މިހާރު އެވޯޑްސް: އިންޑިވިޖުއަލް އެވޯޑަށް ވާދަކުރާ ކުޅުންތެރިން އިއުލާންކޮށްފި
މިހާރު އެވޯޑްސް: އިންޑިވިޖުއަލް އެވޯޑަށް ވާދަކުރާ ކުޅުންތެރިން އިއުލާންކޮށްފި

މިހާރު އެވޯޑްސްގައި ހޮވާ މިދިޔަ އަހަރުގެ އެންމެ މޮޅު އިންޑިވިޖުއަލް ފިރިހެން އަދި އަންހެން ކުޅިވަރު ކުޅުންތެރިޔާ އާއި 21 އަހަރުން ދަށުގެ އެންމެ އުއްމީދީ އިންޑިވިޖުއަލް ފިރިހެން އަދި އަންހެން ކުޅިވަރު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިންގެ ނަންތައް އިއުލާންކޮށްފި އެވެ.

މިހާރު އެވޯޑްސް: އިންޑިވިޖުއަލް އެވޯޑަށް ވާދަކުރާ ކުޅުންތެރިން އިއުލާންކޮށްފި
މިހާރު އެވޯޑްސް: އިންޑިވިޖުއަލް އެވޯޑަށް ވާދަކުރާ ކުޅުންތެރިން އިއުލާންކޮށްފި

މިހާރު އެވޯޑްސްގައި އަހަރުގެ އެންމެ މޮޅު އިންޑިވިޖުއަލް ކުޅުންތެރިޔާ ހޮވަނީ އެތުލެޓިކްސް، ބެޑްމިންޓަން، ޓޭބަލް ޓެނިސް އަދި ފެތުން އެއްކޮށްގެންނެވެ. މި އެވޯޑަށް ކުޅުންތެރިން ނޮމިނޭޓްކުރަނީ މިދިޔަ އަހަރު ރާއްޖޭގެ މުބާރާތްތަކުގައި ނެރުނު ނަތީޖާ އާއި ރާއްޖޭން ބޭރު މުބާރާތްތަކުގައި ހޯދި ކާމިޔާބީ އަށް ބެލުމަށް ފަހު ފަނޑިޔާރުންގެ ޕެނަލަކުންނެވެ. މި ޕެނަލުގައި ހިމެނެނީ ކޮންމެ ކުޅިވަރަކުން އެއް ފަނޑިޔާރާއި ކުޅިވަރުގެ ދެ ތަޖުރިބާކާރުންނާއި ނޫސްވެރިޔެކެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު އިންޑިވިޖުއަލް ފިރިހެން ކުޅިވަރު ކުޅުންތެރިޔާ އަށް ވާދަކުރަނީ 2017 ވަނަ އަހަރު މި އެވޯޑް ކާމިޔާބުކުރި ދުވުންތެރިޔާ ހަސަން ސާއިދާއި ހުސެއިން ފަޒީލް ހާރޫނާއި ފެތުންތެރިޔާ އަލީ އިމްއާން އާއި ބެޑްމިންޓަން ކުޅުންތެރިޔާ އަހުމަދު ތޯއިފާއި މުހައްމަދު އަޖުފާން ރަޝީދެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު އިންޑިވިޖުއަލް އަންހެން ކުޅިވަރު ކުޅުންތެރިޔާ އަށް ވާދަކުރަނީ މިދިޔަ އަހަރު މި އެވޯޑް ހޯދި ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަބްދުއްރައްޒާގާއި އައިމިނަތު ނަބީހާ އަބްދުއްރައްޒާގާއި ދުވުންތެރިޔާ ހިމްނާ ހަސަން އާއި ފެތުންތެރިޔާ އައިޝަތު ސައުޝަން އަދި ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އެވެ.

މިދިޔަ އަހަރުގެ 21 އަހަރުން ދަށުގެ އެންމެ އުއްމީދީ ފިރިހެން ކުޅިވަރު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ ފެތުންތެރިޔާ އިމްއާން އާއި ބެޑްމިންޓަން ކުޅުންތެރިޔާ ނިބާލް އަހުމަދާއި ދުވުންތެރިޔާ މުހައްމަދު ނާއިލް އެވެ. އަދި 21 އަހަރުން ދަށުގެ އެންމެ އުއްމީދީ އަންހެން ކުޅިވަރު ކުޅުންތެރިޔާގެ މަގާމަށް ނޮމިނޭޓްވެފައިވަނީ ދުވުންތެރިޔާ ހިމްނާ އާއި ޓީޓީ ކުޅުންތެރިޔާ ދީމާ އަދި ފެތުންތެރިޔާ ހަމްނާ އަހުމަދެވެ.

