19 ސެޕްޓެމްބަރ 2016 - 06:18

އަލްކާ ޔަގްނިކް ވަނީ ހިންދީ ފިލްމު އިންޑަސްޓްރީގައި ގާތްގަނޑަކަށް 30 އަހަރު މަސައްކަތް ކޮށްފަ އެވެ. އެހާ ޒަމާންވީއިރު ވެސް ލަވަ އަޑުއަހާ މީހުން އަލްކާގެ އަޑު ދެކެ ފޫއްސެއް ނުވެ އެވެ. މިދިޔަ އަހަރު ރިލީޒްކުރި ލަވަތަކުގެ ތެރެއިން އަލްކާ ކިޔައިދީފައިވާ "ތަމާޝާ"ގެ "އަގަރް ތުމް ސާތު ހޯ" ގިނަ ބަޔަކަށް އެހާ މަގްބޫލުވެގެން ދިއުމަކީ މީގެ ރަނގަޅު މިސާލެކެވެ.
މިހާރަކަށް އައިސް އަލްކާ މާ ގިނަ ލަވަތައް ރެކޯޑެއް ނުކުރެ އެވެ. އޭގެ ބަދަލުގައި ލައިވް ކޮންސަޓްތައް ދިނުމުގައި އަލްކާ އުޅެނީ މާ ބިޒީ ކޮށެވެ. އަލްކާ ބުނާ ގޮތުގައި ލައިވް ޝޯތައް ދިނުމަކީ ވަރަށް ތަފާތު އަދި ހިތްހަމަޖެހޭ ތަޖުރިބާއެކެވެ.
މިހާރު ނުކުންނަ ފިލްމުތަކަށް އާއްމުކޮށް އަލްކާ ލަވަކިޔައިދޭތަނެއް ނުފެނެ އެވެ. އެކަމާ ބެހޭ ގޮތުން އަލްކާ ބުނީ މިޒަމާނުގައި އުފައްދާ މިއުޒިކާ އޭނާ ހިތްހަމަނުޖެހޭ ކަމަށެވެ. އަދި މިހާރުގެ ލަވަތަކަކީ އޭނާ ކިޔާހިތްވާ ޒާތުގެ ލަވަތަކަކަށް ވެސް ނުވާ ކަމަށެވެ. އަލްކާ ކިޔާހިތްވަނީ މެލޮޑީ ރީތި ރޮމެންޓިކް ލަވަ ތަކެވެ. "އަގްރް ތުމް ސާތު ހޯ" ވެސް އެހާ ހިޓް ލަވައަކަށްވީ އޭނާއަށް އެ ލަވަ ކަމުގޮސްގެން ރީތިކޮށް ކިޔުނީމާ ކަމަށް ވެސް އަލްކާ ބުންޏެވެ.
އަލްކާ ބުނި ގޮތުގައި އެ ލަވަ ތައްޔާރުކުރި މިއުޒިކް ޑައިރެކްޓަރު އޭ.އާރް. ރަހްމާން އަލްކާ ނޫން މީހެއް ލައްވާ އެ ލަވަ ކިޔުއްވާކަށް ބޭނުމެއް ނުވި އެވެ. އެ ލަވަ ކިޔުމުގެ ފުރުސަތު އޭނާއަށް ލިބުނީ ރަހްމާންގެ ސަބަބުންނެވެ.
މިހާރު އަލްކާގެ ލަވަތައް މާގިނައިން ނީވޭ އެހެން ސަބަބެއް ވެސް އެބައޮތެވެ. މިހާރުގެ ލަވަތަކަށް ލޯބިކުރާ ގިނަ ޒުވާނުން އާ އަޑުތަކަށް ތަރުހީބު ދޭލެއް އިތުރުވުމުންނެވެ. ޚާއްސަކޮށް އެކި ރިއަލިޓީ ޝޯތަކުން މަޝްހޫރުވާ ލަވަކިޔުންތެރިން މިހާރު ފިލްމުތަކަށް ލަވަކިޔައިދިނުމުގެ މުޅިން އާ ދައުރެއް ވަނީ ފެށިފަ އެވެ. ނަމަވެސް މިފަދަ ގިނަ ތަރިންނަށް މާ ގިނަ ދުވަހު ހިފަހައްޓާ ނުލެވި ދެ ތިން ލަވައަކުން މަޝްހޫރު ވެލާފައި ފަނޑުވެގެން ދާތީ އެވެ.
އެހެންކަމުން އަލްކާ ކަހަލަ ހުނަރުވެރި އަދި ކުޅަދާނަ ލަވަކިޔުންތެރިންގެ ދައުރު ފިލްމު އިންޑަސްޓްރީގައި އެތައް ޒަމާނެއް ވަންދެން އަދިވެސް އޮންނާނެކަމަށް މިއުޒިކް އިންޑަސްޓްރީގައި އުޅޭ ގިނަ މީހުން ގަބޫލު ކުރެ އެވެ.