މަސްޓަޑް ރަހަ ދޭ އައިސް ކްރީމެއް ހަދައިފި
މަސްޓަޑް ރަހަ ދޭ އައިސް ކްރީމެއް ހަދައިފި

ހޮނިހިރު ދުވަހު އެމެރިކާގައި ފާހަގަކުރި ނެޝަނަލް މަސްޓަޑް ޑޭ އާ ދިމާކޮށް، މަސްޓަޑް ރަހަ ދޭ އައިސް ކްރީމެއް އެ ގައުމުގެ ކުންފުންޏަކުން އުފައްދައިފި އެވެ.

މަސްޓަޑްގެ އުފެއްދުންތައް ނެރޭ ކުންފުނި ފްރެންޗްސް އާއި މަޝްހޫރު އައިސް ކްރީމް ކުންފުނި ކޫލްހައުސްއާ ގުޅިގެން ނެރުނު އައިސް ކްރީމްގައި ހުންނަނީ ވެސް މަސްޓަޑްގެ ގަދަ ރީނދޫ ކުލަ އެވެ.

ފްރެންޗްސް އިން ބުނީ އެމެރިކާ އަކީ މަސްޓަޑާއި އައިސް ކްރީމް މަގުބޫލު ތަނަކަށްވާތީ މަސްޓަޑް ރަހަދޭ އައިސް ކްރީމަކީ ވެސް ވަރަށް ގުޅޭ ކޮމްބިނޭޝަނަކަށް ވާނެ ކަމަށެވެ. އެހެންވެ މިފަދަ އުފެއްދުމެއް ތައްޔާރުކުރީ ކަމަށް ބުންޏެވެ.

ލިމިޓެޑް އެޑިޝަނެއްގެ ގޮތުގައި ނެރުނު މަސްޓަޑް އައިސް ކްރީމް މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ވިއްކާނެ އެވެ. އަދި އެމެރިކާގެ ބައެއް ސަރަހައްދުތަކުގައި ހިލޭ ރަހަ ދެއްކުމުގެ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ.

މި އައިސް ކްރީމްގެ ރަހަ ބެލި ބައެއް މީހުން ބުނި ގޮތުގައި ކުރިއަކުން އައިސް ކްރީމެއްގެ ގޮތުގައި މަސްޓަޑަކީ ހިޔާލެއް ވެސް ގެނުވުނު އެއްޗެއް ނޫނެވެ. އެކަމަކު ރަހަ ވަރަށް ބަރާބަރު ކަމަށް ބުނެފައިވެ އެވެ.