01 އޯގަސްޓް 2019 - 14:21

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިއްސާދާރުންނަށް ދިނުމަށް ނިންމާފައިވާ ފައިދާ ބެހުމުގެ މަސައްކަތް އެކުންފުނިން ފަށައިފި އެވެ.
ބީއެމްއެލް އިން ބުނީ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ ސާފު ފައިދާ އިން ހިއްސާއަކަށް 24ރ. ގެ މަގުން 129 މިލިއަން ރުފިޔާ ބަހަން ނިންމާފައިވާ ކަމަށެވެ. މި ހިއްސާގެ ފައިދާ ބަހަނީ މިދިޔަ މަހުގެ 15 އާ ހަމަޔަށް ބޭންކްގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ތިބި މީހުންނަށެވެ.
މިފައިސާގެ ތެރެއިން އެކައުންޓްތަކަށް ޖަމާކުރުމަށް އެދުނު މީހުންނަށް އިއްޔެ ވަނީ ޖަމާކޮށްދީފަ އެވެ. އަދި އެކައުންޓަށް ޖަމާކުރުމަށް އެދިފައިނުވާ މީހުން ވެސް އެމީހުން ޖަމާކުރަން ބޭނުންވާ އެކައުންޓްގެ ތަފްސީލުތައް އެކުންފުނީގެ މައި އޮފީހުގެ ހަ ވަނަ ފްލޯގައި ހުންނަ ކޯޕަރޭޓް އެފެއާޒް ޔުނިޓަށް ދިނުމަށް ބޭންކުން އެދެ އެވެ.
މީގެ އިތުރުން ހިއްސާގެ ފައިދާގެ ގޮތުގައި ފައިސާ ނަގަން ބޭނުންވާ މީހުން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން 02:00 އަށް ކޯޕަރޭޓް އެފެއާޒް ޔުނިޓަށް ދިޔުމުން ލިބޭނެ އެވެ.
ހިއްސާގެ ފައިދާ ލިބޭނީ އައިޑީކާޑުގެ އަސްލު ގެންނަ ފަރާތްތަކަށެވެ. ބަދަލުގައި މީހަކު ފޮނުވާ ނަމަ ހިއްސާދާރުގެ ސިޓީއެއް ބޭނުންވާނެ އެވެ.
އެކުންފުނީގެ ހިއްސާއާ ބެހޭ މައުލޫމާތު 3330192 އަށް ގުޅައިގެން ހޯދާނެ އެވެ.