ސޭމް މެންޑޭޒާ އެކު "1917" އަށް
ސޭމް މެންޑޭޒާ އެކު "1917" އަށް

ފުރަތަމަ ބޮޑު ހަނގުރާމައިގެ ވާހަކަ ކިޔައިދިން އެތައް ފިލްމެއް ބެލުންތެރިންނަށް މިހާތަނަށް ފެނިފައި ވާނެ އެވެ. އެކަމަކު މި ފަހަރު ވެސް މިއޮތީ އެ ހަނގުރާމައިގެ ތެރެއަށް ބެލުންތެރިން ގެންދާނެ ފިލްމެކެވެ. އެއީ ޑައިރެކްޓަރު ސޭމް މެންޑޭޒާ އެކީގަ އެވެ.

އޭނާގެ އާ ފިލްމު "1917" ގެ ޓްރެއިލާ ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގެ ހާދިސާތަކެއް ތަފާތު ގޮތަކަށް ކިޔައިދޭ މި ފިލްމުގެ ކާސްޓުންނަކީ ކޮލިން ފާތު، ބެނެޑިކްޓް ކަމްބަބެޗް، ރިޗަޑް މެޑެން، އެންޑްރޫ ސްކޮޓް، މާކް ސްޓްރޯންގް، ޖޯކް މެކޭ އަދި ޑީން-ޗާލްސް ޗެޕްމަން އެވެ.

އަންނަ ޑިސެމްބަރު މަހުގެ 25 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ "1917" އަކީ ހަނގުރާމައިގެ ފިލްމުތަކަށް އަދި ތާރީހީ ހާދިސާތަކަށް ހަދާ ފިލްމުތަކަށް ލޯބި ކުރާ މީހުން ވަރަށް ވެސް ގަޔާވާނެ ފިލްމަކަށް ވާނެ އެވެ. ވަކިން ހާއްސަކޮށް މި ފިލްމަކީ މެންޑޭޒްގެ ފިލްމަކަށްވާތީ ބެލުންތެރިން ފިލްމަށް ދޭ ޝައުގުވެރިކަން ވެސް އެތައް ގުނައެއް ބޮޑު ވާނެ އެވެ.

"ޓައިޓޭނިކް" ގެ ބަތަލާ ކޭޓް ވިންސްލެޓްގެ ކުރީގެ ފިރިމީހާއަކީ މިހާތަނަށް ރީތި އަދި މޮޅު ފިލްމުތަކެއް ގެނެސް ދީފައިވާ ބެލުންތެރިން ވަރަށް އިތުބާރު ކުރާ ޑައިރެކްޓަރެކެވެ.

"އެމެރިކަން ބިއުޓީ" ހަދައިގެން އޮސްކާ އެވޯޑް ވެސް ހޯދާފައިވާ މެންޑޭޒް އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމުތަކަކީ ޖޭމްސް ބޮންޑް ސީރީޒްގެ އެންމެ ފަހުގެ ދެ ފިލްމެވެ. އެއީ 2015 ގެ "ސްޕެކްޓާ" އާއި 2012 ގެ "ސްކައިފޯލް" އެވެ.