03 އޯގަސްޓް 2019 - 13:25

ބެއިޖިން (އޮގަސްޓް 3) - ޗައިނާގެ ވެރިރަށް ބެއިޖިންގައި ހުރި ހަލާލް ރެސްޓޯރެންޓްތަކާއި ކާއެއްޗެހި ވިއްކާ ފިހާރަތަކުގައި އަރަބި ބަހުން ހުރި ނަންބޯޑްތަކާއި މުސްލިމުންގެ ނިޝާންތައް ނެގުމަށް ކަމާބެހޭ ފަރާތްތަކުން އަންގަން ފަށައިފި އެވެ.
ބެއިޖިންގައި ހަލާލް ކާނާ ވިއްކާ 11 ރެސްޓޯރެންޓާއި ފިހާރައިގެ އޮފިޝަލުން ވަނީ އިސްލާމް ދީނާ ގުޅުން ހުރި ހުރިހާ ނިޝާންތަކެއް ނެގުމަށް އަންގާފައި ކަމަށް ބުނެފަ އެވެ. އޭގެ ތެރޭގައި އަރަބި އަކަރުން "ހަލާލް" ލިޔެފައިވާ ނަން ބޯޑުތައް ވެސް ހިމެނެ އެވެ. ސަރުކާރުގެ އޮފިޝަލަކު ވަނީ ބެއިޖިންގައި ނޫޑްލްސް ވިއްކާ ކެފޭއެއްގައި ލިޔެފައިވާ ހަލާލް ނަން ބޯޑު އޭނާ ހުރެގެން ކަވަކޮށްފަ އެވެ.
"އެ މީހުން ބުނަނީ އެއީ އަރަބި ނަންތަކަކީ ބޭރުގެ ސަގާފަތެއް ކަމަށް. އަދި ޗައިނާގެ ސަގާފަތް ކުރިއަރުވަން ޖެހޭނެ ކަމަށް ބުނި،" އެއް ރެސްޓޯރެންޓެއްގެ މެނޭޖަރު ބުންޏެވެ.
ޗައިނާގައި އަރަބި އަކުރުން ލިޔެފައިވާ ނަންތަކާއި އަރަބިންގެ ސަގާފަތް ދައްކުވައިދޭ ނިޝާންތައް ނެގުމުގެ ކެމްޕޭން ފަށާފައި ވަނީ 2016 ވަނަ އަހަރުން ފެށިގެންނެވެ. އޭގެ ތެރޭގައި މިސްކިތުގެ ގުއްބު ގޮތަށް ހުންނަ ތަންތަން ނެގުން ވެސް ހިމެނެ އެވެ.
ޗައިނާގައި 20 މިލިއަން މުސްލިމުން އުޅުނު ނަމަވެސް އިސްލާމް ދީނުގެ އުސޫލުތަކަށް އެ މީހުން އުޅުމަށް ވަރަށް ބޮޑަށް ފިއްތުންތައް ކުރިމަތިކުރެ އެވެ. ޚާއްސަކޮށް ހުޅަނގުގެ ޝިންޖިއާން ސަރަހައްދުގައި އުޅޭ ވީގާރު މުސްލިމުން އިސްލާމް ދީނަށް އުޅުމަށް އެތައް ހުރަހެއް ކުރިމަތި ކުރެ އެވެ. ކޮންމެ ރޯދަ މަހަކު ވެސް ޝިންޖިއާންގައި ދުވާލު ރެސްޓޯރެންޓްތައް ހުޅުވާފައި ބެހެއްޓުމަށާއި ސްކޫލްތައް ނަމާދު ވަގުތަށް ބަންދު ނުކުރަން އަންގަ އެވެ.