އާސެނަލުން އެ ކްލަބް ރެކޯޑް އަގަކަށް ޕެޕޭ ގަނެފި
އާސެނަލުން އެ ކްލަބް ރެކޯޑް އަގަކަށް ޕެޕޭ ގަނެފި

ލަންޑަން (އޮގަސްޓް 2) - ފްރާންސްގެ ލިލް އަށް ކުޅެމުން އައި އައިވަރީ ކޯސްޓްގެ ވިންގް ނިކޮލަސް ޕެޕޭ، 72 މިލިއަން ޕައުންޑް (88 މިލިއަން ޑޮލަރު) ގެ ޓްރާންސްފާ ފީ އަކަށް އާސެނަލަށް ސޮއިކުރިއިރު، މިއީ އެ ކްލަބުން ކުޅުންތެރިއަކަށް ކުރި އެންމެ ބޮޑު ހޭދަ އެވެ.

އުމުރުން 24 އަހަރުގެ ޕެޕޭ ވަނީ އާސެނަލާ އެކު ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ޕެޕޭ އަށް މުސާރައިގެ ގޮތުގައި ހަފްތާ އަކު 105،000 ޕައުންޑް ދޭނެ އެވެ. ޕެޕޭގެ ޓްރާންސްފާ ފީގެ ތެރެއިން އާސެނަލުން މި ފަހަރު ދިނީ 20 މިލިއަން ޕައުންޑް އެވެ. ބާކީ ބައި ދައްކާނީ ހަތަރު އަހަރުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޕެޕޭ ގަންނަން ލިލް އިން ކީ އަގު ކަމަށްވާ 72 މިލިއަން ޕައުންޑް ދޭން ލިވަޕޫލާއި ނަޕޯލީ އަދި ބަޔާން މިއުނިކުން ވެސް އެއްބަސްވި އެވެ. އެކަމަކު ޕެޕޭ އިހުތިޔާރުކުރީ އާސެނަލް އެވެ. ޕެޕޭ ގަތުމުގެ ކުރިން އާސެނަލްގެ ރެކޯޑް ޓްރާންސްފާ އަކީ 58 މިިލިއަން ޕައުންޑަށް ގަތް ޕިއޭ އެމެރިކް އޮބާމަޔަން އެވެ.

"މިއީ އަހަންނަށް ވަރަށް ޖަޒުބާތީ ވަގުތުކޮޅެއް. މި ހިސާބަށް އަންނަން އަހަރެން ވަރަށް ބުރަކޮށް މަސައްކަތްކުރިން. މި ފަދަ ކްލަބަކަށް އަހަރެން ސޮއިކުރުމުން މީގެ ކުރިން ކުރި ބުރަ މަސައްކަތުގެ އަގު ލިބިއްޖެ،" ޕެޕޭ ބުންޏެވެ.

އާސެނަލުން ޕެޕޭ ހޯދުމުގެ މަސައްކަތް ވަރުގަދަކުރީ އެ ޓީމުން ކްރިސްޓަލް ޕެލަސް އަށް ކުޅޭ ވިލްފްރެޑް ޒަހާ ހޯދަން ކުރި މަސައްކަތް ކާމިޔާބުވާގޮތެއް ނުވުމުންނެވެ. ޒަހާގެ ސޮއި ހޯދަން އާސެނަލުން ހުށަހެޅީ 54 މިލިއަން ޕައުންޑް އެވެ. އެއީ މި ފަހަރު 20 މިިލިއަން ޕައުންޑް ދީފައި ބާކީ ބައި ތިން އަހަރަށް ބަހާލާ ގޮތަށެވެ.

ޕެޕޭ އަކީ ޕްރިމިއާ ލީގުގައި ހަތަރު ވަނަ އަށް އެންމެ އަގުބޮޑުކޮށް ހިނގި ޓްރާންސްފާ އެވެ. އޭނާ އަށް ވުރެ އަގުބޮޑީ 89 މިލިއަން ޕައުންޑަށް މެންޗެސްޓާ ޔުނައިޓެޑުން ގަތް ޕައުލް ޕޮގްބާ އާއި ހަމަ އެ ޓީމުން 75 މިލިއަން ޕައުންޑަށް ގަތް ރޮމެލޫ ލުކާކޫ އަދި ލިވަޕޫލުން 75 މިލިއަން ޕައުންޑަށް ގަތް ވާޖިލް ވެން ޑައިކް އެވެ.

ފްރާންސްގެ އެންޖާސް ދޫކޮށް 2017 ވަނަ އަހަރު ލިލް އަށް ބަދަލުވި ޕެޕޭ ވަނީ އެ ޓީމަށް ކުޅެދިން 74 ލީގު މެޗުން 35 ގޯލު ޖަހައިފަ އެވެ.

އާސެނަލުން ވަނީ އެ ކްލަބްގެ ހިންގާ ބޯޑުން މި ފަހަރުގެ ޓްރާންސްފާ ބަޖެޓަކަށް ހަމަޖައްސާފައިވާ 45 މިލިއަން ޕައުންޑް (57 މިލިއަން ޑޮލަރު) ބޮޑުކުރަން ނިންމައިފަ އެވެ. އެ ގޮތަށް އެކަންކުރީ އާސެނަލުގެ 14 ސަޕޯޓަރުންގެ ގްރޫޕުން އެ ކްލަބްގެ ލީޑަޝިޕާ ދެކޮޅަށް ހަރަކާތްތަކެއް ހިންގާނެ ކަމަށް ބުނެ އިންޒާރުގެ ބަޔާންތަކެއް އާންމުކުރުމާ ގުޅިގެންނެވެ.

މި ފަަހަރުގެ ޓްރާންސްފާ މާކެޓްގައި އާސެނަލުން މީގެ ކުރިން ގެނައި ތިން ކުޅުންތެރިންނަކީ ބްރެޒިލްގެ ޒުވާން ފޯވާޑް ގަބްރިއެލް މާޓިނެލީ އާއި ފްރާންސްގެ އުއްމީދީ ޑިފެންޑަރު ވިިލިއަމް ސަލީބާ އަދި ލޯން އެއްބަސްވުމެއްގެ ދަށުން ރެއާލް މެޑްރިޑުން ގެނައި ސްޕެއިނުގެ ޒުވާން މިޑްފީލްޑަރު ޑެނީ ސަބާޔޯސް އެވެ.