ދެވަނަ ކުއާޓަރުގައި ދިރާގަށް 210 މިލިއަން ރުފިޔާގެ ފައިދާއެއް
ދެވަނަ ކުއާޓަރުގައި ދިރާގަށް 210 މިލިއަން ރުފިޔާގެ ފައިދާއެއް

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 210 މިލިއަން ރުފިޔާ ދިރާގަށް ލިބިއްޖެ އެވެ.

އެ ކުންފުނީގެ ކުއާޓާލީ ރިޕޯޓުތައް ދައްކާ ގޮތުން، އެކަމަކު މިއީ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު 28 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. ފުރަތަމަ ކުއާޓަރުގައި ވަނީ 238 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިފަ އެވެ.

ދިރާގަށް މިިދިޔަ ކުއާޓަރުގައި ލިބުނު އާމްދަނީ ވެސް ވަނީ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ދަށްވެފަ އެވެ. އެގޮތުން، ފުރަތަމަ ކުއާޓަރުގައި 280 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު ދެވަނަ ކުއާޓާގައި ލިބުނީ 251 މިލިއަން ރުފިޔާ އެވެ.

ދެވަނަ ކުއާޓަރުގައި ދިރާގުން ވަނީ ރާއްޖޭގެ 75 ޕަސެންޓަށް ހައި ސްޕީޑް ފައިބާ ބްރޯޑް ބޭންޑުގެ ހިދުމަތް ފުޅާކުރުން ފާހަގަކޮށްފަ އެވެ. މި ކަމަށް ބޭއްވި ހަފްލާގައި ރާއްޖެ އެއްކޮށް ޑިޖިޓަލް ކުރުމަށް "ޑިޖިޓަލް ރާއްޖެ"ގެ ނަމުގައި އެ ކުންފުނިން ވަނީ ހާއްސަ ޕްރޮގްރާމެއް ވެސް ފަށައިފަ އެވެ.

ރާއްޖެއަށް އެންމެ ފުރަތަމަ ގިގަބައިޓް ސްޕީޑް ވެސް ތައާރފް ކޮށްފައިވަނީ މިދިޔަ ކުއާޓާގައި ދިރާގުންނެވެ. މިއީ އިންޓަނެޓްގެ ސްޕީޑް ހަލުވިކުރުމުގެ ގޮތުން ތައާރަފް ކުރާ ޕެކޭޖެކެވެ. މި ހިދުމަތް ރާއްޖޭގެ 10 ރަށަކަށް މިހާރު ތައާރަފް ކޮށްފައިވާއިރު އޮންލައިން ގޭމް ކުޅުމަށާއި ފިލްމް އަދި މިއުޒިކް ޑައުންލޯޑް ކުރުމަށް ފަސޭހަ ވާނެ ކަމަށް ދިރާގުން ބުނެ އެވެ.

މީގެ އިތުރުން، ދިރާގުން ވަނީ މާލޭގެ އެކި ޕާކުތަކުގައި ދިރާގުގެ ވައިފައިގެ ހިދުމަތް ވެސް ދޭން ފަށައިފަ އެވެ. މި ހިދުމަތުގެ ދަށުން ދިރާގު ވައިފައި ހޮޓް ސްޕޮޓް ބޯޑު ހުންނަ ކޮންމެ ޕާކަކުން 30 މިނިޓަށް ހިލޭ ވައިފައި ބޭނުން ކުރެވޭނެ އެވެ. އަދި އޭގެ އިތުރަށް އިންޓަނެޓް ބޭނުންކުރަން އެޑްއޮންތައް ވެސް ލިބޭނެ އެވެ.

ޒުވާނުން ބާރުވެރި ކުރުވުމަށާއި ތިމާވެށި ރައްކާތެރި ކުރުމަށް ވެސް ތަފާތު ހަރަކާތްތައް ދިރާގުން ވަނީ މިދިޔަ ކުއާޓަރުގައި ކުރިއަށް ގެންދިޔަ އެވެ. އެގޮތުން، ދިރާގުން ސްޕާކް ހަބާއި އެމްއެމްއޭއާ ގުޅިގެން ކުރިއަށްގެންދާ "އޭންޖަލް ހެކް" ހެކަތޯން ވެސް ބާއްވާފައިވަނީ މިދިޔަ ކުއާޓާގަ އެވެ. މިގެ އިތުރުން އެކި ރަށްތަކުގެ ގޮނޑުދޮށް ސާފު ކުރުމުގެ ޕްރޮގްރާމްތައް ވެސް ބޭއްވި އެވެ.