މާޒިޔާ ޓީމު އިތުރަށް ދެނެގަނެވިއްޖެ: ސެކުލޮސްކީ
މާޒިޔާ ޓީމު އިތުރަށް ދެނެގަނެވިއްޖެ: ސެކުލޮސްކީ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް މާޒިޔާގެ ހަތް ކުޅުންތެރިއަކު ގައުމީ ޓީމާ އެކު ދިއުމަކީ ޓީމުގައި ދެން ތިބި ކުޅުންތެރިން އިތުރަށް ދެނެގަންނަން ލިބުނު ފުރުސަތެއް ކަމަށާއި އެކަން ރަނގަޅަށް ކުރެވުނު ކަމަށް މާޒިޔާގެ ކޯޗު މެސެޑޯނިއާގެ މަރުޖާން ސެކުލޮސްކީ ބުނެފި އެވެ.

މިިދިޔަ މަހު އަށް ވަނަ ދުވަހު މާޒިޔާ އާއި އީގަލްސް 1-1 އިން އެއްވަރުވި މެޗަށް ފަހު ލީގު މެދުކަނޑާލިއިރު، އަލުން ލީގު ފަށާނީ މިއަދު ހަވީރު އެވެ. ލިބުނު ބްރޭކުގައި މާޒިޔާ އިން ވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް ދެ މެޗެއް ކުޅެފަ އެވެ. ސެކުލޮސްކީ ބުނީ އެއީ ޓީމުގައި ބޭނުން ނުހިފި ތިބި ކުޅުންތެރިންނާއި އޭނާ އަށް ވެސް ވަރަށް މުހިއްމު މެޗުތަކެއް ކަމަށެވެ.

"އަހަރެމެން 12 ނޫނީ 13 ކުޅުންތެރިންނާ އެކު ޕްރެކްޓިސް ކުރިއިރު އެއީ ވަރަށް ރަނގަޅު ޓެސްޓެއް އެ ކުޅުންތެރިންނަށް އަދި އަހަންނަށް ވެސް ލިބުނު ހިތްހަމަ ޖެހުމެއް އެއީ. އެއީ މުޅި ޓީމު އެއްކޮށް އޮންނައިރު މި ކުޅުންތެރިންނަށް ނުލިބޭނެ 90 މިނިޓް ކުޅެލަން އޭރު ލިބޭނީ 45 ނޫނީ 60 މިނިޓް. މި ފަހަރު ފުލް މެޗެއް އެ ކުޅުންތެރިން ކުޅެލީމަ ޓީމުގެ އިތުރު ކަންތައްތަކެއް ދެނެގަނެވިއްޖެ،" މިރޭ ވިކްޓްރީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެކުލޮސްކީ ބުންޏެވެ.

"ކިތަންމެ ވަރަކަށް ޓްރެއިން ކުރިޔަސް މެޗެއްގައި ކުޅެލަން ނުލިބެންޏާ ނޭނގޭނެ އެ ޕްލޭޔަރެއްގެ ކޮލިޓީއެއް."

ކުޅުނު ފަސް މެޗުން ލިބުނު އެގާރަ ޕޮއިންޓާ އެކު މާޒިޔާ އޮތީ ލީގުގެ ދެ ވަނައިގަ އެވެ. ލީގުގައި ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފައިވާ ވިކްޓްރީ އަތުން މިރޭ މާޒިޔާ މޮޅުވެއްޖެނަމަ އެ ޓީމަށް އެއް ވަނަ އަށް އެރޭނެ އެވެ. ސެކުލޮސްކީ ބުނީ މެޗަށް ނުކުންނާނީ ވިކްޓްރީ އަށް ދޭން ޖެހޭ ހުރިހާ އިހުތިރާމެއް ދީގެން ކަމަށެވެ.

ގައުމީ ޓީމުން އެނބުރި އައިއިރު މާޒިޔާގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ހުރީ އަނިޔާއެއްގައި ކަމަށާއި އެކަމަކު މަޑުމަޑުން ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ސެކުލޮސްކީ ބުންޏެވެ. އަދި އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) ވެސް މިހާރު ފަރިތަކުރުންތަކުގައި ބައިވެރިވަމުން އަންނަ ކަމަށާއި އުއްމީދަކީ ވަރަށް އަވަހަށް އޭނާ އަށް ވެސް ކުޅެވުން ކަމަށް ބުންޏެވެ.

މިދިޔަ ބްރޭކުގެ ތެރޭގައި ސެކުލޮސްކީ އަށް ލިބުނު އަނެއް ހިތްހަމަޖެހުމަކީ ޓީމުގެ ދެ ފޯވާޑުން ކަމަށްވާ ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އާއި ކެޕްޓަން އަސަދުﷲ އަބްދުﷲއާ އެކު ގިނަ މަސައްކަތްތަކެއް ކުރެވުމެވެ.

"ކޯނޭ އާއި އަސަކޮއާ އެކު ވަރަށް ރަނގަޅު ޓްރެއިނިންތަކެއް ދިޔައީ. ކޯނޭ ޓީމާ ގުޅުނީ ފަހުން. އެކަމަކު މިހާރު އެ ވީ އެއް މަސް. އުއްމީދަކީ ކޯނޭ މިދިޔަ އަހަރު ދެއްކި ކުޅުން ތަކުރާރުކުރުން. މިިދިޔަ އަހަރު އޭނާ އަކީ ރާއްޖޭގައި ކުޅުނު އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ،" ސެކުލޮސްކީ ބުންޏެވެ.

ގައުމީ ޓީމުން އެނބުރި އައި ކުޅުންތެރިންގެ އިތުރުން މާޒިޔާގެ ބައެއް ކުޅުންތެރިންނަށް ފާއިތުވި ތިން މަސް ދުވަހު އުނދަގޫ ޝެޑިއުލެއްގައި އުޅެންޖެހުނު ކަމަށާއި އޭނާގެ ވިސްނުން ހުރީ ކުޅުންތެރިން އިތުރަށް ވަރުބަލިނުވާ ގޮތަށް ހަމަޖެހިލައިގެން ކުރިއަށް ދިއުމަށް ކަމަށް ސެކުލޮސްކީ ބުންޏެވެ..

"މިދިޔަ ތިން މަހުގައި ޕްރެކްޓިސް މެޗާއި ރަސްމީ މެޗާއި އެހެން ކަންތަކަށް ބަލާއިރު މާޒިޔާގެ ބައެއް ކުޅުންތެރިން 16 ނޫނީ 17 މެޗު ކުޅެފި. އޭގެ ކުރިން ހަ މަހުގައި މެޗެއް ނުކުޅެތިބީ. އެހެންވީމަ މާ ބުރަކޮށް ކުރިއަށް ނުގޮސް ކުރިއަށްދާނީ ހަމަޖެހިގެން،" ސެކުލޮސްކީ ބުންޏެވެ.

ވިކްޓްރީ އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ 9 ޖަހާއިރު އެވެ.