15 ސެޕްޓެމްބަރ 2016 - 13:49

އައްޑޫގައި ތާރު އަޅައިގެން ހެދި މަގުތަކުގައި ހުރި ސްޕީޑް ބްރޭކަރުތަކަށް ބައެއް މީހުން ގެއްލުން ދިނުމާ ގުޅިގެން އެ އެއްޗެހި ނަގައިފި އެވެ.

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ބުނީ އެ އެއްޗެހި ނެގީ ސްޕީޑް ބްރޭކަރުތަކަށް ގެއްލުން ދީފައި ހުރުމާއި ހައުސިން މިނިސްޓްރީގެ އެންގުމަކަށް ކަމަށެވެ.
ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން އާންމު އައްޑޫގެ މަގުތަކުގައި، އިސްކުރު ޖަހައިގެން ބިމަށް ހަރުކޮށްފައި ހުރި ސްޕީޑް ބްރޭކަރުތަކަށް ގެއްލުންދިނީ، ބައެއް މީހުން ބުނާ ގޮތުގައި، ބާރު ސްޕީޑްގައި އެއްޗެހި ދުއްވާ މީހުންނެވެ. އެކަމަކު މިހާރު އެ ވާހަކައާ ދެކޮޅު ބައެއް މީހުން ބުނަނީ ސްޕީޑް ބްރޭކަރު ހަދާފައިވާ މެޓީރިއަލް އާއި ހަރުކޮށްފައި ހުރި ގޮތުން ވެސް އެ އެއްޗެހި ނެއްޓޭނެ ކަމަށެވެ.
"ކޮންމެ ސްޕީޑް ބްރޭކަރެއްގެ ވެސް އެއް ބައި، ދެ ބައި ނުވަތަ ތިން ބައި ވެސް ހުރޭ ނައްޓާލާފައި،" އާންމުންގެ މީހަކު ބުންޏެވެ.
އެމްއާރުޑީސީގެ އޮފިޝަލަކު ވިދާޅުވީ ހައުސިން މިނިސްޓްރީން އެންގިހާ އަވަހަށް އަނެއްކާވެސް ސްޕީޑް ބްރޭކަރުތައް ހަރުކުރާނެ ކަމަށެވެ.
ސްޕީޑް ބްރޭކަރުތައް ހަރުކުރުމުން ކުރިއަށް ވުރެ އެކްސިޑެންޓްތައް ހިނގުން މަދުވެފައިވާ ކަމަށް ބައެއް މީހުން ބުނެ އެވެ.
"އެއީ އެންމެންގެ ރައްކަލަކަށް އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއް. ބަޔަކު ބްރޭކަރުތަކަށް ގެއްލުންދީ، އޭގެ ބައިތައް ހަލާކުކޮށްލުމަކީ ވަރަށް ނާތަހުޒީބު އަމަލެއް،" ހިތަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
"ހަގީގަތުގައި ސްޕީޑް ބްރޭކަރުތައް އެޅި ފަހުން ބާރަށް ދުއްވާ ދުއްވުން އޮތީ ވަރަށް ބޮޑަށް ކޮންޓްރޯލްވެފައި."
ސްޕީޑް ބްރޭކަރުތައް އެއްކޮށް ނެގުމުން ބައެއް މީހުން ދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.
"މަގުތައް އެކަށީގެންވާ ގޮތަކަށް ނުބެލެހެއްޓޭތީ މިކަހަލަ ކަންކަން ދިމާވަނީ،" މަރަދޫ މީހަކު ބުންޏެވެ.
އައްޑޫ މަގުތަކުގައި ސްޕީޑް ބްރޭކަރުތައް އެޅީ، މަގުތަކުގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ޓްރާންސްޕޯޓް އޮތޯރިޓީން ކުރި ދިރާސާއަކަށް ފަހު އެގޮތަށް ލަފާ ދިނުމުންނެވެ.