ޒަމާނީ އިތުރު ޚިދުމަތްތައް ރާއްޖެއަށް ތައާރަފް ކުރާނަން: ނަޖީބު ޚާން
ޒަމާނީ އިތުރު ޚިދުމަތްތައް ރާއްޖެއަށް ތައާރަފް ކުރާނަން: ނަޖީބު ޚާން

ދުނިޔޭގެ ޓެކްނޮލޮޖީ އަށް އަންނަ އަވަސް ބަދަލުތަކާ އެކު، އުރީދޫން ރާއްޖެ އަށް ތައާރަފްކުރާ އާ ހިދުމަތްތައް ވެސް އިތުރު ކުރާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވެއްޖެ އެވެ.

އުރީދޫގެ 14 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، އާންމުކޮށްފައިވާ ވީޑިއޯ މެސެޖުގައި ނަޖީބު ވިދާޅުވީ، ޚިދުމަތްތައް ފަސޭހައިން ހޯދުމަށް ތައާރަފް ކުރާ އެޕްލިކޭޝަންތަކާ އެކު ދިރިއުޅުމުގެ ކަންކަން މެނޭޖް ކުރުމަށް ބޮޑު ފަސޭހައެއް ލިބިފައިވާ ކަމަށެވެ.

އެގޮތުން އުރީދޫގެ "މަގޭ ޕްލޭން" އާއި "މައި އުރީދޫ" އެޕް އާއި އުރީދޫ ނެކްސްޓް އެޕްލިކޭޝަނުން ކަސްޓަމަރުންނަށް ބޮޑެތި ފަސޭހަތަކެއް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އުރީދޫން ކުރާ މި މަސައްކަތް ދާނީ ކުރިޔަށް. ދުނިޔެ އިން އެންމެ ބާރަށް އަޑުއިވެނީ އާޓިފިޝަލް އިންޓެލިޖަންސް އާއި ރޮބަޓިކްސް، ވާޗުއަލް ހިދުމަތްތައް. އުރީދޫން މިކަންކަމަށް ވަނީ ތައްޔާރުވެފައި،" އޭނާ ވިދާޅުވި އެވެ.

ނަޖީބު ވިދާޅުވީ، އުރީދޫން އަބަދުވެސް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަނީ، އެންމެ މަތީ ފެންވަރުގެ ޒަމާނީ ހިދުމަތްތައް ކަމަށެވެ. މިފެށުނު އާ އަހަރުގައި ވެސް އުރީދޫގެ ހިދުމަތްތައް އިތުރަށް ފުޅާ ކުރާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވައިފަ އެވެ.

އުރީދޫން ރާއްޖޭގެ މުވާސަލާތީ ހިދުމަތުގެ ތެރެއަށް ވަނީ އޮގަސްޓް 1، 2005 ގަ އެވެ. އެކުންފުނި އެންމެ ފުރަތަމަ ފެށީ ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސްގެ ނަމުގަ އެވެ. އަދި އޮކްޓޫބަރު، 2016 ގައި އުރީދޫއަށް ރީބްރޭންޑް ކުރި އެވެ.