މެޑްރިޑަށް ފާޑުކިޔަންވީ ސީޒަން ފެށުނީމަ: ޒިދާން
މެޑްރިޑަށް ފާޑުކިޔަންވީ ސީޒަން ފެށުނީމަ: ޒިދާން

މިއުނިކް، ޖަރުމަން (އޮގަސްޓް 2) - ޕްރީ ސީޒަނުގައި ކުޅޭ މެޗުތަކުގައި ފެންނަ ނަތީޖާތަކަށް ބެލުމަށް ފަހު ގޮތެއް ނިންމުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި ރެއާލް މެޑްރިޑަށް ފާޑުކިޔަންވީ ސީޒަން ފެށުމުން ކަމަށް އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.

ރެއާލުން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީގެ އެޑެން ހަޒާޑް، ފްރޭންކްފާޓްގެ ލޫކަ ޔޯވިޗް، ޕޯޓޯގެ އެޑާ މިލިޓާއޯ، ލިޔޯނުގެ ފޭލަންޑް މެންޑީ އަދި ބްރެޒިލްގެ އުއްމީދީ ކުޅުންތެރިޔާ ރޮޑްރީގޯގެ ސޮއި ހޯދަން 300 މިލިއަން ޔޫރޯ ހަރަދުކޮށްފަ އެވެ. އެކަމަކު ޕްރީ ސީޒަނުގައި މިހާތަނަށް ރެއާލްގެ ފަރާތުން އެންމެ އެދެވޭ ނަތީޖާތަކެއް ނުފެންނާތީ ފާޑުކިޔުން ވަނީ އަމާޒުވަމުންނެވެ.

މި ފަހަރަކީ ފާއިތުވި 39 އަހަރަށް ބަލާއިރު ރެެއާލަށް އެންމެ އުނދަގޫކޮށް ކުރިމަތިވި ޕްރީ ސީޒަނެވެ. މިހާތަނަށް ކުޅުނު ފަސް މެޗުން ވަނީ 16 ގޯލު ވަދެފަ އެވެ. ރެއާލަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ އެތުލެޓިކޯ މެޑްރިޑް އަތުން 7-3 އިން ބަލިވުމުންނެވެ.

އެތުލެޓިކޯ މެޗުގެ ފަހުން ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުން ވެސް ރެއާލް ވަނީ ބަލިވެފަ އެވެ. އެކަމަކު އޭގެ ފަހުން ފެނަބާޗޭއާ ބައްދަލުކުރި މެޗުން ރެއާލް މޮޅުވީ 5-3 އިންނެވެ. ޒިދާން ބުނީ މި މެޗުގައި ޕޮޒިޓިވް ކަންތައްތަކެއް ފެނިގެންދިޔަ ކަމަށެވެ.

"އަހަރެމެން މި މަސައްކަތްކުރަނީ ހައްލު ހޯދަން. މިއީ ތައްޔާރީތަކުގެ ވަގުތު. އަހަރެން މި ހުރީ މި ކުޅުންތެރިންގެ ފަހަތުގައި. އިތުބާރު އެބައޮތް. އަހަރެން ބުނަން އޮތީ ފާޑުކިޔަންވީ ވަގުތަކީ މިއީ އެއް ނޫން. ސީޒަން ފެށުނީމަ އެކަން ކުރަން މަޑުކުރޭ. އަހަންނަށް ޔަގީންކަން އެބައޮތް ކުރިއަށް އޮތް ސީޒަނާ މެދު،" ޒިދާން ބުންޏެވެ.

މުސާރައިގެ ގޮތުގައި ހަފުތާ އަކު އެއް މިލިއަން ޕައުންޑް (1.1 މިލިއަން ޑޮލަރު) ލިބޭ ގޮތަށް ޗައިނާގެ ޖިއާންސޫ ސަނިން އަށް ރެއާލްގެ ގަރެތު ބޭލް ސޮއިކުރަން ނިންމާފައިވަނިކޮށް ޒިދާން ވަނީ ފަހު ވަގުތު އެ ޑީލް ހުއްޓުވައިފަ އެވެ. ރަސްމީކޮށް ރެއާލުން އެކަމުގެ ސަބަބެއް ވެސް މީޑިއާގައި ބުނެފައެއްނުވެ އެވެ.

ފެނަބާޗޭއާ ދެކޮޅަށް ކުޅުނު މެޗުގައި ރެއާލުގެ ފްރާންސް ފޯވާޑް ކަރިމް ބެންޒެމާ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އޭނާ ބުނީ މި މަހު 17 ވަނަ ދުވަހު ސްޕެނިޝް ލަލީގާގެ ކުޅުން ފެށޭއިރު ރެއާލް އޮންނާނީ ފުރިހަމަ އަށް ތައްޔާރުވެފައި ކަމަށާއި އެ ޓީމުގެ ފަރާތުން ވަރަށް ބޮޑު ކުރިއެރުމެއް ފެންނާނެ ކަމަށެވެ.

ސީޒަން ފެށުުމުގެ ކުރިން ރެއާލުން އިތުރު ދެ ރަހުމަތްތެރިކަމުގެ މެޗެއް ކުޅޭނެ އެވެ. އެއީ ސަލްޒްބާގާއި ރޯމާއާ ދެކޮޅަށެވެ. އެ ދެ މެޗުން ރެއާލް ކޮޅަށް އެއް ގޯލަށް ވުރެ އިތުރަށް ވަދެފިނަމަ މިއީ އެ ކްލަބް ތާރީހުގައި ކުރިމަތިލާނެ އެންމެ ދަށް ޕްރީ ސީޒަނެވެ.