03 އޯގަސްޓް 2019 - 23:45

ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޓަގު ބޯޓެއްގައި ރާއްޖެ އިން ފިއްލަވައިގެން އުޅުއްވަނިކޮށް ހައްޔަރުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ދިރިއުޅުއްވާ ގެ ފުލުހުން ފާސްކުރަމުން އެބަދެ އެވެ.

ފުލުހުން ފާސްކުރަމުން އަންނަނީ އަދީބު ދިރިއުޅުއްވާ ގ. ހުމަށި ނުވަ ވަނަ ފްލޯ އެވެ. ކޯޓު އަމުރަކާ އެކު ފުލުހުން އެ ގެއަށް ވަތް އިރު، އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ އުޅުއްވާ ކަމަށް ވެ އެވެ.
ޓަގު ބޯޓުގައި މިދިޔަ ހޮނިހިރުދުވަހު އަދީބު ފިއްލެވި އިރު ނަޝްވާ ހުންނެވީ، އެނގިފައިވާ ގޮތުގައި، ސިންގަޕޫރުގަ އެވެ.
ފަޅުވެރިއަކަށް ވެވަޑައިގެން ޓަގު ބޯޓުގައި ދަތުރު ކުރައްވަނިކޮށް ކަނޑުމަތިން އަދީބު ހިފެހެއްޓެވީ އިންޑިއާގެ ސިފައިންނެވެ. އެކަމަކު އެމަނިކުފާނު މިހާރު ހުންނެވީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ހައްޔަރުކޮށް ރާއްޖެ ގެންނަން ދަތުރު ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ދައުލަތުގެ 1.3 ބިލިއަން ރުފިޔާ އެކުވެރިންގެ ކުންފުނި، އެސްއޯއެފަށް ޖަމާކުރި މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގުތަކަށް އަދީބު ގެންދެވީ އެއްބާރުލުން ދެއްވަމުންނެވެ. އެންމެ ފަހުން ތަހުގީގަށް އެމަނިކުފާނު ފުލުސް އޮފީހަށް ހާޒިރުވާން އެންގީ މިދިޔަ ބުދަ ދުވަހެވެ. އެ ދުވަހާ ހަމައަށް ވެސް އަދީބު މާލޭގައި ހުންނެވި ކަން ސާބިތުކޮށްދޭން އެމަނިކުފާނުގެ ފޯނުން ބައެއް މީހުންނާ މުއާމަލާތްކޮށްފައިވެ އެވެ. އެކަމަކު އެއީ ސީދާ އަދީބު ކަމެއް ނުވަތަ އެމަނިކުފާނު ފިއްލެވުމުގެ ޕްލޭންގައި ހިމެނޭ އެހެން ބަޔަކު ކަމެއް އަދި ސާފެއް ނުވެ އެވެ.
އަދީބު ރާއްޖެއިން ބޭރަށް ދަތުރު ކުރެއްވީ މޮންގޯލިއާގައި ރަޖިސްޓަރީ ކޮށްފައިވާ "ވާގޯ" ކިޔާ ޓަގު ބޯޓެއްގަ އެވެ. އެއީ އިންޑިއާއިން ހިލަ ހިފައިގެން އާންމުކޮށް ރާއްޖެ އަންނަ ޓަގް ބޯޓެކެވެ. އެ ޓަގް ބޯޓުގައި ފަޅުވެރިންގެ ގޮތުގައި މަސައްކަތް ކުރަނީ އިންޑިއާގެ ފަޅުވެރިއަކާއި އިންޑޮނިޝިއާގެ އަށް މީހުންނެވެ. އަދީބު އެ ބޯޓުގައި ހުރިކަން ފަޅާއަރުވާލީ އިންޑިއާގެ ފަޅުވެރިޔާ ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ބުނެފައިވެ އެވެ.
އެމަނިކުފާނު ޕްލޭން ކުރައްވާފައި އޮތީ، އެއް ބަޔަކު ލަފާ ކުރައްވާ ގޮތުގައި، އިންޑިއާ އަށް ވަޑައިގަތުމަކަށް ނޫނެވެ. ކަނޑުގެ ވަކި ހިސާބަކުން ސްރީ ލަންކާގެ އުޅަނދަކަށް ނަގައިގެން އޭނާ ލަންކާ އަށް ގެންގޮސް، އެ ގައުމުން ޔޫރަޕްގެ ކޮންމެވެސް ހިސާބަކަށް ވަޑައިގަތުމަކީ އަސްލު ރޭވުން ކަމަށް، އެއް ބަޔަކު ބުނެ އެވެ. އެކަމަކު ކޮންމެވެސް ކަމެއް ދިމާވެގެން ލަންކާގެ އެ ބޯޓަށް "ވާގޯ 9" އޮތް ހިސާބަށް ދެވޭ ގޮތެއް ނުވީ ކަމަށް ވާހަކަ ދެކެވެ އެވެ.