ނިޔަފަތިތަކުގެ ކުލަ އާއި ސިފައަށް އަންނަ ބަދަލަށް ސަމާލުވޭ
ނިޔަފަތިތަކުގެ ކުލަ އާއި ސިފައަށް އަންނަ ބަދަލަށް ސަމާލުވޭ

ހަށިގަނޑަށް އަންނަ ކުޑަކުޑަ ބަދަލަކީ ވެސް ސިއްހަތަށް ކޮންމެވެސް އަސަރެއް ކޮށްފިކަމުގެ ނިޝާނެކެވެ. ނިޔަފައްޗަށް ބަލާލިޔަސް މީގެ ރަނގަޅު މިސާލުތަކެއް ފެންނާނެ އެވެ.

ނިޔަފަތިތަކުގެ ކުލަ އާއި ސިފައަށް އަންނަ ބަދަލަށް ސަމާލުވޭ
ނިޔަފަތިތަކުގެ ކުލަ އާއި ސިފައަށް އަންނަ ބަދަލަށް ސަމާލުވޭ

ނިޔަފައްޗަކީ ހަށިގަނޑުގެ ބައިތަކުގެ ތެރެއިން މީހުންނަށް އެންމެ އަޅާ ނުލެވޭ ބައެވެ. ނަމަވެސް ހަށިގަނޑުގެ ސިއްހީ ހާލަތު އެންމެ ރަނގަޅަށް ދައްކުވައިދޭ އެކައްޗަކީ ނިޔަފައްޗެވެ.

ބައެއް އިތުރު ކަންތައްތައް ވެސް ނިޔަފަތިން ހާމަވެ އެވެ. އޭގެ ތެރޭގައި އެމީހެއްގެ ސާފުތާހިރުކަން ހުރި މިންވަރާއި މަސައްކަތްކުރާ މިންވަރު ހިމެނެ އެވެ. އަދި އެމީހެއްގެ ގައިގައި ފުރާނައަށް ނުރައްކާވާ ވަރުގެ ބައްޔެއް ހުރި ނަމަވެސް ވަރަށް ގިނަ ފަހަރު ނިޔަފަތިން އެކަން ހާމަވެ އެވެ. ހަމުގެ ކެންސަރު ފަދަ ނުރައްކާތެރި ބަލިތައް ވެސް މެ އެވެ.

އިންޑިއަން އެކްސްޕްރެސްގައި އިންޑިއާގެ ސީތާރާމް ބާރަތިޔާ އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ރިސާޗްގެ ޗީފް މެޑިކަލް އޮފިސަރު ޑރ. ޕަންކަޖް ޕަހަލްވާލް ވަނީ ނިޔަފައްޗަށާއި އޭގެ ކުލައަށް އަންނަ ބަދަލުތަކާ ސިއްހީ ބޮޑެތި މައްސަލަތަކާ ހުރި ގުޅުން ކިޔައިދެއްވާފަ އެވެ.

ނިޔަފައްޗަށް ރީނދޫ ކުލަ އަރާ ނަމަ އޭގެ މާނައަކީ އެމީހެއްގެ ހަށިގަނޑުގައި ލޭ މަދުވުމެވެ. ނިޔަފަތިތައް ބޯވެފައި ހަރުވެ އަދި ރީނދޫ ކުލަ އަރާފައިވާ ނަމަ ނިޔަފަތިތަކުގެ އަޑީގައި ފަންގަލް އިންފެކްޝަނެއް ހުރުން ގާތެވެ. މީގެ އިތުރުން ނިޔަފަތި ރީނދޫވުމާއި ނޭވާލުމުގެ ނިޒާމުގެ މައްސަލަތައް، ހަކުރު ބަލި އަދި ތައިރޮއިޑް މައްސަލަތަކާ ވެސް ގުޅުވާލެވިދާނެ އެވެ. ނިޔަފަތިތައް ރީނދޫވެ، މުރަނަވެ ދިގު ރޮނގުތަކެއް އެޅިފައި ހުއްޓާ ގިނައިން ފެންނަނީ އަންހެނުންގެ އެވެ. ސަބަބަކީ އަންހެނުންނަކީ ވަރަށް ފަސޭހައިން ލޭ މަދުވެދާނެ ބަޔަކަށް ވާތީ އެވެ.

ފިރިހެނުންގެ ތެރެއިން މިގޮތަށް ނިޔަފަތި ހުންނަނީ އަބަދު ލޮނު ފެނަށް އަތް ލައިގެން އުޅޭ މަސްވެރިންގެ އެވެ.

