޒަމާއި ރީޓެއިލް ވިޔަފާރިތައް ހިންގާ 175 ފަރާތަކާ ސުވާލުކޮށްފައިވެ އެވެ.