05 އޯގަސްޓް 2019 - 07:33

ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ވެބް ސީރީޒެއް ޑައިރެކްޓްކުރަން ތައްޔާރުވާން ފަށައފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އޭނާގެ އަމިއްލަ ސްކްރީންޕްލޭއަކަށް ހަދާ ވެބް ސީރީޒް "ތަންޑަވް" އަކީ ޕޮލިޓިކަލް ތުރިލާއެކެވެ. އަދި މިއަށް ކާސްޓުން ނެގުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ލީޑް ރޯލުން ސައިފް އަލީ ހާން ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ބުންޏެވެ.
ސައިފަކީ މިހާރު ވެބް ސީރީޒްތަކަށް އާ ތަރިއެއް ވެސް ނޫނެވެ. އޭނާ މުހިއްމު ރޯލެއް ކުޅޭ ނެޓްފްލިކްސްގެ "ސެކްރެޑް ގޭމްސް" ގެ ފުރަތަމަ ސީޒަނުގެ ބޮޑު ކާމިޔާބީ އަށް ފަހު، މިހާރު އަންނަނީ ދެވަނަ ސީޒަން ސްޓްރީމް ކުރަން ތައްޔާރުވަމުންނެވެ.
"ތަންޑަވް" ވެގެން ދާނީ އަލީގެ ފުރަތަމަ ވެބް ސީރީޒަށެވެ. އަދި ސައިފް އެއަށް އެއްބަސްވެއްޖެ ނަމަ އެ ވެގެން ދާނީ އަލީ އާއި ސައިފް އެކީގައި މަސައްކަތްކުރާ ފުރަތަމަ ފަހަރަށެވެ. ހަންގާމާ އިން ބުނި ގޮތުގައި މި ވެބް ސީރީޒް ގެނެސް ދޭނީ އަންނަ އަހަރު އެވެ. އެކަމަކު ކޮން ޕްލެޓްފޯމަކުން ކަމެއް އަދި ނޭނގެ އެވެ.
ޖޫން މަހު ސަލްމާން ހާނާއި ކެޓްރީނާ ކެއިފާ އެކު "ބާރަތު" ގެނެސް ދިން އަލީ މިހާރު އަންނަނީ އޭނާ ޕްރޮޑިއުސް ކުރާ ފުރަތަމަ ފިލްމު "ކާލީ ޕީލީ" ގެ މަސައްކަތް ވެސް ފެށުމަށް ތައްޔާރުވަމުންނެވެ. އެ ފިލްމުގެ ތަރިންނަކީ އިޝާން ކައްތަރާއި އަނަންޔާ ޕާންޑޭ ކަމަށް މީޑިއާތަކުންނެވެ.
މީގެ އިތުރުން "ޓައިގާ ޒިންދާ ހޭ 3" އަކީ ވެސް އަލީގެ ކުރިއަށް އޮތް ޕްރޮޖެކްޓެކެވެ.