ރޭޕުގެ ޝިކާރައަކަށްވި ކުއްޖާ އަށް ބިރުދެއްކި މައްސަލަ ސުޕްރީމް ކޯޓުން ބަލަނީ
ރޭޕުގެ ޝިކާރައަކަށްވި ކުއްޖާ އަށް ބިރުދެއްކި މައްސަލަ ސުޕްރީމް ކޯޓުން ބަލަނީ

ނިއު ދިއްލީ (އޮގަސްޓް 1) - ރޭޕުގެ ޝިކާރައަކަށްވި އިންޑިއާގެ ކުޑަ އަންހެން ކުއްޖާ ދަތުރުކުރި ކާރު އެކްސިޑެންޓްވި ހާދިސާގައި އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ބާރުގަދަ ސިޔާސީ ފަރާތަކަށް ކުރާ ތުހުމަތުތައް އެ ގައުމުގެ ސުޕްރީމް ކޯޓުން ބަލަން ނިންމައިފި އެވެ.

ރޭޕުގެ ޝިކާރައަކަށްވި ކުއްޖާ އަށް ބިރުދެއްކި މައްސަލަ ސުޕްރީމް ކޯޓުން ބަލަނީ
ރޭޕުގެ ޝިކާރައަކަށްވި ކުއްޖާ އަށް ބިރުދެއްކި މައްސަލަ ސުޕްރީމް ކޯޓުން ބަލަނީ

މީހަކު މަރާލަން އުޅުނު ކަމަށް ތުހުމަތުކޮށް ފުލުހުން ތަހުގީގު ކުރަނީ ބީޖޭޕީގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ކުލްދީފް ސެންގަރުގެ މައްސަލައެކެވެ. އަންހެން ކުއްޖާ ކުޑައިރު، 2017 ގައި، ސެންގަރު ވަނީ އެ ކުއްޖާ ރޭޕްކޮށްފަ އެވެ. ރޭޕުގެ ތަހުގީގު ކުރިއަށްދާތީ ސެންގަރު މިހާރު ހުރީ ޖަލުގަ އެވެ.

އުއްތަރަ ޕްރަދޭޝް ސްޓޭޓުގައި ޓްރަކެއްގައި ކާރު ޖެހި އާދިއްތަ ދުވަހު ހިނގި އެ އެކްސިޑެންޓުގައި ކާރުގައި އިން އަންހެން ކުއްޖާގެ ދެ ބޮޑުދައިތައިން ވަނީ މަރުވެފަ އެވެ. އަދި އަންހެން ކުއްޖާ އާއި އޭނާގެ ވަކީލް ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފަ އެވެ. ހޮސްޕިޓަލްގައި މިހާރު ފަރުވާދޭ އަންހެން ކުއްޖާގެ ހާލު ވަރަށް ސީރިއަސް ކަމަށްވެ އެވެ.

އެކްސިޑެންޓުގެ ކުރިން ވެސް އަންހެން ކުއްޖާގެ އާއިލާ އިން ވަނީ ސެންގަރުގެ ފަރާތުން އެ މީހުންނަށް ނުރައްކާތެރި އިންޒާރުތައް ލިބެމުންދާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވައިފަ އެވެ.

އިންޑިއާގެ އުއްތަމަ ފަނޑިޔާރު ރަންޖަން ގޮގޮއި ވިދާޅުވީ އެ މައްސަލަ އެންމެ މަތީ ކޯޓުން ބަލާނެ ކަމަށެވެ. އަދި މައްސަލައިގެ ފަހުގެ ރިޕޯޓެއް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އުއްތަމަ ފަނޑިޔާރު ވަނީ ކަމާބެހޭ ފަރާތްތަކަށް އަންގަވައިފަ އެވެ.

ރޭޕުގެ މައްސަލަ އާއި ކާރު އެކްސިޑެންޓުގެ މައްސަލަ އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

އިންޑިއާގެ އިދިކޮޅު ފަރާތްތަކުން ވަނީ ސެންގަރު ހިމާޔަތް ކުރަން ބީޖޭޕީން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ. ރޭޕުގެ މައްސަލައިގައި ސަރުކާރުން ހިމޭނުން އޮންނަ ކަމަށް ބުނެ އިދިކޮޅު ވަރަށް ގިނަ މެންބަރުން އިއްޔެ ވަނީ ޕާލަމެންޓުގެ ބައްދަލުވުން ދޫކޮށް ނުކުމެފަ އެވެ. އަދި އެ މައްސަލަ ބަލަން ސުޕްރީމް ކޯޓުން ނިންމުމުން އިދިކޮޅު ފަރާތްތަކުން ވަނީ މަރުހަބާ ކިޔައިފަ އެވެ.

އެޕްރީލް 2018 ގައި އަންހެން ކުއްޖާ ވަނީ އޭނާ ރޭޕްކުރި މައްސަލަ އަށް ސަމާލުކަން ހޯދުމުގެ ގޮތުން ސްޓޭޓުގެ ޗީފް މިނިސްޓަރު ޔޯގީ އަދިތިޔާނާތުގެ ގޭގެ ކުރިމަތީގައި އަމިއްލަ ހަށިގަނޑުގައި ރޯކޮށްލަން މަސައްކަތް ކޮށްފަ އެވެ. އޭގެ އެއް ދުވަސް ފަހުން އެ ކުއްޖާގެ ބައްޕަ ވަނީ ޖަލުގައި މަރުވެފަ އެވެ. އޭގެ ހަފުތާއެއް ކުރިން އަންހެން ކުއްޖާގެ ބައްޕަ އަށް ވަނީ ސެންގަރުގެ ކޮއްކޮއެއް ކަމަށްވާ އަތުލް ސެންގަރާއި އޭނާގެ ސަޕޯޓަރުންތަކެއް ޖަލުގައި ހަމަލާދީފަ އެވެ.