އަންނަ ހޯމަ ދުވަހުގެރޭ ބާއްވާ މިހާރު އެވޯޑްސްގައި ދެން ހިމެނޭ އެވޯޑްތަކުގެ ތެރޭގައި އަހަރުގެ އެންމެ މޮޅު، ދެ ވަނަ އަދި ތިން ވަނަ ފުޓްބޯޅަ ކުޅުންތެރިޔާ އާއި 21 އަހަރުން ދަށުގެ އެންމެ އުއްމީދީ ފުޓްބޯޅަ ކުޅުންތެރިޔާ އާއި އެންމެ ގިނަ ގޯލް ޖަހާ ކުޅުންތެރިޔާ އަށް ދޭ ރަންބޫޓް ހިމެނެ އެވެ. މީގެ އިތުރުން ވޮލީބޯޅާއިން ދެ ޖިންސުން އެންމެ މޮޅު، ދެ ވަނަ އަދި ތިން ވަނަ ކުޅުންތެރިޔާ އާއި ދެ ޖިންސުން 21 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ ހޮވާނެ އެވެ.

މިހާރު އެވޯޑްސްގައި ދެން ހިމެނޭ އެންމެ މުހިއްމު އެއް ބަޔަކީ ސްޕެޝަލް ރިކޮގްނިޝަން އެވޯޑްސްތަކެވެ. މި އެވޯޑް ލިބޭނީ ބައިނަލްއަގްވާމީ ކުޅިވަރުގެ މައިދާނުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާ ދިވެހި ހުނަރުވެރިންނަށާއި ކުޅިވަރުގައި ގިނަ ދުވަހު ޚިދުމަތްކުރި ބައެއް ފަރާތްތަކަށެވެ. ކުރީގެ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޒާހިރު ނަސީރުގެ ހަނދާނާއު ޝަރަފްގައި ދޭ "ޒާހިރު ނަސީރު އެވޯޑް" އަކީ އަހަރުގެ ކުޅިވަރު ޝަހުސިއްޔަތަށް ހާއްސަ އަގުވަޒަންކުރުމެކެވެ. މިއީ ދިގު މުއްދަތެއްގައި ދިވެހި ކުޅިވަރަށް ޚިދުމަތްކޮށް ދޭ ފަރާތަކަށް ދޭ ލައިފްޓައިމް އެޗީވްމަންޓް އެވޯޑެކެވެ.

މިހާރު އެވޯޑްސްގެ މެއިން ސްޕޮންސަރުންނަކީ އުރީދޫ މޯލްޑިވްސް އާއި އެލައިޑް އިންޝުއަރެންސް އެވެ. މީޑިއާ ޕާޓްނަރަކީ ރާއްޖޭގެ އެންމެ ބޮޑު އެއް މީޑިއާ ކަމަށްވާ ވީމީޑިއާ އެވެ. އެވޯޑް ފަރުމާކޮށްދީ އަދި ބްރޭންޑްކޮށްދީ މީގެ އިތުރުން އެވޯޑާ ގުޅޭ މާކެޓިންގެ ގިނަ މަސައްކަތްތަކެއްކޮށްދެނީ އެޑްވަޓައިޒިން ޕާޓްނަރު، ތިންކް އެޑްވަޓައިޒިން އިންނެވެ. އަދި އެސޯސިއޭޓް ޕާޓްނަރުންނަކީ ސޮނީ ސްޕޯޓްސް، ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)، ވެލިގާ ހާޑްވެއާ، ބީއެޗްއެމް އަދި ޕްރިންޓް ލެބް އެވެ.

ސްޕޮންސަރުން ފާހަގަކުރާ ގޮތުގައި މި އެވޯޑްސް އަކީ ރާއްޖޭގެ ކުޅިވަރު ތަރިންނާއި އަދި ޒުވާނުންގެ ކުރިއެރުމަށް މުހިއްމު އެވޯޑެކެވެ. މި އެވޯޑްސްގައި ބައިވެރިވާ އެންމެ ބޮޑު ސަބަބަކީ ކުޅިވަރާއި ޒުވާނުންނަށް ހިދުމަތްކުރުން ކަމަށް، ޕާޓްނަރުން ބުނެ އެވެ. އަދި މިއީ ރާއްޖޭގައި ކުޅިވަރުގައި ދޭ މިފަދަ ހަމައެކަނި އެވޯޑަށް ވާތީ ކުޅިވަރު ކުރިއަރުވަން މިކަމަށް ފުރިހަމަ އެއްބާރުލުން ދޭން ބޭނުންވާކަން ވެސް އެ ފަރާތްތަކުން ފާހަގަކުރި އެވެ.