ރީނދޫވެ މުރަނަވެފައިވާ ނިޔަފަތިތައް ހުންނަނީ ސޮރޮޔަސިސް ކިޔާ ބައްޔަކުން ކަމަށް ވެސް ވެދާނެ އެވެ. މި ބަލި ޖެހުމުން ހަމުގެ ސެލްތައް އެއްތަނެއްގައި ޖަމާވެ ހުޅުނބު ކަހަލަ އެއްޗެހިތަކެއް އުފެދެ އެވެ. އަދި ހަންގަނޑު ހިކުމާއި ވުމާއި ހިރުވުން ފަދަ ކަންތައް މެދުވެރިވެ އެވެ.

އާދަޔާޚިލާފަށް ހުދުކުލައިގެ ނިޔަފަތިތައް ހުރި ނަމަ އެއީ ލިވާ ނުވަތަ ކިޑްނީގެ ބައްޔެއްގެ ނިޝާނަކަށް ވެދާނެ އެވެ. ޑޮކްޓަރުންނަށް މިފަދަ މީހުން ފެންނައިރަށް އަވަހަށް ކިޑްނީ އާއި ލިވާ ޓެސްޓްކުރަން ފޮނުވަ އެވެ.
ނިޔަފަތީގައި ކަޅުކުލައިގެ ރޮނގުތަކެއް ދެމިފައި ހުރި ނަމަ އެއީ ހަމުގެ ކެންސަރުގެ ބާވަތަކަށް ވެދާނެ އެވެ. ސަބަންގުއަލް މެލަނޯމާ ކިޔާ މި ވައްތަރުގެ ކެންސަރު ޖެހެނީ ނިޔަފަތިތަކުގެ އަޑީގައިވާ ބަޔަށެވެ.

ނިޔަފަތިތަކުގެ ކުލަ މަރުވެފައި ހުރުން އަދި މުރަނަވުމަކީ ހަމައެކަނި ލޭ މަދުވުމުގެ ނިޝާނެއް ނޫނެވެ. އެއީ ފަންގަލް އިންފެކްޝަނެއް ނުވަތަ ސްޓެފްލްކޯކަސް ބެކްޓީރިއަލް އިންފެކްޝަނަކަށް ވެދާނެ އެވެ. މީގެ އިތުރުން ވިޓަމިން އޭ، ބީ އަދި ސީ މަދުވުމުން ވެސް ނިޔަފައްޗަށް މި ބަދަލު އަތުވެދާނެ އެވެ. ނިޔަފަތީގައި ރެނދު އަޅައި ފަޅައިގެންދިއުން ފަދަ ކަންތައްވާ ނަމަ އެއީ ތައިރޮއިޑް ބަލި، ޚާއްސަކޮށް ހައިޕޮތައިރޮއިޑިޒަމްގެ ސަބަބުން ކަމަށް ވެދާނެ އެވެ.

ކްލަބިން އަކީ ވެސް ނިޔަފައްޗަށް ޖެހޭ ބައްޔެކެވެ. މި ބަލި ޖެހުމުން ނިޔަފަތިތައް އެތެރެއަށް ބަޅުވެ، ބޮޑެތިވެ އެވެ. ޑޮކްޓަރު ވިދާޅުވީ މިއީ ނޭވާލާ ނިޒާމުގެ ބައްޔެއްގެ ނިޝާނަށް ވެދާނެ ކަމަށެވެ. ޚާއްސަކޮށް ކްރޮނިކް ބްރޮންކައިޓިސް އާއި ފުއްޕާމޭގެ މައްސަލައެއް ފަދަ ކަމެކެވެ.

ނިޔަފަތިގަނޑުގައި ބިހިތަކެއްހެން ނުވަތަ ކުދިކުދި ބޯޅަތަކެއްހެން ތަންތަންކޮޅު އުފުލިފައި ހުރުމަކީ ވެސް ސިއްހީ މައްސަލައެއްގެ ނިޝާނަކަށް ވެދާނެ އެވެ. މިއީ ރިއުމެޓޮއިޑް އާތުރައިޓިސް، ހަކުރުބަލި އަދި ތައިރޮއިޑް ހުރެއްޖެ ނަމަ ފެނިދާނެ ނިޝާނެކެވެ.

ޑޮކްޓަރުން އިރުޝާދު ދެއްވަނީ ނިޔަފަތިތައް ސާފުތާހިރުކޮށް ބެހެއްޓުމަށް ސަމާލުކަން ދިނުމަށެވެ. އަދި ފަންގަލް އިންފެކްޝަނެއް ނިޔަފައްޗަށް ޖެހިދާނެ ކަންތައްތަކުން ދުރުހެލިވުމަށެވެ. ކެއުމުގައި ވިޓަމިން އޭ، ވިޓަމިން ބީ އަދި ވިޓަމިން ސީ ހިމެނޭ ތަރުކަރީ އާއި މޭވާ ގިނައިން ބޭނުން ކުރުމަށެވެ.