03 އޯގަސްޓް 2019 - 10:27

މިހާރު އެވޯޑްސްގައި ހޮވާ މިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން އަދި އަންހެން ވޮލީބޯޅަ ކުޅުންތެރިޔާ އާއި 21 އަހަރުން ދަށުގެ އެންމެ އުއްމީދީ ފިރިހެން އަދި އަންހެން ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިންގެ ނަންތައް އިއުލާންކޮށްފި އެވެ.

މިދިޔަ އަހަރުގެ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިން ހޮވައި ކުޅިވަރުގެ ޝަހުސިއްޔަތުންގެ އަގުވަޒަންކުރުމަށް ބާއްވާ މިހާރު އެވޯޑްސް ހަފުލާ އޮންނާނީ އަންނަ ހޯމަ ދުވަހުގެރޭ 9 ޖަހާއިރު ދަރުބާރުގޭގަ އެވެ. މި ހަފުލާ ވީޓީވީން ވަގުތުން ދައްކާނެ އެވެ.
ނިމިގެން 2018 ވަނަ އަހަރުގެ އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިޔާ އަށް ވާދަކުރަނީ ހުސެއިން ޝާހިދާއި އަހުމަދު އަބްދުލްކަރީމް (ލޯންގޭ) އާއި އަލީ ހުޒާމާއި ހުސެއިން ވިޝާމް (ބުޅިކޭ) އަދި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ.
މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން ވޮލީބޯޅާ ކުޅުންތެރިޔާ އަށް ވާދަކުރަނީ ހައްވާ ރާޝިދާ އާއި ޖޫޒާން ޒަރީރާއި މަރިޔަމް އަޒީފާ އާއި އައިމިނަތު އަރީޝާ އަދި އައިޝަތު މާޖިދާ އެވެ.
މީގެ އިތުރުން މިދިޔަ 21 އަހަރުން ދަށުގެ އެންމެ އުއްމީދީ ފިރިހެން ވޮލީބޯޅާ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ އަލާމް މުހައްމަދާއި އަރީޒް މުހައްމަދު އަދި އަހުމަދު މުޒްލިފް އެވެ. އަދި 21 އަހަރުން ދަށުގެ އެންމެ އުއްމީދީ އަންހެން ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމަށް ނޮމިނޭޓްވެފައިވަނީ ހަމްނާ އަހުމަދާއި ޝާނިޔާ އަހުމަދު ނިޒާމް އަދި ޝަހާ ޝާމިން އެވެ.
މިހާރު އެވޯޑްސްގައި ދެން ހިމެނޭ އެވޯޑްތަކުގެ ތެރޭގައި އަހަރުގެ އެންމެ މޮޅު، ދެ ވަނަ އަދި ތިން ވަނަ ފުޓްބޯޅަ ކުޅުންތެރިޔާ އާއި 21 އަހަރުން ދަށުގެ އެންމެ އުއްމީދީ ފުޓްބޯޅަ ކުޅުންތެރިޔާ އާއި އެންމެ ގިނަ ގޯލް ޖަހާ ކުޅުންތެރިޔާ އަށް ދޭ ރަންބޫޓް ހިމެނެ އެވެ. މީގެ އިތުރުން އިންޑިވިޖުއަލް ކުޅިވަރުތަކުން (ފެތުން، އެތުލެޓިކްސް، ބެޑްމިންޓަން އަދި ޓީޓީ) ދެ ޖިންސުން އެންމެ މޮޅު، ދެ ވަނަ އަދި ތިން ވަނަ ކުޅުންތެރިޔާ އާއި ދެ ޖިންސުން 21 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ ހޮވާނެ އެވެ.
މިހާރު އެވޯޑްސްގައި ދެން ހިމެނޭ އެންމެ މުހިއްމު އެއް ބަޔަކީ ސްޕެޝަލް ރިކޮގްނިޝަން އެވޯޑްސްތަކެވެ. މި އެވޯޑް ލިބޭނީ ބައިނަލްއަގްވާމީ ކުޅިވަރުގެ މައިދާނުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާ ދިވެހި ހުނަރުވެރިންނަށާއި ކުޅިވަރުގައި ގިނަ ދުވަހު ޚިދުމަތްކުރި ބައެއް ފަރާތްތަކަށެވެ. ކުރީގެ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޒާހިރު ނަސީރުގެ ހަނދާނާއު ޝަރަފްގައި ދޭ "ޒާހިރު ނަސީރު އެވޯޑް" އަކީ އަހަރުގެ ކުޅިވަރު ޝަހުސިއްޔަތަށް ހާއްސަ އަގުވަޒަންކުރުމެކެވެ. މިއީ ދިގު މުއްދަތެއްގައި ދިވެހި ކުޅިވަރަށް ޚިދުމަތްކޮށް ދޭ ފަރާތަކަށް ދޭ ލައިފްޓައިމް އެޗީވްމަންޓް އެވޯޑެކެވެ.
މިހާރު އެވޯޑްސްގެ މެއިން ސްޕޮންސަރުންނަކީ އުރީދޫ މޯލްޑިވްސް އާއި އެލައިޑް އިންޝުއަރެންސް އެވެ. މީޑިއާ ޕާޓްނަރަކީ ރާއްޖޭގެ އެންމެ ބޮޑު އެއް މީޑިއާ ކަމަށްވާ ވީމީޑިއާ އެވެ. އެވޯޑް ފަރުމާކޮށްދީ އަދި ބްރޭންޑްކޮށްދީ މީގެ އިތުރުން އެވޯޑާ ގުޅޭ މާކެޓިންގެ ގިނަ މަސައްކަތްތަކެއްކޮށްދެނީ އެޑްވަޓައިޒިން ޕާޓްނަރު، ތިންކް އެޑްވަޓައިޒިން އިންނެވެ. އަދި އެސޯސިއޭޓް ޕާޓްނަރުންނަކީ ދަ ކިޗަން، ސޮނީ ސްޕޯޓްސް، ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)، ވެލިގާ ހާޑްވެއާ، ބީއެޗްއެމް އަދި ޕްރިންޓް ލެބް އެވެ.
ސްޕޮންސަރުން ފާހަގަކުރާ ގޮތުގައި މި އެވޯޑްސް އަކީ ރާއްޖޭގެ ކުޅިވަރު ތަރިންނާއި އަދި ޒުވާނުންގެ ކުރިއެރުމަށް މުހިއްމު އެވޯޑެކެވެ. މި އެވޯޑްސްގައި ބައިވެރިވާ އެންމެ ބޮޑު ސަބަބަކީ ކުޅިވަރާއި ޒުވާނުންނަށް ހިދުމަތްކުރުން ކަމަށް، ޕާޓްނަރުން ބުނެ އެވެ. އަދި މިއީ ރާއްޖޭގައި ކުޅިވަރުގައި ދޭ މިފަދަ ހަމައެކަނި އެވޯޑަށް ވާތީ ކުޅިވަރު ކުރިއަރުވަން މިކަމަށް ފުރިހަމަ އެއްބާރުލުން ދޭން ބޭނުންވާކަން ވެސް އެ ފަރާތްތަކުން ފާހަގަކުރި އެވެ.