ޓްރެވަލް އެވޯޑްސްގެ ސިލްވާ ސްޕޮންސަރަކަށް އެލައިޑް
ޓްރެވަލް އެވޯޑްސްގެ ސިލްވާ ސްޕޮންސަރަކަށް އެލައިޑް

މަޓާޓޯ އިން ކޮންމެ އަހަރަކު ބާއްވާ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ މި އަހަރުގެ ސިލްވާ ސްޕޮންސަރަކަށް އެލައިޑް އިންޝުއަރެންސް ހަމަޖައްސައިފި އެވެ.

މި އެއްބަސްވުމުގައި އެލައިޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަފާޒެވެ. މަޓާޓޯގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސް އަބްދުﷲ ސުއޫދެވެ.

އެލައިޑުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަފާޒު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް މަޓާޓޯ އިން ކުރާ މަސައްކަތްތަކަށް އެ ކުންފުނިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި މަޓާޓޯއާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަޓާޓޯ ޓްރެވަލް އެވޯޑަކީ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ވަރަށް ގިނަ މަސައްކަތްކުރާ ބައެއް. މި އެވޯޑަކީ ހާއްސަކޮށް މި އިންޑަސްޓްރީގެ ބޭފުޅުންގެ އަގު ވަޒަންކުރުމަށް ދެވޭ އެވޯޑެެއް. އެހެންވީމާ މަޓާޓޯ މި ކުރައްވާ މަސައްކަތަށް އަޅުގަނޑމުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑުމެން މި ސަޕޯޓް ދޭނެ ކަމުގެ ޔަގީންކަން އަރުވަން،" ޝަފާޒު ވިދާޅުވި އެވެ.

ޓްރެވަލް އެވޯޑަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް 2012 ވަނަ އަހަރުން ފެށިގެން މަޓާޓޯ އިން ދޭ އެވޯޑެކެވެ. މި އެވޯޑުގެ ގާލާ ނައިޓަކާއި ގެސްޓް ހައުސް އެޑިޝަނެއް ބާއްވަން ވަނީ ހަމަޖެހިފަ އެވެ.