03 އޯގަސްޓް 2019 - 09:29

ލަންޑަން (އޮގަސްޓް 3) - ލެސްޓާ ސިޓީ އަށް ކުޅޭ އިންގްލެންޑްގެ ޑިފެންޑަރު ހެރީ މެގުއާ ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި 97 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން އެއްބަސްވެއްޖެ އެވެ.
ރިޕޯޓްތައް ބުނާގޮތުން އިއްޔެ ޔުނައިޓެޑާއި ލެސްޓާ ވަނީ މެގުއާގެ ޓްރާންސްފާ ކަންތަކުގައި އެއްބަސްވުމަކަށް އައިސްފަ އެވެ. އަދި އުމުރުން 26 އަހަރުގެ މެގުއާ ވަރަށް އަވަހަށް ޔުނައިޓެޑްގެ މެޑިކަލްގައި ބައިވެރިވެ ކޮންޓްރެކްޓްގައި ސޮއިކުރާނެ އެވެ.
މީގެ ކުރިން ދުނިޔޭގެ އަގުބޮޑު ޑިފެންޑަރަކީ ލިވަޕޫލްގެ ވާޖިލް ވެން ޑައިކް އެވެ. ލިވަޕޫލުން ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވެން ޑައިކްގެ ސޮއި ހޯދަން ސައުތެމްޓަނަށް 94 މިލިއަން ޑޮލަރު ދައްކައިފަ އެވެ.
މެގުއާ އަކީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އިނގިރޭސި ކުޅުންތެރިންގެ ތެރެއިން އެންމެ ޑިމާންޑް ބޮޑު ކުޅުންތެރިޔާ އެވެ. އޭނާ ހޯދަން ޔުނައިޓެޑާއި މެންޗެސްޓާ ސިޓީގެ އިތުރުން އާސެނަލުން މަސައްކަތްކުރި އެވެ. އެކަމަކު މެގުއާގެ ވިސްނުން ހުރީ އެންމެ ފުރަތަމަ ވެސް ޔުނައިޓެޑަށް ބަދަލުވާށެވެ.
މިދިޔަ ސީޒަން ފެށުމުގެ ކުރިން ވެސް ޔުނައިޓެޑުން ވަނީ މެގުއާ ހޯދަން މަސައްކަތްކޮށްފަ އެވެ. އެކަމަކު އޭރު ކޯޗަކަށް ހުރި ހޯސޭ މޮރީނިއޯ އެދުނު ނަމަވެސް ޔުނައިޓެޑުން މެގުއާ ނުގަތީ އަގުބޮޑުވުމުންނެވެ. އޭރު ލެސްޓާ އިން މެގުއާ ވިއްކާލަން ކީ އަގަކީ 85 މިލިއަން ޑޮލަަރަށެވެ.
ލެސްޓާ އިން ވަނީ މެގުއާ ހިފަހައްޓަން އެކި ގޮތްގޮތުން މަސައްކަތްކޮށްފަ އެވެ. އެ ގޮތުން މިދިޔަ ސެޕްޓެމްބަރު މަހު މެގުއާ ވަނީ ލެސްޓާއާ އެކު ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ޝެފީލްޑް ޔުނައިޓެޑުން 2011 ވަނަ އަހަރު ސީނިއާ ކެރިއަރު ފެށި މެގުއާ ވަނީ 2014 ވަނަ އަހަރު ހަލް ސިޓީ އަށް ބަދަލުވެފަ އެވެ. ލެސްޓާ އިން އޭނާގެ ސޮއި ހޯދީ 2016 ވަނަ އަހަރު އެވެ. އެ ފަހަރު ލެސްޓާ އިން ވަނީ 20 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އެއް ދައްކައިފަ އެވެ.
ޔުނައިޓެޑުން ވަނީ މި ފަހަރުގެ ޓްރާންސްފާގައި ސްވަންސީ ސިޓީގެ ޑެނިއަލް ޖޭމްސް އާއި ކްރިސްޓަލް ޕެލަސްގެ އާރޮން ވަން ބިސާކާ ގެނެސްފަ އެވެ. ޔުނައިޓެޑުން އަންނަނީ އެ ޓީމުގެ ފޯވާޑް ރޮމެލޫ ލުކާކޫ އާއި ޔުވެންޓަސްގެ ޕައޮލޯ ޑިބާލާ ބަދަލުކުރަން މަސައްކަތްކުރަމުންނެވެ.
ޔުނައިޓެޑުން ގެންނަން މަސައްކަތްކުރަމުން އަންނަ ޕޯޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް މިހާރު އަންނަނީ ޓޮޓެންހަމް ހޮޓްސްޕާސްއާ އެކު މަޝްވަރާކުރަމުންނެވެ. ކްރިސްޓިއަން އެރިކްސަން ދޫކޮށްލުމަށް ފަހު ޓޮޓެންހަމްގެ ވިސްނުން ހުރީ ފެނާންޑޭސްގެ އިތުރުން އާޖެންޓީނާގެ މިޑްފީލްޑަރު ޖިއޮވާނީ ލޮ ސެލްސޯ ގެންނާށެވެ.