03 އޯގަސްޓް 2019 - 18:05

މި އަހަރުގެ އަޟްހާ އީދު، ޅ. ހިންނަވަރުގައި ފާހަގަކުރަން ހޯމް މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން މިއަދު ބުނީ ހިންނަވަރު ކައުންސިލާ ގުޅިގެން މި މަހުގެ 11 އަދި 12 ވަނަ ދުވަހު އެ ރަށުގައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އުފަން ރަށުގައި އީދު ފާހަގަ ކުރަން ނިންމީ ހޯމް މިނިސްޓްރީން ބުނި ގޮތުގައި އެ މިނިސްޓްރީއާ ގުޅިގެން އީދު ފާހަގަކުރަން ބޭނުންވާ ރަށްތަކުން ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހިންނަވަރުން ހުށަހެޅުމާ ގުޅިގެންނެވެ.
އެ މިނިސްޓްރީއާ ގުޅިގެން އީދު ފާހަގަކުރަން ހަ ރަށަކުން ޕްރޮޕޯސަލް ހުށަހެޅި އެވެ.
ހިންނަވަރުގައި އީދު ފާހަގަކުރަން ނިންމުމުގެ ކުރިން ހޯމް މިނިސްޓްރީގެ ޓީމެއް ވަނީ އެ ރަށަށް ޒިޔާރަތްކޮށް މުއައްސަސާތަކާ މަޝްވަރާކޮށް، މައުލޫމާތު އޮޅުން ފިލުވައިފަ އެވެ.
ހޯމް މިނިސްޓްރީން ބުނީ ހިންނަވަރުގައި އީދުގެ ހަރަކާތްތައް ކުރިއަށް ގެންދާނީ ސަގާފީ ކުޅިވަރުތަކާއި، ސްޓޭޖް ހަރަކާތްތައް ވެސް ހިމެނޭ ގޮތަށް ކަމަށެވެ. އޭގެ ތެރޭގައި ދަނޑި ޖެހުމާއި، ބަނޑިޔާ ޖެހުން ފަދަ ކުޅިވަރުތައް ހިމެނޭ ކަމަށް ވެސް ހޯމް މިނިސްޓްރީން ބުންޏެވެ.